ސްރީ ލަންކާއަށް ދިމާވެފައިވާ އިގްތިސާދީ ހާލަތުން އަރައިގަތުމަށް ލައިން އޮފް ކްރެޑިޓްގެ ދަށުން އިންޑިއާއިން ލަންކާއަށް ދެމުން އަންނަ އެހީ 3.9 ބިލިޔަނަށް އިތުރުކޮށްފިއެވެ.
އެހީގެ މި ސިލްސިލާ ފެށުނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގައެވެ. އެގޮތުން ލަންކާ ތެލަށް ޖެހިފައިވާ ހާލަތުން އަރައިގަތުމަށް 500 މިލިޔަން ޑޮލަރުގެ ޕެޓްރޯލިއަމް އުފެއްދުންތައް އިންޑިއަން އޮއިލް ކޮމްޕެނީން، ލައިން އޮފް ކްރެޑިޓްގެ ދަށުން ފޯރުކޮށްދިނެވެ.
އެއަށްފަހު އޭޕްރީލް 2022 ގައި އިތުރު 200 މިލިޔަން ޑޮލަރުގެ ޕެޓްރޯލިއަމް އުފެއްދުން ދޫކުރިއެވެ.
އެއަށްފަހު ލަންކާގެ ޒަރޫރީ ކަންކަން ހަމަޖެއްސުމަށް އިންޑިއާގެ އެގްޒިމް ބޭންކާއި ސްޓޭޓް ބޭންކް އޮފް އިންޑިއާ ހިމެނޭހެން 1500 މިލިޔަން ޑޮލަރުގެ އެކްސްޕޯޓް ކްރެޑިޓް ފެސިލިޓީ ފޯރުކޮށްދިނެވެ. އަދި ލަންކގެ ފޮރިން ރިޒާވް ހަރުދަނާ ކުރުމަށް އެގްރީމެންޓެއްގެ ދަށުން 400 މިލިޔަން ޑޮލަރު އިތުރަށް ދީފައިވެއެވެ.
މިގޮތުން ކުރީގެ އަދަދަށް މިފަހަރު އަލަށް އިތުރުކޮށްފައިމިވަނީ ޒަރޫރީ ކަންކަމަށް އެއް ބިލިޔަން ޑޮލަރުގެ ކްރެޑިޓް ލައިނަކާއި ތެލާއި ގުޅޭ ކަންކަމަށް 500 މިލިޔަން ޑޮލަރުގެ ކްރެޑިޓް ލައިނަކާއި ގަސްކާނާގެ ކަންކަމުގެ އެހީތެރިކަމަށް 55 މިލިޔަން ޑޮލަރުގެ ކްރެޑިޓް ލައިނެކެވެ.
އަވަށްޓެރި އިންޑިއާގެ އެހީތެރިކަމާއެކު ގައުމުގެ ހާލަތު ރަނގަޅު ކުރުމަށް ސްރީ ލަންކާއިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އިންޑިއާގެ މި އެހީތެރިކަމަކީ އެ ގައުމުން ގެންގުޅޭ ނެއިބަރހުޑް ފަސްޓް ޕޮލިސީގެ ދަށުން ފޯރުކޮށްދެމުން އަންނަ އެހީތެރިކަން ކަމުގައި އިންޑިއާ އަދި ލަންކާއިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް