ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީ އެހީއަށް އެދި ދެން ހުށަހަޅަންޖެހޭނީ ޑިޖިޓަލް ޕޯޓަލް މެދުވެރިކޮށް ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން މިއަދު ބުނެފިއެވެ.
މިކަން ހާމަކޮށް އެންސްޕާ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދެވޭ މާލީ އެހީއަށް އެދި ހުށަހަޅާ ފަރާތްތަކުން، ދެން ފޯމު ހުށަހަޅަން ޖެހޭނީ "ނޭޝަނަލް ޑިސްއެބިލިޓީ ރެޖިސްޓްރީ (އެންޑީއާރު)" ގެ ޑިޖިޓަލް ޕޯޓަލް މެދުވެރި ކޮށް ކަމަށެވެ.
އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނުގެ ދަށުން ރާއްޖޭގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޤާއުމީ ދަފުތަރު މިމަހުގެ ފަސްވަނަ ދުވަހު އެކުލަވާލައިފައިވާ ކަމަށް އެންސްޕާގެ އިއުލާނުގައި ބުނެފައި ވެއެވެ.
އެގޮތުން އެންސްޕާ އިން ބުނީ 16 ޖަނަވަރީ 2023 އިން ފެށިގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީ އެހީއަށް އެދި ހުށަހަޅާ ފަރާތްތަކުން ފޯމު ހުށަހަޅުއްވާނީ "ނޭޝަނަލް ޑިސްއެބިލިޓީ ރެޖިސްޓްރީ (NDR)" ގެ ޑިޖިޓަލް ޕޯޓަލް (ndr.nspa.gov.mv) މެދުވެރިކޮށް ކަމަށެވެ.
މި ޕޯޓަލް މެދުވެރިކޮށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޤައުމީ ދަފްތަރުގައި ރަޖިސްޓްރީކުރެވޭ ފަރާތްތަކުގެ ތެރެއިން މާލީއެހީއަށް އެދޭ ފަރާތްތަކަށް، މިހާރުވެސް އަމަލުކުރާ ފަދައިން، ދަފްތަރުގައި ރަޖިސްޓްރީވާ މަހުން ފެށިގެން އެލަވަންސް ޖަމާކޮށްދެވޭނެ ކަމަށް އެންސްޕާ އިން ހާމަކުރެއެވެ.
އެންސްޕާ އިން ބުނީ ޑިޖިޓަލް ޕޯޓަލް ބޭނުންކުރަން ފެށިޔަސް، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދެވޭ މާލީ އެހީ މިހާރު ލިބެމުން އަންނަ އެއްވެސް ފަރާތެއްގެ އެހީ މެދުކަނޑާލެވިގެން ނުދާނެ ކަމަށާއި އެމީހުންގެ މައުލޫމާތު ދަފުތަރުން ފެންނަން ހުންނާނެ ކަމަށެވެ.
އަދި އެ މައުލޫމާތު ދަފުތަރުގައި އަޕްޑޭޓުކޮށް އިތުރަށް ބޭނުންވާ މައުލޫމާތު ޑިޖިޓަލް ޕޯޓަލް މެދުވެރިކޮށް ފުރިހަމަކުރުމަށް އިސްކަމެއްދިނުމަށް އެންސްޕާ އިން ވަނީ އެދިފައެވެ
މީގެ އިތުރުން މި ދަފްތަރު ވުޖޫދުވުމުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީ އެހީ މިހާރު ލިބެމުންދާ އެއްވެސް ފަރާތެއްގެ އެހީ މެދުކަނޑާލެވިގެން ނުދާނެ ކަމަށާއި އެފަރާތްތަކުގެ މަޢުލޫމާތު ދަފްތަރުން ފެންނަން ހުންނާނެ ކަމަށް އެންސްޕާ އިން ބުނެފައި ވެއެވެ.
އަދި އެފަރާތްތަކުގެ މަޢުލޫމާތު ދަފްތަރުގައި އަދާހަމަކުރުމަށް އިތުރަށް ބޭނުންވާ މަޢުލޫމާތު ޕޯޓަލް މެދުވެރިކޮށް ފުރިހަމަކުރުމަށް އިސްކަމެއް ދިނުމަށް ވެސް އެންސްޕާއިން އިލްތިމާސްކޮށްފައި ވެއެވެ.
އެންސްޕާ އިން ވަނީ މިގެނެވުނު ބަދަލާއި މެދު އެއްވެސް މަޢުލޫމާތެއް ސާފުކުރެއްވުމަށް އެދޭނަމަ ނުވަތަ ފޯމު ފުރުމުގައި އެހީތެރިކަން ބޭނުންވާނަމަ، އެ އެޖެންސީގެ ހޮޓްލައިން 1402 (ރަސްމީބަންދުނޫން ދުވަސްދުވަހު 8:00 އިން 2:00 އަށް) ގުޅުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރުމަށް އެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް