ތުރުކީގެ ސަޚްތަރު ޑޮނެސްކަށް ކުޅެމުން އަންނަ ޔުކްރެއިންގެ ޒުވާން ފޯވާޑް މިކައިލޯ މުޑްރިކް ޗެލްސީއާއި ގުޅިއްޖެއެވެ.
އިނގިރޭސި މިޑިއާތަކުން ބުނާ ގޮތުން މުޑްރިކް ޗެލްސީއާއި ގުޅުނީ އަށް އަހަރާއި ބައިގެ އެއްބަސްވުމެއްގެ ދަށުން 70 މިލިއަން ޔޫރޯ އަށެވެ.
މުޑްރިކް ޗެލްސީއާއި ގުޅުނުއިރު، ޗެލްސީއާއި އެންމެ ވާދަވެރި އާސެނަލުން ވެސް ވަނީ އޭނާ ހޯދުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް އާސެނަލް އަށް އެކަން ކާމިޔާބު ނުވެގެން އުޅެނިކޮށް ޗެލްސީން މިވަނީ މުޑްރިކްގެ ޑީލް ނިންމާފައެވެ.
ޗެލްސީއަށް ބަދަލުވުމަށް ފަހު މީޑިއާއާއި ވާހަކަ ދައްކަމުން މުޑްރިކް ބުނީ ޗެލްސީ ކަހަލަ ވަރުގަދަ މަޝްޙޫރު ކުލަބަކުން ފުރުސަތު ލިބުމުން ވަރަށް އުފާވާ ކަމަށާއި ޕްރިމިއާ ލީގު ހަކަލަ ބޮޑު ލީގެއްގައި ކުޅެން ފުރުސަތު ލިބުމަކީ ގިނަ ކުރިއެރުންތަކެއް ލިބިގެންދާނޭ ސަބަބެއް ކަމަށެވެ.
"“ޗެލްސީއަށް ބަދަލުވެވުމުން ވަރަށް އުފާވެއްޖެ. މިއީ ޔޫރަޕުގެ މަޝްޙޫރު ބޮޑު ކްލަބެއް، ޕްރިމިއާ ލީގަކީ ދުނިޔޭގެ އެންމެ ވަރުގަދަ ލީގު. މިއީ އަހަރެންގެ ކެރިއަރުގައި ކުރިޔަށް އެޅުނު ރަނގަޅު ފިޔަވަޅެއް. ވަރަށް ޝައުގުވެރި." މުޑްރިކް ބުނެޏެވެ.
މީގެ އިތުރުން އޭނާ ބުނީ ޗެލްސީއަކީ ހުނަރުވެރި ކުޅުންތެރިންތަކެއް ތިބި ކުލަބެއް ކަމަށާއި އަދި ޗެލްސީގެ ކޯޗަކީވެސް ވަރަށްތަފާތު މޮޅު ކޯޗެއް ކަމަށެވެ. އަދި ޗެލްސީގެ ޓީމުގައި ހިމެނިގެން ކުޅެލަން ކެތްމަދުވެފައިވާ ކަމަށް ވެސް މުޑްރިކް ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް