ދިވެހި ފުލުހުންގެ ޚިދުމަތުގެ ފުރަތަމަ އަންހެން މާލިމީގެ ކާމިޔާބީ ފާހަގަކޮށްފި....5

ފުލުހުންގެ ޚިދުމަތުގެ ފުރަތަމަ އަންހެން މާލިމީ، ސީނިއަރ ސަރޖަންޓް ސަންފާ އިބްރާހީމް ދީދީގެ ކާމިޔާބީ ފާހަގަ ކުރުމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވައިފިއެވެ. އެކަމަށްޓަކައި ފުވައްމުލައް ސިޓީގައި މިއަދު ބޭ...

15 Jan 2023 | 14:48

ފުލުހުންގެ ޚިދުމަތުގެ ފުރަތަމަ އަންހެން މާލިމީ، ސީނިއަރ ސަރޖަންޓް ސަންފާ އިބްރާހީމް ދީދީގެ ކާމިޔާބީ ފާހަގަ ކުރުމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވައިފިއެވެ.

އެކަމަށްޓަކައި ފުވައްމުލައް ސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުއެވެ.

އެ ރަސްމިއްޔާތުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފް، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ރަޝީދު، ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުން، ކޮމިޝަންޑު އޮފިސަރުން އަދި ފުވައްމުލައް ސިޓީ މޭޔަރ އިސްމާއީލް ރަފީޤް އާއި ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި މުވައްޒަފުން އަދި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.

އެ ރަސްމިއްޔާތުގައި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުންދޭ ހަނދާނީ ފިލާ، ސައުތު ޕޮލިސް ރީޖަންގެ ފަރާތުންދޭ ހަނދާނީ ލިޔުން، ފުވައްމުލައް ސިޓީ ކައުންސިލުންދޭ ހަނދާނީ ފިލާ އަދި ރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ހަނދާނީ ފިލާ ސަންފާ އިބްރާހީމް ދީދީއަށް ދީފައިވެއެވެ.

ފުވައްމުލައް ޕޮލިސް ސްޓޭޝަނުގެ ސީނިއަރ ސަރޖަންޓް ސަންފާ އިބްރާހީމް ދީދީއަކީ އިންޖީނުލީ ކަނޑުގެ އުޅަނދު ފަހަރު ދުއްވުމުގެ ލައިންސަންސް ހޯދައި، މާސިންގާ ކަނޑުތަކަށް ފުލުހުންގެ ޚިދުމަތުގައި ނުކުތް ފުރަތަމަ އަންހެން މާލިމީއެވެ.

ސަންފާ އިބްރާހީމް ވަނީ 2022 ޖޫން 12 އިން 29 އަށް ކުރިއަށް ގެންދިޔަ ބޭސިކް ސީމެންޝިޕް ކޯސް ކާމިޔާބުކަމާއެކު ފުރިހަމަކޮށް ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސް ހޯދާފައެވެ.

މެރިން ޕޮލިހާއި، ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އަދި ޖަޕާން ސަރުކާރު ގުޅިގެން ފުލުހުންނަށް ކުރިއަށްގެންދާ ބޭސިކް ސީމެންޝިޕް ކޯހަކީ ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް މައުލޫމާތު ދިނުމުގެ ކްލާސްތަކާއި ކަނޑުމަތީގެ އަމަލީ ހަރަކާތްތަކާއެކު ކުރިއަށް ގެންދާ ކޯހެކެވެ.

އެގޮތުން، މެރިޓައިމް ލޯ، މެރިޓައިމް ބޯޑިންގ، މެރިޓައިމް ނެވިގޭޝަން، ބޯޓު ހޭންޑްލިންގ، ސަވައިވަލް އެންޑް ރެސްކިއު، އަދި ވެސަލް ޕޭސްޓިންގ ފަދަ ބައިތައް އުނގަންނައިދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް