ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ޔާމީންގެ ވަކީލުންނާއި ހަވާލުކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި 11 އަހަރުގެ ޖަލު ހުކުމުގެ ޝަރީއަތް ނިމުނު ގޮތުގެ ތަފްސީލީ ރިޕޯޓު އެ ކޯޓުން މިއަދު އެ މަނިކުފާނުގެ ވަކީލުންނާ ހަވާލުކޮށްފިއެވެ. ޝަރީއަތް ނ...

15 Jan 2023 | 12:42

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި 11 އަހަރުގެ ޖަލު ހުކުމުގެ ޝަރީއަތް ނިމުނު ގޮތުގެ ތަފްސީލީ ރިޕޯޓު އެ ކޯޓުން މިއަދު އެ މަނިކުފާނުގެ ވަކީލުންނާ ހަވާލުކޮށްފިއެވެ.

ޝަރީއަތް ނިމުނު ގޮތުގެ ތަފްސީލީ ރިޕޯޓު މިއަދު ޔާމީންގެ ވަކީލުންނާއި ހަވާލުކޮށްފައި ވާއިރު މިއަދަކީ އެ ރިޕޯޓު ދޫކުރުމަށް ކޯޓަށް އޮންނަ ބަންދު ދުވަސްތައް ނުލާ 14 ދުވަހުގެ މުއްދަތު ހަމަވާ ދުވަހެވެ.

މިކަން ހާމަކޮށް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އާދަމް ޝަމީމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކްރިމިނަލް ކޯޓުން ޔާމީންގެ ވަކީލުންނަށް ރިޕޯޓު ދޫކޮށްފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތީ ބުރަ ދުވަސްކޮޅެއް ކަމަށް އޭނާގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

އިދިކޮޅު ޕާޓީ ޕީޕީއެމްގެ ސިޔާސީ ލީޑަރު އަދި ކުރީގެ ރައީސް ޔާމީން 11 އަހަރަށް ޖަލަށްލައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކޮށްފައި ވަނީ ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުން އެއް މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ގަބޫލު ކުރައްވައި އެ ފައިސާ ލޯންޑާ ކުރިކަން ސާބިތުވު ވުމުން 25 ޑިސެމްބަރު 2022 ގައެވެ.

ކްރިމިނަލް ކޯޓުން ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ނުދީ ލަސް ކުރާތީ އިދިކޮޅު ޕީޕީއެމް/ޕީއެންސީއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިގޮތުންއިދިކޮޅު ކޯލިޝަންގެ ލީޑަޝިޕްގެ ބޭފުޅުން ވަނީ ރިޕޯޓު ހޯދަން ކްރިމިނަލް ކޯޓު ދޮށަށް ވެސް ވަޑައިގެންފައެވެ. ނަމަވެސް ކޯޓުން ބުނެފައި ވަނީ ރިޕޯޓު ދޭނީ ވަކީލުންނަށް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް