ބ. ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމިފައިވާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން މިއަދު ބުނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެ ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، 470 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 96 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 10,800 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމުގެ މަސައްކަތް ފުރިހަމަ ކުރެވިފައިވާ ކަމަށް އެމްޓީސީސީން ހާމަކުރެއެވެ.
ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުއަކީ 22.1 މިލިއަން ރުފިޔާއަށް ސަރުކާރުން މި އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ.
1،200 މީހުންގެ އާބާދީގެ ދަރަވަންދޫ އަކީ ރަށް ގިރުމުގެ ބިރުވެރިކަން ޒަމާނުއްސުރެ ތަހައްމަލުކުރަމުން އައިސްފައިވާ ރަށެކެވެ. ރަށް ގިރުމުގެ ސަބަބުން ރަށުގެ އުތުރު ފަރާތާއި ހުޅަނގު ފަރާތުން ބޮޑު ބަޔެއް ގިރައިގެންގޮސް ގޮނދޮށުގައި އޮތް ރީތި ވެލިގަނޑުވެސް ވަނީ ގިރައި ހުސްވެފައެވެ. އަދި ރަށްގިރުމުގެ ނޭދެވޭ އަސަރުގެ ސަބަބުން ކޮންމެ އަހަރަކުވެސް އެތައް ރުއްގަހެއް ވެއްޓި ނެތިގެން ދެއެވެ.
ދަރަވަންދޫގެ ރައްޔިތުން އާމްދަނީ ހޯދަނީ މައިގަނޑު ގޮތެއްގައި ގެސްޓްހައުސް ވިޔާފަރިން ނުވަތަ ކައިރި ރިސޯޓްތަކުގައި ވަޒީފާ އަދާކޮށްގެންނެވެ. މި ރަށުގެ ރައްޔިތުން ދިރިއުޅުމަށްޓަކައި ފަތުރުވެރިކަމަށް ބަރޯސާވަމުން އަންނަ މިންވަރު އިތުރުވަމުން އަންނަކަން ދޭހަކޮށްދޭ އެންމެ ބޮޑު އެއް ހެއްކަކީ ރަށުގައި މިހާރުވެސް އެކި ފަންތީގައި ހިންގާ 14 ގެސްޓްހައުސް ހުރުމެވެ. އެގޮތުން ރަށްގިރުމުގެ ސަބަބުން ރަށުގެ ގުދުރަތީ ރީތިކަން ގެއްލޭތީ، މިކަންވަނީ ފަތުރުވެރިކަމަށްވެސް އޮތް ބޮޑު ނުރައްކަލަކަށް ވެފައެވެ.
އެހެންކަމުން އެމްޓީސީސީން މިއަދު ބުނީ ނިމިގެން ދިޔަ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ސަބަބުން ދަރަވަންދޫ ގޮނޑުދޮށް ފަރާތުން ގިރަމުން އައި ސަރަހައްދު ވަނީ ހިމާޔަތްކުރެވިފައި ކަމަށެވެ.
މިއީ ހަމަގައިމުވެސް ދަރަވަންދޫގެ ރައްޔިތުންގެ ޒަމާންވީ އުދާސްތަކާއި ތަކުލީފަށް ބޮޑު ހައްލެއް ލިބި ރައްޔިތުންނަށް އެތަށް ގުނައަކުން އުފާވެރިކަމާއި ތަސައްލީ ގެނުވާނެ މުހިއްމު މަޝްރޫޢުއެއް ކަމަށް އެމްޓީސީސީން ހާމަކުރެއެވެ.
ވޭތުވެދިޔަ 42 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫޢުތަކެއް ނިންމާފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިއްމު މަރުޙަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް