ވިހޭ ފަހުން ސޯނަމަށް އަމިއްލައަށް ފައިވާނަށް ނޭރޭހާ ބަލިވެއްޖެ!

ބޮލީވުޑްގެ ބަތަލާ ސޯނަމް ކަޕޫރާއި ފިރިމީހާ އަަނަންދު އަހޫޖާއަށް ފުރަތަމަ ދަރިފުޅު، ވަޔޫ ކަޕޫރު އަހޫޖާ ލިބުނީ މިދިޔަ އަހަރުގެ އޮގަސްޓު އަށް ވަނަ ދުވަހު އެވެ. ބަނޑުބޮޑުވުމާއި އެކު ޑައިޓް ކުރުން ހުއްޓަލަ...

15 Jan 2023 | 11:21

ބޮލީވުޑްގެ ބަތަލާ ސޯނަމް ކަޕޫރާއި ފިރިމީހާ އަަނަންދު އަހޫޖާއަށް ފުރަތަމަ ދަރިފުޅު، ވަޔޫ ކަޕޫރު އަހޫޖާ ލިބުނީ މިދިޔަ އަހަރުގެ އޮގަސްޓު އަށް ވަނަ ދުވަހު އެވެ.

ބަނޑުބޮޑުވުމާއި އެކު ޑައިޓް ކުރުން ހުއްޓަލައި ބޭނުން ވަރަކަށް ފަލަވާން ދޫކޮށްލައިގެން ހުރި ސޯނަމް ވިހޭއިރު ވަރަށް ފަލަ އެވެ. ވިހޭތާ މާ ގިނަ ދުވަހެއް ނުވެ ފިޓުވުމުގެ މަސައްކަތް ފެށި ނަމަވެސް އަދިވެސް އޭނާ ފެންނަނީ ވަރަށް ބިޔަކޮށެވެ.

ސޯނަމްގެ އެކުވެރި ނޫސްވެރިއަކާއި ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި ވިހެއި ފަހުން ސޯނަމަށް ސިއްހީ މައްސަލަތެއް ދަނީ ކުރިމަތިވަމުންނެވެ. އެގޮތުން ބުރަކަށީގެ މައްސަލަތަކެއް ދިމާވެ ގުދުވެ ހަދަން އުނދަގޫ ކަމަށް އޭނާ ބުނެފައިވެ އެވެ.

އިތުރު ސިއްހީ މައްސަލަތަކާއި ގުޅޭގޮތުން ވާހަކަ ނުދައްކައި ބުރަކަށީގެ މައްސަލަ އާއި ގުޅޭގޮތުން އޭނާ އެއްޗެއް ބުނެފައި މިވަނީ އިއްޔެ ޕަޕަރާޒީއަކު އާންމު ކުރި ވީޑިއޯއަކާއި ގުޅިގެންނެވެ.

އެ ވީޑިއޯގައި ފެންނަނީ ސޯނަމް ޔޯގާ ކްލާސް ނިންމުމަށް ފަހު ނުކުތުމުން އޭނާގެ މުވައްޒަފަކު ފައިވާން ކައިރި ކޮށްލައިދީ އެ ފައިވާނަށް އޭނާގެ ފައި ވެއްދުމަށް އިރުޝާދު ދޭތަނެވެ. މި ވީޑިއޯ އާއި އެކު ގިނަ ބައެއްގެ ފާޑުކިޔުން ސޯނަމްއަށް އަމާޒުވި އެވެ.

އެގޮތުން މުއްސަނދިންގެ ދިރިއުޅުމަކީ އެއީތޯ ބައެއް މީހުން ސުވާލުކޮށްފައިވާއިރު އެއީ މަޝްހޫރު މީހުންގެ ދަރިން އުޅޭ ފޮނި ގޮތް ކަމަށް އަނެއް ބަޔަކު ބުނެފައިވެ އެވެ. މި ފާޑުކިޔުންތަކާއި ގުޅިގެން މި ވީޑިއޯ ވަނީ އެ ޕަޕަރާޒީ ޑިލީޓް ކޮށްލާފައި އެވެ.

އޭނާގެ މަގުސަދަކީ މަޝްހޫރު މީހުންގެ ދުވާލުގެ މަސައްކަތްތަކާއި ކުރާ ކަންކަން ދައްކާލުން ކަމަށްވިޔަސް އެކަމުން އެ ތަރިންނާއި ދިމާލަށް މަލާމާތާއި ފުރައްސާރަ އަމާޒުވާން ބޭނުން ނުވާތީ ޑިލީޓް ކޮށްލީ ކަމަށް ރިޕޯޓުތަކުގައި ބުނެފައިވެ އެވެ.

ސޯނަމް މަސައްކަތް ކުރަމުންދަނީ ވީހާވެސް އަވަހަކަށް ފިޓުވެ އަލުން ފިލްމީ މަސައްކަތްތަކަށް ނުކުތުމަށެވެ. އެކަމަކު އާދަޔާ ހިލާފަށް ފަލަވާން ފެށުމާއި ދިމާވަމުންދާ ސިއްހީ މައްސަލަތަކުގެ ސަބަބުން ޕްލޭނާއި އެއްގޮތަށް ކަންކަން ދާނެ ކަމަށް ނުބެލެވޭ ކަމަށްވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް