ށ. ނޫމަރާ ބަނދަރާއި ނެރު ފުންކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމިފައިވާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން މިއަދު ބުނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެ ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ ށ. ނޫމަރާ ބަނދަރާއި ނެރު ފުންކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، 6,347 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރާއި ނެރު ފުންކުރުމުގެ މަސައްކަތް ވަނީ ފުރިހަމަކުރެވިފައި ކަމަށް އެމްޓީސީސީން ހާމަކުރެއެވެ.
އާބާދީގައި 518 މީހުން ދިރިއުޅޭ ށ.ނޫމަރާއަކީ ބިމުގެ ޖާގައިގެ ގޮތުން 41 ހެކްޓަރުގެ ބޮޑުމިން ހުރި ރަށެއްކަމުގައި ވީނަމަވެސް، މި ރަށަކީ ގުދުރަތީ ފަޅު ކުޑަ ގާމަތީ ރަށެކެވެ. ރަށުގައި ޢާންމު ގޮތެއްގައި ދިރިއުޅުމަށް ކުރާ މަސައްކަތަކީ މޫސުމީ މަސްވެރިކަމާއި ދަނޑުވެރިކަމެވެ
އެގޮތުން ކަނޑު މަހަށްދާ 8 ދޯނިފަހަރު މިރަށުގައި މިހާރުވެސް އޮވެއެވެ. ޒަމާނުއްސުރެވެސް ށ. ނޫމަރާ ބަނދަރަކީ ކަނޑު ގަދަވާއިރު ބޭނުންކުރުމަށް ދަތި ބަނދަރެކެވެ. ހުޅަނގުގައި ހަޅަޖަހާ ރާޅުބިންދާއިރު ނެރު ބޭނުންނުކުރުމަކީ އަދި ވަކިން އުނދަގޫ ދަތިކަމެކެވެ. އެގޮތުން 2021 ވަނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން ބަނދަރަށް ވެލިއަރާ ތިލަވުމުގެ ސަބަބުން ނެރުގެ ބޭނުން ވަނީ އެއްގޮތަކަށްވެސް ރަނގަޅަށް ނުކުރެވިފައެވެ.
އެހެންކަމުން ނިމިގެން މިދިޔަ ބަނދަރާއި ނެރު ފުންކުރުމުގެ މަޝްރޫޢުގެ ސަބަބުން ށ. ނޫމަރާގެ ރައްޔިތުންނަށް ނެރާއި ބަނދަރު ބޭނުންކުރުމުގައި ދިމާވަމުންދިޔަ ދަތިތަކަށް ހައްލު ލިބި އޮޑިދޯނިފަހަރު ނެރުން ވަދެ ނިކުތުމުގައި އިތުރު ލުއިފަސޭހަކަމެއް ލިބިގެންދާނެކަމަށް އެމްޓީސީސީން ހާމަކުރެއެވެ.
ވޭތުވެދިޔަ 42 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫޢުތަކެއް ނިންމާފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިއްމު މަރުޙަލާއެއްގައެވެ.
އެ ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް