މިއަހަރުގެ ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

މިއަހަރު ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ޤައުމީ އިނާމާބެހޭ ކޮމިޓީން މިއަދު ހުޅުއްވައިލައިފި އެވެ. ރައީސް އޮފީހުން ބުނީ ފުރުސަތު ހުޅުވާލުމުގެ އިތުރުން ގައުމީ އިނާމާބެހޭ އުސޫލު ދިވެހި ސަރުގެ ...

15 Jan 2023 | 08:22

މިއަހަރު ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ޤައުމީ އިނާމާބެހޭ ކޮމިޓީން މިއަދު ހުޅުއްވައިލައިފި އެވެ.

ރައީސް އޮފީހުން ބުނީ ފުރުސަތު ހުޅުވާލުމުގެ އިތުރުން ގައުމީ އިނާމާބެހޭ އުސޫލު ދިވެހި ސަރުގެ ގެޒެޓުގައި މިއަދު ޝާއިއުކޮށްފައިވާ ކަމަށެވެ.

ގައުމީ އިނާމަށް ނަން ހުށަހެޅޭނީ މިއަދުން ފެށިގެން އަންނަ މާޗް މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށެވެ ޤައުމީ އިނާމު ދިނުމުގެ އުޞޫލަށް ބައެއް ބަދަލުތައް ޤައުމީ އިނާމާބެހޭ ކޮމިޓީން މިއަހަރު ވަނީ ގެންނަވައިފައެވެ.

ޤައުމީ އިނާމު ދިނުމުގެ އުޞޫލަށް ގެންނެވި މައިގަނޑު އެއް ބަދަލަކީ، ހިތްވަރު ދިނުމުގެ އިނާމަށް، އުމުރުން 60 އަހަރު ވުމުން ނަން ހުށަނޭޅޭގޮތަށް އޮންނަ އޮތުން ބަދަލުކުރައްވައި، 60 އަހަރުވި ކަމުގައިވިޔަސް، ހިތްވަރު ދިނުމުގެ އިނާމަށް ނަން ހުށަހެޅޭ ގޮތަށް އުޞޫލު ބަދަލުކުރެއްވުމެވެ.

އަނެއް ބަދަލަކީ، ކުރިން އުޞޫލު އޮންނަ ގޮތުން ކުންފުނި، ޖަމުޢިއްޔާ، ޖަމާޢަތްތަކަށް ޝަރަފުވެރިކަމުގެ ޤައުމީ އިނާމަށް ހުށަހެޅުމުގެ ފުރުޞަތު ނޯންނާތީ، ކުންފުނި، ޖަމުޢިއްޔާ، ޖަމާޢަތްތަކަށްވެސް، ޚިދުމަތުގައި 35 އަހަރުވުމުން، ޝަރަފުވެރިކަމުގެ އިނާމަށް ނަން ހުށަހެޅޭ ގޮތަށް ގެންނެވި ބަދަލެވެ.

މީގެއިތުރުން، މިހާރު އިނާމު ދެމުން ގެންދާ ދާއިރާތަކުގެ ތެރެއަށް އިތުރު ދެ ދާއިރާއެއްވެސް ވަނީ އިތުރު ކޮށްފައި އެވެ. އެއީ، ކަލިނަރީ އާޓްސްގެ ދާއިރާއާއި، އިންޖިނިއަރިންގގެ ދާއިރާއެވެ.

ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ދެއްވުމަށް ހަމަޖެހިފައިވަނީ، ހިތްވަރު ދިނުމުގެ އިނާމު ލިބިފައިވާ ވަކި ފަރުދަކު ނުވަތަ ކުންފުންޏެއް ނުވަތަ ޖަމާޢަތެއްނަމަ، އެ އިނާމު ލިބުނުތާ 10 އަހަރުވެފައި، ޚިދުމަތްކުރި މުއްދަތުގެ ޖުމުލަ 35 އަހަރު ވުމުންނެވެ. އަދި ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ދެއްވުމުގައި، އެ ފަރާތަކުން ނުވަތަ ޖަމުޢިއްޔާ ޖަމާޢަތަކުން ދިވެހި ޤައުމަށާއި މުޖުތަމަޢަށް ފައިދާހުރި ގޮތެއްގައި ވަރަށް ފުޅާ ދާއިރާއެއްގައި ޤައުމީ ފެންވަރެއްގައި ފޯރުކޮށްދީފައިވާ ފެންވަރު ރަނގަޅު ޚިދުމަތްތަކަށާއި އަދި ހޯދާފައިވާ ފާހަގަކޮށްލެވޭފަދަ ކާމިޔާބީތަކަށް ކޮމިޓީން ބައްލަވާގޮތަށް ވަނީ ނިންމަވާފައެވެ.

ހިތްވަރު ދިނުމުގެ އިނާމު ދެއްވާނީ، އެ ދާއިރާއެއްގައި މަދުވެގެން ހަތް އަހަރު ޚިދުމަތް ކުރުމުންނެވެ. އަދި ކުންފުނި ޖަމުޢިއްޔާ ޖަމާޢަތެއްނަމަ ޚިދުމަތުގައި މަދުވެގެން 10 އަހަރު ވުމުންނެއެވެ.

މި އަހަރު ޤައުމީ އިނާމު ދެއްވުމަށް ހަމަޖެހިފައިވަނީ، މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް