ރަސްމީ ދަތުރުފުޅެއްގައި ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން ރާއްޖެ ވަޑައިގެންފި އެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅަކީ ރައިސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ވިދާޅުވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.
ރައީސް އޮފީހުން ބުނީ މި ދަތުރުފުޅުގެ ރަސްމީ ބައި ފެށޭނީ މާދަމާ ކަމަށެވެ. ދަތުރުފުޅަށް ފަހު ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެއިން ފުރާވަޑައިގެންނަވާނީ މިމަހުގެ 17 ވަނަ ދުވަހު އެވެ.
ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރައްވާ ރަސްމީ މިދަތުރުފުޅުގައި ރައީސް ސޯލިހާއި ދިވެހި ސަރުކާރުގެ އިސްބޭފުޅުންނާއި ބައްދަލުކުރައްވާނެއެވެ. މިދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ސަރުކާރުގެ މެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވައި، ދެޤައުމުގެ ގުޅުން ހަރުދަނާކުރެވިދާނެ ބައެއް ދާއިރާތަކުން ފަހުމްނާމާތަކުގައި ސޮއެކުރައްވާނެއެވެ.
ބޭރުގެ ރިޕޯޓުތައް ބުނާގޮތުގައި މި ދަތުރުފުޅުގައި ދެ ގައުމުގެ މެދުގައި ހަ އެއްބަސްވުމުގައި ސޮއި ކުރާނެ އެވެ. އެއީ ޑިޕްލޮމެސީއާއި ފަތުރުވެރިކަން އަދި ސިއްހީ ދާއިރާއިންނެވެ.
އަދި ރަސްމީ ވާހަކަފުޅުތަކަށް ފަހުގައި، ރައީސުލްޖުމްހޫރިއްޔާ އާއި ކެމްބޯޑިއާގެ ބޮޑުވަޒީރު ގުޅިފައިވާ ބަޔާނެއް ދެއްވާނެއެވެ.
މީގެ އިތުރުން މި ދަތުރުފުޅުގެ ހަވާސާގައި ދެޤައުމުގެ ދެމެދުގައި ވިޔަފާރީގެ މުޢާމަލާތްތައް ހަރުދަނާކުރުމަށާއި، ވިޔަފާރީގެ ދާއިރާއިން ގުޅުން އިތުރަށް ބަދަހި ކުރުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ބާއްވާ ބިޒްނަސް ފޯރަމްގައި ދެ ގައުމުގެ ޗެމްބަރު އޮފް ކޮމަސް އިން ބައިވެރިވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މިއީ ކެމްބޯޑިއާގެ ބޮޑުވަޒީރު ސެން ރާއްޖެ ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. ރާއްޖެ އާއި ކެމްބޯޑިއާ އާއި ދެމެދު ސިޔާސީ ގުޅުން ގާއިމް ކުރީ21 ސެޕްޓެމްބަރު1995 ވަނަ އަހަރު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް