ށ. ފީވަކު ގޮނޑުދޮށުން ގިނަ އަދަދެއްގެ ވެއްޔާއި އަކިރި ނަގައިގެން ފީވަކު ކައުންސިލް ޖޫރިމަނާ ކޮށްފިއެވެ.
އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ބުނީ ފީވަކު ގޮނޑުދޮށުން ގިނަ އަދަދެއްގެ ވެއްޔާއި އަކިރި ނެގުމުގެ ޝަކުވާ 07 އޮކްޓޯބަރ 2022 ވަނަ ދުވަހު އެ އެޖެންސީއަށް ހުށަހަޅާފައިވާ ކަމަށެވެ
އަދި އެ ކަމާއި ގުޅިގެން އެ އެޖެންސީން ބެލި ބެލުންތަކާއި އެއްކުރެވުނު މަޢުލޫމާތުތަކުން، ފީވަކު ކައުންސިލްގެ އިދާރާގެ އިސްނެގުމުގެ މަތިން 25 ބަސްތާ ވެއްޔާއި 20 ބަސްތާ އަކިރި ފީވަކު ގޮނޑުދޮށުން ނަގައި ކުޑަކުދިން ކުޅޭ ޕާކެއް ތަރައްޤީކުރުމަށްޓަކައި ބޭނުންކޮށްފައިވާކަން ސާބިތުވެފައިވާ ކަމަށެވެ.
މިގޮތުން ޤާނޫނު ނަންބަރު:93/4 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) އިން ލިބިދޭ ބާރުގެ ދަށުން އެކުލަވާލެވިފައިވާ ގަވާއިދު ނަންބަރު 2011/R-9 (ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދު) ގެ 15 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރަށް ރިޢާޔަތްކޮށް ގަވާއިދުގެ ޖަދުވަލު 2 ގެ ދަށުން 83,525.00 (އަށްޑިހަ ތިންހާސް ފައްސަތޭކަ ފަންސަވީސް) ދިވެހި ރުފިޔާ އިން ފީވަކު ކައުންސިލްގެ އިދާރާ ޖޫރިމަނާ ކުރެވިފައިވާ ކަމަށް އީޕީއޭ އިން ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ ތެރޭގައި މި ޖޫރިމަނާގެ ފައިސާ އީޕީއޭއަށް ދެއްކުމަށް 12 ޖެނުއަރީ 2023 ގައި ފީވަކު ކައުންސިލްގެ އިދާރާއަށް ވަނީ އަންގާފައިވާ ކަމަށް އީޕީއޭއިން ހާމަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް