ރާއްޖެގެ އެންމެ އާބާދީ ބޮޑު އަދި ތަނާއި ނުބައްދަލުވަރަށް ތޮއްޖެހިފައި އޮތް ތަނަކީ ވެރިރަށް މާލެ އެވެ.
މާލޭ މަލަމަތި ކިތަންމެ ރީއްޗަސް އެތެރެއަށް ވަދެގެންދާ ވަރަށް މިހާރު ފެންނަނީ ރީތި ކަމަށްވުރެ އަސްލު މާލެ ގޮނޑުވެފައި އޮތްވަރެވެ. ކުނި ބުނިން ހިނގާލެވެން ނެތް ކުދި މަގުތަކާއި ގޯޅިތައް ހުރި އިރު ބޮޑެތި މަގުތި މަގުތައްވެސް ހަމަ އެހާލެވެ.
މާލެ ސާފު ކުރުމުގެ ޒިންމާ އަދާ ކުރަނީ މާލޭ ސިޓީ ކައުންސިލާއި ވޭސްޓް މެނޭޖްމެންޓު ކޯޕަރޭޝަން (ވެމްކޯ) އިންނެވެ. ގޭގެއިން ކުނި ނެގުން ވެމްކޯގެ ޒިންމާއަކަށް ވާއިރު މަގުތަކާއި މައިޒާންތަކާއި ޕާކުތައް ސާފުކޮށް ކުނި ކެހުމަކީ މާލޭ ސިޓީ ކައުންސިލްގެ ޒިންމާގެ ދަށުގައި އޮތް ކަމެކެވެ.
ދެ ފަރާތުގެ މެދުގައި ހިތްހަމަ ނުޖެހުންތަކެއް ހުރި ނަމަވެސް ވެމްކޯއިން ރެޖިސްޓްރީ ކޮށްފައިވާ ގޭގެއިން ކުނި ނަގައި ޒިންމާ އަދާ ކުރެ އެވެ. ސިޓީ ކައުންސިލުން އެމީހުން ސާފު ކުރަން ޖެހޭ ތަންތަން ސާފުކުރި ނަމަވެސް މާލޭ މަގުމަތި ސާފު ނުވަނީ ކީއްވެތޯ މިއީ އެންމެ ކުރާ ބޮޑު ސުވާލެކެވެ.
މަގުތައް އޮތީ ނުބައިވަސް ދުވާ ކާތަކެއްޗާއި ކޮންމެ ދުވަހަކު އުކާލާ ގޭތެރޭ ކުންޏާއި، ބާ ފަރުނީޗަރު އަދި ހިފާ ގެންގުޅޭ ބާ ސާމާނުން ފުރިފައި އެވެ.
ވެމްކޯގެ ބިޒްނަސް ޑެވެލޮޕްމެންޓް އެންޑް މާކެޓިންގެ ޖެނެރަލް މެނޭޖަރު ޝަތީފް އަލީ ވިދާޅުވީ ވެމްކޯގެ އެއްވެސް ކަސްޓަމަރަކު މަގުމައްޗަށް ކުނި ނެރެން ނުޖެހޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ރެޖިސްޓްރީ ކޮށްފައިވާ ހުރިހާ ގޭގެއަކަށް ޝެޑިއުލާއި އެއްގޮތަށް މުވައްޒަފުން ގޮސް ކުނި ނަގާނެ ކަަމަށެވެ. އެކަން ސަމާލު ކަމަށް ގެނައުމަށް އެ ކުންފުނީގެ ހިދުމަތް ހޯދާ ފަރާތްތަކަށް އެސްއެމްއެސް މެދުވެރިކޮށްވެސް އަންގަމުންދާ ކަމަށެވެ.
ވެމްކޯގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މާލެ އާއި ހުޅުމާލޭގައ ި14،000 އަށްވުރެ ގިނަ މީހުން ރެޖިސްޓްރީ ކޮށްގެން ކުނި އުކައެވެ. އެކަމަކު އަދިވެސް 30،000 އަށްވުރެ ގިނަ މީހުން ރެޖިސްޓްރީ ނުކުރެ އެވެ.
މާލޭ މަގުމަތި ގޮނޑުވެފައި އޮންނަ މައްސަލައަކީ ތިމާވެއްޓާއި ސިއްހަތާއި ގުޅިފައިވާ ބޮޑު މައްސަލައެވެ. އެންވަޔަރަމެންޓަން ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ޑިރެކްޓަރު ޖެނެރަލް އިބްރާހީމް ނައީމް ވިދާޅުވީ ސާފުތާހިރު ކަމާއި ގުޅިފައިވާ މި މައްސަލައިގަ ހުރިހާ ފަރާތަކުން ޒިންމާ ނަގަން ޖެހޭ ކަމަށެވެ.
މަގުތައް ގޮނޑު ކުރުމުގެ މައްސަލައިގެ ޒިންމާ ނަގަން ޖެހޭ ވަކި ފަރާތެއް ނެތް ކަމަށާއި ތަނެއް ސާފު ތާހިރުކޮށް އޮތުމަކީ ހިތްހަމަ ޖެހުމާއި ގުޅިފައިވާ ރީތި އާދައެއް ކަމަށެވެ. މާލޭގެ މަގުތަކުގެ ސާފު ކަން ގެއްލިފައިވާ މައްސަލައަކީ އެ އިދާރާގެ ކަންބޮޑުވުމެކެވެ.
ނައީމް ވިދާޅުވީ މި މައްސަލަ ހައްލު ކުރުމުގައި އިދާރާތަކުން އަމަލު ކުރާގޮތް ބަލާނެ ކަމަށެވެ. އަދި ހައްލު ނުވެ ގިނަ ދުވަސް ވާނަމަ އެޅޭނެ ފިޔަވަޅުތަކެއް ބަލާނެ ކަމަށް ވިދާޅުވި އެވެ.
ދެން އޮތީ ގޭގޭ ކައިރީ އާއި ބޮޑެތި ގަސްގަސް ބުޑުގައި ބަހައްޓާފައި ހުންނަ ކުނި ކޮތަޅުތަކުން ނުކުންނާނެ ސިއްހީ މައްސަލަތަކުގެ ވާހަކަ އެވެ. ކުނީގެ ސަބަބުން ވައި ނުސާފުވެ ދިރިއުޅޭ މީހުންނަށް ސިއްހީ މައްސަލަތައް ކުރިމަތިވެ އެވެ.
ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ދިރިއުޅޭ ސަރަހައްދުގައި ކުނި ގިނަވެ އާންމުން އުޅޭ މާހައުލަށް އުނދަގޫވާވަރު ވެއްޖެ ނަމަ އޭގެ ސަބަބުން ކެންސަރާއި، ފުއްޕާމޭ އަދި ހިތުގެ ބަލިތައް ފަދަ ދިގު މުއްދަތަކަށް ފަރުވާ ކުރަން ޖެހޭ ބަލިތައް ޖެހުމަށް މަގުފަހިވެ އެވެ. އަދި ގައިން ގަޔަށް އަރާ ބަލިތައް ފެތުރުން ގިނަވެ އެވެ. އޭގެ ތެރޭގައި ބެކްޓީރިއާ އާއި ފަންގަސްއިން ޖެހޭ ބަލިތައް ގިނަ އެވެ.
މި މައްސަލަ ހައްލު ކުރުމަކީ ހަމައެކަނި އިދާރާތަކަށް ކުރެވޭނެ ކަމެއް ނޫނެވެ. މިކަމުގައި އިދާރާތަކެކޭ އެއްގޮތަށް އާންމުންގެ ޒިންމާވެސް ބަރަށް ބޮޑެވެ. މަގު މައްޗަށް ކުނި ނެރެ، އެ އުކުމަކީ ކަމާ ބެހޭ ފަރާތްތަކުގެ މަސްއޫލިއްޔަތެއް ކަމަށް ބުނުމަށްވުރެ ޒިންމާދާރު ބަޔަކަށް ދިވެހިން ވާން ޖެހެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް