ކެމްބޯޑިއާގެ ބޮޑު ވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ދެ ގައުމުގެ ދެ މެދުގައި ހަ އެއްބަސްވުމެއްގައި ސޮއި ކުރަން ނިންމައިފި އެވެ.
މިކަން ހާމަ ކުރީ ކެމްބޯޑިއާ ސަރުކާރުންނެވެ.
ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރައްވަނީ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެކެވެ. އެ ދަތުރުފުޅުގައި އެމަނިކުފާނު ރާއްޖެއަށް ވަޑައިގެންނަވާނީ މިއަދު އެވެ.
ކެމްބޯޑިއާ ސަރުކާރާއި ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި އެމަނިކުފާނުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި ސޮއި ކުރުމަށް ހަމަޖެހިފައިވަނީ ޑިޕްލޮމެސީއާއި ފަތުރުވެރިކަން އަދި ސިއްހީ ދާއިރާއާއި ގުޅުންހުރި ހަ އެއްބަސްވުމެއްގައިއެވެ.
މި އެއްބަސްވުންތަކުގައި ސޮއި ކުރުން އޮންނާނީ މާދަމާ ދެ ގައުމުގެ ދެމެދުގައި ބާއްވާ ރަސްމީ މަޝްވަރާތަކަށް ފަހު އެވެ.
އަދި މާދަމާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން ބައްދަލު ކުރައްވާނެ އެވެ. މި ބައްދަލުވުމުގައި ދެގައުމުގެ ގުޅުމާއި ބައިންލައަޤްވާމީ ދުނިޔޭގައި އެކުގައި ކުރެވޭނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުުރައްވާނެ އެވެ.
މި ދަތުރުފުޅުގެ ހަވާސާގައި ދެޤައުމުގެ ދެމެދުގައި ވިޔަފާރީގެ މުޢާމަލާތްތައް ހަރުދަނާކުރުމަށާއި، ވިޔަފާރީގެ ދާއިރާއިން ގުޅުން އިތުރަށް ބަދަހި ކުރުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ބާއްވާ ބިޒްނަސް ފޯރަމްގައި ދެ ގައުމުގެ ޗެމްބަރު އޮފް ކޮމަސް އިން ބައިވެރިވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ރާއްޖެއާއި ކެމްބޯޑިއާ އާއި ދެމެދު ސިޔާސީ ގުޅުން ގާއިމް ކުރީ1995 ވަނަ އަހަރު އެވެ. މިއީ އޭގެ ފަހުން އެ ގައުމުގެ ބޮޑުވަޒީރަކު ރާއްޖެ ވަޑައިގެންނަވާ ފުރަތަމަ ފަހަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް