އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހު ހަވީރު އަމިއްލަ ދަނޑުގައި ޗެލްސީއާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށް މެންޗެސްޓާ ސިޓީން ލީގު ތާވަލުގެ އެއް ވަނާގައި 13 ޕޮއިންޓުގެ ބޮޑު ލީޑެއް ނަގައިފިއެވެ.
މި މެޗުން ޗެލްސީގެ މައްޗަށް ސިޓީން ކުރިހޯދީ 0-1 ގެ ނަތީޖާއިންނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗު ފެށިގެން ވެސް ރަނގަޅަށް ކުޅުނީ ސިޓީންނެވެ. އެގޮތުން ސިޓީން ދިޔައީ ޗެލްސީގެ ފަހަތަށް ބާރު ބޮޑުކޮށް ހަމަލާ އުފެއްދުމަށް ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ ފުރަތަމަ ހާފުގެ 43 ވަނަ މިނެޓުގައި ސިޓީގެ ގްރީލިސްއަށް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ. މި ހާފުގައި ޗެލްސީގެ ފަރާތުން މާ އެދެވޭ ކުޅުމެއް ފެނިގެން ނުދިޔައިރު، ފުރަތަމަ ހާފު ނިމިގެން ދިޔައީ ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެ އޮވެގެންނެވެ.
މި މެޗުގެ ފަހު ހާފު ވެސް ސިޓީން ފެށީ ޗެލްސީއަށް ވުރެ ވަރުގަދަ ކޮށެވެ. ނަމަވެސް މި ހާފުގެ ފުރަތަމަ ހަމަލާ އުފެއްދީ ޗެލްސީންނެވެ. އެގޮތުން ޗެލްސީގެ ބެލްޖިއަމް ފޯވާޑް ރޮމެލޫ ލުކާކޫ ސިޓީގެ ޑިފެންޑަރުން ބީޓުކޮށްލުމަށް ފަހު އޭރިއާ ތެރެއަށް ވަދެ ކާވްކޮށް ސިޓީގެ ގޯލަށް ފޮނުވާލި ބާރު ހަމަލާ ސިޓީގެ ގޯލް ކީޕަރު އެޑަސަން ވަނީ ހުޝިތާރު ކަމާއި އެކު ދިފާއުކޮށްފައެވެ. މިއީ މުޅި މެޗުގައިވެސް ޗެލްސީއަށް ސިޓީގެ ގޯލާއި އަމާޒުކޮށް އޮން ޓާގެޓަށް ފޮނުވާ ލެވުނު ހަމައެކަނި ހަމަލާކަން ފާހަގަކޮށްލަން ޖެހެއެވެ.
ސިޓީން ލަނޑު ޖަހާ މެޗުގެ ލީޑު ނެގީ މެޗުގެ 70 ވަނަ މިނެޓުގައެވެ. މި ލަނޑު ސިޓީއަށް ކާމިޔާބު ކޮށްދިނީ ޖާއޯ ކާންސެލޯގެ އެހީތެރިކަމާއި އެކު ކެވިން ޑިބްރެއިނާއެވެ. މިއީ މިފަހަރުގެ ސީޒަނުގައި ޑިބްރެއިނާ ސިޓީއަށް ކާމިޔާބު ކޮށްދިން ހަ ވަނަ ލަނޑެވެ.
ޑިބްރެއިނާގެ މި ލަނޑުން ސިޓީ ހޯދި މޮޅާއި އެކު ސިޓީއަށް ވަނީ ކުޅުނު 22 މެޗުން 56 ޕޮއިންޓް ލިބިފައެވެ މިއީ ދެވަނާގައި އޮތް ޗެލްސީއަށް ވުރެ 13 ޕޮއިންޓް އިތުރު އަދަދެކެވެ. ޗެލްސީ އޮތީ ކުޅުނު 22 މެޗުން ލިބުނު 43 ޕޮއިންޓާއި އެކު ލީގު ތާވަލްގެ ދެވަނާގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް