ކޮމަންޑޫ ދާއިރާގެ ބައި -އިލެކްޝަންސް ގެ ފޯރި އިތުރަށް ގަދަވެ، ނައިބު ރައީސް ފައިސަލް ކެމްޕޭން ކުރައްވަން ފައްޓަވައިފި

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ އެމްޑީޕީގެ ކެނޑިޑޭޓް މުޙައްމަދު ރާޝިދަށް ކެމްޕެއިން ކުރެއްވުމަށް ނައިބު ރައީސް ފައިސަލް ނަސީމް ފޯކައިދޫއަށް ވަޑައިގެންފިއެވެ. ޖޭޕީއަށް ނިސްބަތްވެވަޑައިގަ...

15 Jan 2022 | 09:25

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ އެމްޑީޕީގެ ކެނޑިޑޭޓް މުޙައްމަދު ރާޝިދަށް ކެމްޕެއިން ކުރެއްވުމަށް ނައިބު ރައީސް ފައިސަލް ނަސީމް ފޯކައިދޫއަށް ވަޑައިގެންފިއެވެ.

ޖޭޕީއަށް ނިސްބަތްވެވަޑައިގަންނަވާ ބައެއް ވަޒީރުން ވެސް އެމަނިކުފާނުގެ އަރުހުގައި މިއަދު އެރަށަށް ވަޑައިގެންފައިވާ އިރު، މި ދަތުރުފުޅުގައި ފުރަތަމަ ވަޑައިގެންނެވީ ފޯކައިދޫއަށެވެ. އަދި އެއަށްފަހު، މަރޮއްޓަށް ވަޑައިގެން، އެރަށުގެ ބަނދަރު ހެދުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ކޮމަންޑޫގައި މިރޭ ބާއްވާ ކެމްޕެއިން ޖަލްސާގައި ވެސް ނައިބު ރައީސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

ނާއިބު ރައީސްއަކީ ވެސް ޖޭޕީއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅަކަށް ވާއިރު، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން ވެސް ނިންމާފައިވަނީ އެމްޑީޕީގެ ކެނޑިޑޭޓަށް ތާޢީދުކުރުމަށެވެ.

ރާޝިދުގެ ކެމްޕެއިން ހަރަކާތް ފެއްޓެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެސް މިދިޔަ ހުކުރު ދުވަހު ވަނީ ކޮމަންޑޫއަށް ވަޑައިގެންފައެވެ. އަދި ދައުލަތުގެ ވަރަށް ގިނަ ވަޒީރުން ވެސް އަންނަނީ އެދާއިރާގައި ކެމްޕެއިނެއް ކުރައްވަމުންނެވެ.

މިއިންތިޚާބުގައި ވާދަކުރާ އެމްއެންޕީއާއި ޕީޕީއެމުން ވެސް ދަނީ އެދާއިރާގެ ބައި-އިލެކްޝަން ކާމިޔާބުކުރުމަށް މަސައްކަތް ކުރަމުންނެވެ.

ކޮމަންޑޫ ދާއިރާގެ އިންތިޚާބާއި ގުޅިގެން ސަރުކާރުން ދަނީ އެދާއިރާގައި ގިނަ މަސައްކަތްތަކެއް ކުރުމަށް ރާވަމުންނެވެ.

އެގޮތުން މަތި ކޮމަންޑޫ-ކޮމަންޑޫ ގުޅާލުމުގެ އަމަލީ މަސައްކަތް މިހާރުވަނީ ފަށާފައެވެ. އަދި މަރޮށީގެ ބަނދަރުގެ މަސައްކަތް ފެށުމާއި، ކޮމަންޑޫ ކައިރި ފަޅުރަށެއް ރިސޯޓް ތަރައްގީ ކުރުމަށް ދޫކުރުންފަދަ ކަންތައް ވެސް ހިމެނެއެވެ.

މީގެ އިތުރުން ކޮމަންޑޫގައި އައިސް ޕްލާންޓެއްގެ މަސައްކަތް ފެށުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް