ކޯވިޑް-19 ކޮންޓްރޯލް ކުރަން އިތުރު ފިޔަވަޅުތަކެއް އަޅަން މަސައްކަތް ކުރަމުންދާ ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
ކޯވިޑް-19ގެ އާ ވޭރިއަންޓު އޮމިކްރޯން މުޅި ރާއްޖޭގަިއ ފެތުރި ކޯވިޑް ޖެހޭ މީހުންގެ އަދަދު މިހާރު ވަނީ ހާހަކާއި ގާތްވެފައި އެވެ. އެޗްޕީއޭއިން ވަނީ މިދިޔަ ހަފްތާގައި ކަރަންޓީން ވުމާއި އަތޮޅުތެރެއަށް ދަތުރު ކުރުމުގައި ކުރިން ދީފައި އޮތް ލުއިތަކަށް ބަދަލު ގެނެސްފަ އެވެ.
މިނިސްޓަރު ނަސީމް މީޑިއާގައި ވިދާޅުވީ އޮމިކްރޯން ވޭރިއަންޓާއި އެކު ކޯވިޑް ކޭސްތައް ވަރަށް ބޮޑަށް އިތުރުވަމުންދާ ކަމަށެވެ. ބަލި ކޮންޓްރޯލް ކުރުމަށް އަޅާނާނެ އިތުރު ފިޔަވަޅުތަކާއި ގުޅޭގޮތުން އެޗްޕީއޭއާއި ޑޮކްޓަރުންގެ ޓީމުން މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އަޅާނެ އިތުރު ފިޔަވަޅުތަކާއި ގުޅޭގޮތުން މާދަމާ ގޮތެއް ނިންމޭވަރުވާނެ ކަމަށެވެ. އެކަމަކު އިތުރު ތަފްސީލް ހާމައެއް ނުކުރައްވަ އެވެ.
އެޗްޕީއޭއިން އާންމު ކުރި އެންމެ ފަހުގެ ތަފާސް ހިސާބު ދައްކާގޮތުން އިއްޔެ ރާއްޖެއިން967 މީހުންނަށް ކޯވިޑް ޖެހިފައިވެ އެވެ. އޭގެ ތެރެއިން475 މީހުންނަށް މާލެއިން ބަލި ޖެހުނު އިރު އަތޮޅުތެރެއިން290 މީހުންނަށް ބަލި ޖެހިފައިވެ އެވެ.
މިވަގުތު ކޯވިޑް ޖެހިގެން5،881 މީހުންނަށް ދަނީ ފަރުވާދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް