އަލީބާބާގެ ކޯފައުންޑަރ އަދި ކުރީގެ ޗެއަރމަން ބިލިއަނަރު ޖެކް މާ އަކީ އޭނާގެ ކުރިއެރުންތަކުގެ ތަފާތު ވާހަކަތައް މީޑިއާއަށް ޙިއްޞާކުރާ މީހެކެވެ. އެގޮތުން ޗައިނާގެ އެންމެ މުއްސަނދި މީހާ އަދި ދުނިޔޭގަވެސް އެންމެ މުއްސަނދި މީހުންގެ ތެރޭގައި ހިމެނޭ ޖެކް މާ މިހާރު ގެއްލިގެން އުޅޭ ޚަބަރު ފެތުރުނު ފަހުން އަދި މާ ގިނަ ދުވަސްތަކެއް ނުވެއެވެ. ޖެކް މާއަށް ވީ ނުވީއެއް ނޭންގުނު ނަމަވެސް ޖެކް މާގެ ވާހަކަތައް އަދިވެސް އަހަރެމެންގެ ކަންފަތަށް ފޯރާ ހިސާބުގައި އިވިއިވި އެބަހުއްޓެވެ. އެގޮތުން މި ލިޔުން ތައްޔާރުކޮށްފައި މި ވަނީ ޖެކް މާގެ ސްޕީޗެއްގައި އޭނާ ބުނެފައިވާ ވާހަކަތަކެއްގެ މައްޗަށް އަލިއަޅުވާލައިގެންނެވެ.
ޖެކް މާ ބުނެފައިވެއެވެ. "ތިބާ ކާމިޔާބުވެއްޖެނަމަ ތިބާ ވަނީ ޝަޚުޞިއްޔަތަކަށެވެ. އެހެން ނަމަވެސް ތިބާ ނާކާމިޔާބު ވެއްޖެނަމަ ވާނީ ކުނިގަނޑަކަށެވެ." މިއީ އަހަރެމެން ޤަބޫލުކުރަންޖެހޭ ޙަޤީޤަތެކެވެ. ފަޤީރު މީހަކު ނުވަތަ މީހުންގެ ތެރޭގައި މަޝްހޫރުކަން ލިބިފައިނުވާ މީހަކު ކުރިއަރައި ދާންޖެހެނީ ވަރަށް ބުރަ މަސައްކަތުންނެވެ. ނުހަނު ބުރަ މަސައްކަތުން ލެޔާއި ދައު އޮހޮރުވައިގެން ކުރާ މޮޅު މަސައްކަތްވެސް ބަލައިގަންނާނެ މީހަކު ގިނަ ފަހަރަށް ނުވެއެވެ. އެހެން ނަމަވެސް މީހުންގެ ތެރޭގައި މަޝްހޫރުކަން ހޯދާފައިވާ މީހަކު ނުވަތަ އެފަދަ މީހެއްގެ ދަރިއަކަށް ކުރިއަރައިގެން ދިޔުމަކީ ނުހަނު ފަސޭހަކަމަކަށް ވަނީ ވެފައެވެ.
ކޮންމެ މީހެއްގައިވެސް އޭނާ ކޮށްފައިވާ މޮޅު ކަންތައްތަކެއް ހުންނާނެކަމާއި އަދި އެފަދަ އެތަށް ބައެއްގެ ތަފާތު ވާހަކަތަކެއް ހުންނާނެކަމުގައި ޖެކް މާ ފާހަގަކޮށްފައިވެއެވެ. އަދި ކޮންމެ މީހަކަށްވެސް ގޯސް ކޮށް ކިތަންމެ ކަމެއް ކުރެވިފައި ހުރުމުގެ އިތުރުން ކޮންމެ މީހެއްގެ ޙަޔާތުގައިވެސް ދަތިތަކަކާ ކުރިމަތިލާން ޖެހިދާކަމަށެވެ. ނަމަވެސް އެވާހަކަތައް އަޑުއަހާނީ ވަރަށް މަދު މީހެއް ކަމަށެވެ. އެހެން ނަމަވެސް އެންމެ ފަހަރަކުވެސް އެ ކުރާ މަސައްކަތުން ކާމިޔާބުވެ މީހުންގެ ތެރޭގައި މަޝްހޫރުވުމުން އެމީހެއްގެ އަޑު އަހާނެ މީހުން ވަރަށް ގިނަވާނެ ކަމުގައެވެ. އަދި އެއީ ވަރަށް މޮޅު މީހެއްގެ ގޮތުގައި ފާހަގަކުރާނެކަމަށެވެ.
"އަހަރެންނަކީ މީ އެހާ މޮޅު މީހެއް ނޫން" މާ ބުނެފައިވެއެވެ. މިހެން ބުނެ އިތުރަށް މާ ފާހަގަކޮށްފައިވަނީ އޭނާއަކީ ވަރަށް އާދައިގެ ޢާއިލާއަކަށް އުފަން މީހެއްކަމަށެވެ. އަދި ސުކޫލުގައިވެސް މޮޅު ނަތީޖާ ލިބިފައިނުވާ ކަމުގައި މާ ވަނީ ބުނެފައެވެ. އެގޮތުން ކިޔެވުމަށް ނުހަނު ބުރަކޮށް މަސައްކަތް ކުރި ނަމަވެސް އޭރު ސުކޫލުގެ ޙާލަތާއި އަދި އެހެންވެސް ކަންތައްތަކުގެ ސަބަބުން ރަނގަޅު ނަތީޖާއެއް ސުކޫލް ދައުރުގައި ނެރެވެން ނެތީކަމަށްވެސް ޖެކް މާ ފާހަގަކުރިއެވެ. އެހެންކަމުން ރަނގަޅު ވަޒީފާއެއް ނުލިމުގެ އިތުރުން މަތީ ތަޢުލީމު އުނގެނުމުގެ ފުރުޞަތުވެސް ގެއްލުނީކަމުގައި މާ އޭނާގެ ވާހަކާގައި ބުނެފައިވެއެވެ.
ޖެކް މާގެ ދިރިއުޅުމުގައި ކަންތައްތައް ކިތަންމެ އުނދަގުލުން ކުރިއަށްދިޔަ ނަމަވެސް އެންމެ ފަހަރަކުވެސް ހިތްވަރު އެލުވާލައި ފަސްޖެހިފައިނުވާނެ ކަމުގައި މާ ބުނެފައިވެއެވެ. އަދި މި ހުރިހާ ކަމަކުން އޭނާއަށް ދަސްވި އެންމެ މުހިންމު ފިލާވަޅަކީ ކޮންމެ މީހަކީވެސް ދިރިއުޅުމުގައި ދިމާވާ ނާކާމިޔާބުތަކަށް ކެއްތެރިވާންޖެހޭނެ ބައެއްކަމުގައި މާ ބުންޏެވެ. އަދި އެހެން މީހުންގެ އިތުބާރާއި އެމީހުންގެ އެހީތެރިކަން ހޯދުމުގެ ޤާބިލުކަން ހުރި މީހަކަށް ވާންޖެހޭކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
އިތުރަށް ޖެކް މާ ބުނެފައިވަނީ ބިލް ގޭޓްސް އާއި ލޭރީ އެރިސަން ފަދަ މީހުން ހުރިހާ ފުރުޞަތުތަކެއްގެ ބޭނުން ހިފީކަމުގައި އޭނާ ކުޑައިރު ހީކުރެވުނު ކަމަށެވެ. އަދި ދުނިޔޭގައި ބާކީ ތިބި މީހުންނަށް އެއްވެސް ފުރުޞަތެއް ކުރިއަށްދިޔުމުގައި ދެން ނެތްކަމުގައި ދެކެވުނުކަމަށެވެ. އެހެން ނަމަވެސް މިއަދު ހިތަށް އަރަނީ އޭނާއަށް އެންމެ އުހުގައި ހުރެވޭ ކަމުގެ އިޙުޞާސްވާކަމަށެވެ. އެގޮތުން މީހުންނަށް އެހީވުން ގިނަ ކުރުމާއި އަދި ކުދި ކުދި ކަންތައްތަކުން ފެށުމަށް މާ ބުންޏެވެ. އަދި މިއަދު އޭނާއަށް އާދެވިފައިވާ ހިސާބަށް އާދެވިދާނެކަމުގައި އޭނާ ދުވަހަކުވެސް ހީނުކުރާކަމަށެވެ.
18 އަހަރަށްފަހުގައި އަލީބާބާ އަށް މިހާ ހިސާބަށް އާދެވުނީ ޖެކް މާގެ މޮޅު ކަމުން ނޫންކަމުގައި އޭނާ ބުންޏެވެ. ނަމަވެސް އޭނާ ވަށައިގެން މަސައްކަތުގައި އުޅުނު މުވައްޒަފުންގެ މޮޅުކަމުން ކަމުގައި އޭނާ ފާހަގަކުރިއެވެ. އަދި މޮޅެތި މީހުން ބޭނުންވާނީ އަބަދުވެސް މޮޅެތި ކަންކަން ކޮށްގެން ކާމިޔާބު ހޯދަންކަމުގައި ޖެކް މާ ފާހަގަކުރިއެވެ. ފަސޭހައިން އަދި އަވަހަށް ކަންތައްތައް ނިންމަންކަން ފާހަގަކުރިއެވެ. އެހެން ނަމަވެސް ކާމިޔާބަށް ވާޞިލުވުމަށްޓަކައި ކުރިއަށް އޮތް 10 އަހަރާމެދު ވިސްނުން މުހިންމެވެ. އެގޮތުން ކާމިޔާބަކީ ކުޑަ ހިނދުކޮޅަކުން ލިބޭނެ އެއްޗެއް ނޫންކަން އޭނާ ވަނީ ބުނެފައެވެ.
އެގޮތުން ކާމިޔާބަށް ވާޞިލުވުމަށްޓަކައި މޮޅެތި މީހުންނާއެކު މަސައްކަތްކޮށް އަދި ހިތްވަރާއެކު ކުރިއަށް ދާން ޖެހޭނެއެވެ. އެހެން ނަމަވެސް ގިނަ މީހުންނަށް ވާ ގޮތަކީ މައްސަލައެއް ދިމާވުމުން ކަރުއެލުވާލުން ކަމުގައި ޖެކް މާ ބުންޏެވެ. އަދި ކުރިއަށް ދެވޭނީ ދެރަ ކަމެއް ދިމާވުމުން ނުވަތަ ގޯސްކޮށް ކަމެއް ކުރެވުމުން އެހެން މީހުންގެ ބޮލުގައި އިލްޒާމް އެޅުވުމުގެ ބަދަލުގައި އަމިއްލަ ކުށް ޤަބޫލުކޮށް ކަންކަން ޙައްލުކުރަން އުޅޭ މީހާއަށް އެކަނި ކަމުގައިވެސް އޭނާ ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް