ހަފްތާގެ ތެރެއިން އަންނަ ޢީދުދުވަހަކީ ނުވަތަ އެންމެ މާތްދުވަހަކީ ހުކުރުދުވަސްކަމުގައި އަޅުގަނޑުމެން އެންމެންވެސް ދަންނަމުއެވެ.
އެއީ އެދުވަހަކަށްޓަކައި އިރުއަރާ އެންމެ މާތް މަތިވެރި ދުވަހެވެ. އެދުވަހަށް يوم الجمعة ނަމުން ވަނީ ނަންދެވިފައެވެ. އެހެންކަމުން އެދުވަހުގެ މަތިވެރިސަވާބާއި ދަރުމަ ހޯދުމަށް އަޅުގަނޑުމެން އެންމެވެސް ގަދައަޅާ މަސައްކަތް ކުރަންޖެހެއެވެ. އެމަސައްކަތްތަކުގެ ތެރެއިންވެސް ތިރީގައިވާ ކަންކަމަކީ ސުންނަތުން ސާބިތުވާ މުހިއްމު ކަންކަމެވެ.
އެންމެ މާތްނަމާދު ” ހުކުރުނަމާދު”
އެންމެ މާތް ނަމާދު ކަމުގައިވާ ހުކުރުނަމާދު އެދުވަހުގައި ކުރެވޭކަން، އަލްޖުމުޢަތު ސޫރަތުގެ 9 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވަވާފައިވާ ވަހީ ބަސްފުޅެއްގެ މާނާގައިވަނީ “އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ހުކުރުދުވަހު (ހުކުރު) ނަމާދަށް ގޮވައިލާހިނދު ފަހެ، اللَّه ހަނދުމަކުރުމަށް (އެބަހީ: خطبة އަޑުއެހުމާއި، ނަމާދަށް) ތިޔަބައިމީހުން ހިނގައިގަންނާށެވެ! އަދި ވިޔަފާރިކުރުން ހުއްޓައިލާށެވެ! ތިޔަބައިމީހުން ދަންނަކަމުގައި ވާނަމަ، އެގޮތް ތިޔަބައި މީހުންނަށް ހެޔޮކަން ބޮޑެވެ.” (އަލްޖުމުޢަތު ސޫރަތުގެ 9 ވަނަ އާޔަތް)
މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. “ފަރްޟު ފަސް ނަމާދާއި، ހުކުރުން ހުކުރަކީ ބޮޑެތި ފާފަތަކަށް އަރައި ނުގަންނަހާ ހިނދަކު އެދެމެދުގައިވާހާ ކަންތަކުގެ ކައްފާރާއެކެވެ.” ( رواه مسلم )
ހުކުރުވިލޭރޭގެ ފަތިސްނަމާދު
ހުކުރު ވިލޭރޭ ޖަމާޢަތުގައި ކުރެވޭ ފަތިސްނަމާދަކީ ހަފުތާގެ ތެރޭގައި ކުރެވޭ އެންމެ މާތް ނަމާދެވެ. މާތް ﷲ ރުއްސުންލެއްވި އިބްނު ޢުމަރުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ.
“މާތް ﷲ ގެ ޙަޟްރަތުގައި އެންމެ މާތް ނަމާދަކީ ޖަމާޢަތުގައި ކުރެވޭ ހުކުރުވިލޭރޭގެ ފަތިސް ނަމާދެވެ.” (رواه البيهقي في “شعب الإيمان” ) ހުކުރު ވިލޭރޭގެ ފަތިސްނަމާދުގައި ފުރަތަމަ ރަކްޢަތުގައި ސަޖިދަ ސޫރަތް އަދި ދެވަނަ ރަކްޢަތުގައި އިންސާނު ސޫރަތް ކިޔެވުމަކީ ސުންނަތެކެވެ.
ކީރިތިޤުރްއާން ކިޔެވުން
ހުކުރުދުވަހު ކިޔަވަން އަންގަވާފައިވާ ސޫރަތްތަކުގެ ތެރޭގައި هود، الكهف، يس، الدخان ސޫރަތް ހިމެނެއެވެ. މި ސޫރަތްތައް ކިޔަވަން ރަސޫލުﷲގެފާނު – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – އަންގަވައިފައި ވެއެވެ. މި ސޫރަތްތައް ޚާއްޞަކުރައްވާފައި މިވަނީ މި ސޫރަތްތަކުގައި އައިސްފައިވާ ތަފާތު ކަންތައްތަކާ މެދު ވިސްނާ ފިކްރުކޮށް އަޅުގަނޑުމެންގެ އުޅުންތަކާއި ގުޅުންތައް ރަނގަޅުކުރުމަށްޓަކައެވެ. އަޅުގަނޑުމެންގެ ވެށި އިސްލާމީ މާ ޙައުލަކަށް ހެއްދެވުމަށްޓަކައެވެ. މި ސޫރަތްތަކަކީ މައްކީ ސޫރަތްތަކެކެވެ. މައްކީ ސޫރަތްތަކުގައި ޢަޤީދާ އަށް ވަރަށް އިސްކަންދެއްވާފައި ވެއެވެ. އަދި މައްކީ ސޫރަތްތަކުގައި ކުރީގެ ޤައުމުތަކުގެ މީހުންގެ ވާހަކަ ބަޔާންކުރައްވާފައި ވެއެވެ. އެ ވާހަކަތަކުން ޢިބްރަތް ޙާޞިލުކުރުމަށްޓަކައެވެ. ރަސޫލުﷲގެފާނު – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – ޙަދީޘްކުރައްވަނީ “اقرءوا سورة هود يوم الجمعة” ތިޔަބައިމީހުން ހުކުރުދުވަހު ހޫދު ސޫރަތް ކިޔަވާށެވެ. އެހެން ބަސްފުޅެއްގައިވަނީ: «من قرأ سورة الكهف يوم الجمعة أضاء له من النور ما بين الجمعتين – ހުކުރުވިލޭރޭ ކަހްފު ސޫރަތް ކިޔެވި މީހާއަށް ދެ ހުކުރު ދެމެދުގައި އަލިކަންދެއްވާނެ ނޫރެއް ލައްވަވާނެއެވެ. “އަޘަރުގައި އައިސްފައިވެއެވެ.” ހުކުރުވިލޭރޭ ޔާސީން ސޫރަތް ކިޔެވި މީހާގެ ފާފަފުއްސަވާދެއްވާނެތެވެ. “ރަސޫލުﷲގެފާނު – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – ” مَنْ قَرَأَ “حم” الدُّخَانَ فِي لَيْلَةِ جُمُعَةٍ، أَوْ يَوْمَ جُمُعَةٍ بنى اللَّهُ لَهُ بَيْتًا فِي الْجَنَّةِ– “ހުކުރުވިލޭރޭ ނުވަތަ ހުކުރުދުވަހު ދުޚާނު ސޫރަތް ކިޔެވި މީހާއަށް މާތްﷲ ، ސުވަރުގޭގައި ގަނޑުވަރެއް ބިނާކޮށްދެއްވާނެއެވެ.”
ރަސޫލުﷲގެފާނު ގެ މައްޗަށް ޞަލާވާތްކިޔެވުން ގިނަކުރުން
ހުކުރުދުވަހާއި ހުކުރުވިލޭރޭ ރަސޫލުﷲގެފާނު މައްޗަށް ޞަލަވާތްކިޔެވުން އިތުރުކުރުމަށް، އެކަލޭގެފާނު އިރްޝާދުދެއްވާފައި ވެއެވެ. ރަސޫލުﷲގެފާނު – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – ޙަދީޘްކުރައްވަނީ “ހުކުރުދުވަހު ތިމަން ކަލޭގެފާނުގެ މައްޗަށް ތިޔަބައިމީހުން ޞަލަވާތް ކިޔެވުން އިތުރުކުރާށެވެ. ފަހެ، ހަމަކަށަވަރުން އެއީ މަލާއިކަތްބޭކަލުން ހެކިވެވަޑައިގަންނަވާނެ ދުވަހެކެވެ. ތިޔަބައިމީހުންގެ ތެރެއިން މީހަކު ތިމަންކަލޭގެފާނުގެ މައްޗަށް ޞަލަވާތްކިޔަވާ އަވަދިވާއިރަށް އެ ޞަލަވާތެއް، ތިމަންކަލޭގެފާނުގެ މައްޗަށް ހުށަހަޅުއްވާދެއްވާނެތެވެ. ދެންނެވުނެވެ. ސުވަރުގެ ވަޑައިގަތުމަށް ފަހުގައި ވެސް ތޯއެވެ. ޙަދީޘްކުރެއްވިއެވެ. ސުވަރުގެވަޑައިގެންނެވުމަށް ފަހުގައި ވެސްމެއެވެ. ފަހެ، ހަމަކަށަވަރުން ނަބީބޭކަލުންގެ ހަށިކޮޅުތައް ކެއުމަކީ މާތްﷲ ބިމަށް ޙަރާންކުރައްވާފައިވާ ކަމެކެވެ. ފަހެ، ﷲގެ ނަބީންނަކީ ދިރިދެމިގެންވާ ރިޒްޤުދެއްވަވާ ބަޔެކެވެ.”
ހުކުރުނަމާދަށް އަވަހަށް ދިޔުން
ހުކުރުނަމާދަށް އަވަހަށް މިސްކިތަށްދިޔުމަކީ ކީރިތިރަސޫލާ – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – އެކަމަށް ވަރަށް ބޮޑަށް ހިތްވަރުދެއްވާފައިވާ ކަމެކެވެ. މިކަމުގެ ސަބަބުން ﷲގެ ޙަޟްރަތާ ބޮޑަށް ކުއްތަންވެވޭނެތީއެވެ. މިކަމުގެ ސަބަބުން ޛިކްރުކުރުމާއި ﷲގެ މަތިން ހަނދުމަކުރުން އިތުރުވާނެތީ ވެސްމެއެވެ. އަޙްމަދު ރިވާކުރައްވާ ގޮތުގައި “ހުކުރު ދުވަހު ޝައިޠާނުން ބިންމަތީ ފެތުރިގަންނާނެތެވެ. މުސްލިމުން ބާޒާރުން ބޭރަށް ނުކުތުން ލަސްކުރުވުމަށް މަސައްކަތްކުރާނެތެވެ. އަދި މަލައިކަތް ބޭކަލުން މިސްކިތްތަކުގެ ދޮރުމަތީގައި ތިއްބަވައި ހުކުރަށް އަންނަ މީހުންގެ ނަންތައް ލިއުއްވާނެތެވެ. އިމާމަ މިސްކިތަށް ވަދެ މިން ބަރަށް އަރައްޖައުމަށް ދާންދެން އެބޭކަލުން މިސްކިތަށް އަންނަ މީހުންގެ ނަންތައް ތަރުތީބުން ލިއުއްވާނެތެވެ.” އަނެއް ޙަދީޘްފުޅެއް ބުނާ ގޮތުގައި އިމާމު މިންބަރަށް އެރުމުން އެދުވަހު ހުކުރު ނަމާދަށް އައި މީހުންގެ ނަންތައް ލިއުއްވާ، ފަތްތައް ލައްޕަވާލައްވާނެތެވެ. ހުކުރުނަމާދަށް އަވަހަށް އަންނަ މީހުންނަށް ހުރި ސަވާބު ބަޔާންކޮށްދެއްވަމުން ރަސޫލުﷲގެފާނު ޙަދީޘްކުރައްވަވާފައިވާ ހަދީސެއްގެ މާނާގައި ވަނީ މިފަދައިންނެވެ. “ހުކުރުނަމާދަށް ހިނައިގަނެގެން، ފުރަތަމަ ގަޑީގައި މިސްކިތަށް ދިޔަމީހާ ޖަމަލެއް ޤުރްބާންކުރި ފަދައެވެ. ދެވަނަ ގަޑީގައި ދިޔަމީހާ ގެރިއެއް ޤުރްބާންކުރި ފަދައެވެ. ތިންވަނަގަޑީގައި ދިޔަމީހާ ދަޅުފެޅި ބަކަރިއެއް ޤުރްބާންކުރިފަދައެވެ. ހަތަރު ވަނަ ގަޑީގައި ދިޔަމީހާ ކުކުޅެއް ޤުރްބާންކުރިފަދައެވެ. ފަސްވަނަގަޑީގައި ދިޔަމީހާ ކުކުޅުބިހެއް ޤުރްބާންކުރި ފަދައެވެ. ފަހެ އިމާމާ ނުކުމެ މިންބަރަށް އެރުމުން މަލާއިކަތްބޭކަލުން ފަތްތައް ލައްޕަވާލައްވައި ޚުޠުބާ އަޑު އެއްސެވުމަށް އިށީނދެވަޑައިގަންނަވާނެތެވެ.”
ހުކުރުނަމާދަށްޓަކައި މިސްކިތަށް އަރައި ސަފުތައް ފޫއަޅުވާލައި ނުދިޔުން
މިސްކިތަށް އަރަނީ ﷲގެ މަތިން ހަދުމަކުރުމަށާއި ޛިކްރުކުރުމަށާއި ނަމާދު ކުރުމަށްޓަކައެވެ. މިސްކިތަކީ މި ބިންމަތީގައި ހުރި ﷲގެ ގަނޑުވަރުތަކެވެ. މިސްކިތަށް ދާ މީހުންނަކީ މި ގަނޑުވަރުތައް އާރާސްތުކުރާ މީހުންނެވެ. އަދި އެބައިމީހުންނަކީ ﷲ އަށް ޒިޔާރަތްކުރާ ބަޔެކެވެ. އެހެންކަމުން ﷲ އެމީހުންގެ ޤަދަރު އުފުއްލަވަތެވެ. މިސްކިތަށް އަރައި އެތާނގެ އެތެރޭގައި މީހުންނަށް އުދަނގޫވެދާނެ ފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ. ސަފުތައް ގިރާކުރަމުން، މީހުން ކޮއްޕަމުން ދިޔުމަކީ ގޯނާކުރުމެކެވެ. މިއީ ﷲ ރުހިވޮޑިގަންނަވާނެ ކަމެއް ނޫނެވެ. ކުރީ ސަފު ބޭނުންވާ މީހާ މިސްކިތަށް އަވަހަށް ދާންޖެހޭނެއެވެ. ފަހުން އަރާ މީހަކު ކުރިއަށް ގޮސް ދެ މީހަކު ދެމެދުން ތަންކޮޅެއް ހަދާލައިގެން ތަންހޯދުމަކީ އިސްލާމްދީނުގެ ރިވެތި އަދަބާއި ސުލޫކާ ޚިލާފުކަމެކެވެ. ކީރިތިރަސޫލާ ޙަދީޘްކުރައްވަނީ “مَنْ تَخَطَّى رِقَابَ النَّاسِ يَوْمَ الْجُمُعَةِ اتَّخَذَ جِسْرًا إِلَى جَهَنَّمَ – ހުކުރުދުވަހު މިސްކިތަށް އަރައި، މީސްތަކުންގެ ކޮނޑުތައް މަތިން ގިރާކޮށް ދާ މީހުން ނަރަކައަށް ފާލަމެއް އަޅައިފިއެވެ.” އެއްދުވަހަކު ރަސޫލުﷲގެފާނު ޚުޠުބާދެއްވަން ހުންނަވަނިކޮށް މީހަކު އަރައި ، މީސްތަކުން ކޮއްޕަމުން، ކޮޑުތައް މަތިން ގިރާކުރަމުން ދަނިކޮށް ފެނިވަޑައިގެން ޙަދީޘްކުރެއްވިއެވެ.” ތިބާ އިށީންނާށެވެ. ހަމަކަށަވަރުން ތިބާ ގޯނާކޮށްފީމުއެވެ. ތިބާ ތިޔައީ ލަހުންނެވެ.”
ޚުޠުބާ އަޑުއެހުން
ޚުޠުބާއަކީ މީސްތަކުންނާ އެ ހަފުތާގައި ކުރިމަތިވި މަސްއަލަތައް ޙައްލުކުރާނެ ގޮތް ބަޔާން ކޮށްދިނުމަށާއި، މީސްތަކުންނަށް ދީނީ ކަންތައްތައް އޮޅުންފިލުވައިދިނުމަށާއި، ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ޝަރްޢުކުރައްވާފައިވާ ބަޔާނެކެވެ. މި ޚުޠުބާއިން ފައިދާ ލިބިގަންނަން ޖެހޭނެއެވެ. ޚުޠުބާގެ އަޑު ނާހައި، މި މަޤްޞަދު ޙާޞިލެއް ނުކުރެވޭނެއެވެ. އެހެންކަމުން ޚުޠުބާ އަޑުއެހުމަކީ ހުކުރުނަމާދުގެ މުހިއްމު ބައެކެވެ. މިހެންވެ، ކީރިތި ރަސޫލާ ޙިދީޘްކުރައްވަނީ “ހުކުރު ޚުޠުބާ ދެވެމުންދާ އިރު ތިބާގެ ގާތުގައި އިން މީހާއާ ދިމާއަށް ހަނުހިމޭނުންލައިގެން އިންނާށޭ ބުނެފިނަމަ ތިބާ ބޭކާރު ވާހަކަ ދައްކައިފިއެވެ. “މި ބަސްފުޅުން އެނގެނީ ޚުޠުބާ އަޑުއެހުމުގެ ސަވާބުން އޭނާ މަޙްރޫމުވެއްޖެކަމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް