ވާހަކަ: މަ ހާދަ ލޯބިވެއޭ ! - ފުރަތަމަ ބައި

މިއީ އަތޮޅުތެރޭގެ ރަށަކަށް އަހަރެން ކުރި ފުރަތަމަ ދަތުރެވެ. މީގެކުރިން "ރާއްޖެތެރެއޭ" ބުނުމުން އަހަންނަށް ސިފަކުރެވުނީ ބާވެ ހަސްނެތިފައިވާ ޖިފުޓިތަކާއި، ނާތަހުޒީބު އަވަށްގަނޑެކެވެ. އެކަމަކު އެއީ މުޅިނ...

15 Jan 2017 | 02:50

މިއީ އަތޮޅުތެރޭގެ ރަށަކަށް އަހަރެން ކުރި ފުރަތަމަ ދަތުރެވެ. މީގެކުރިން "ރާއްޖެތެރެއޭ" ބުނުމުން އަހަންނަށް ސިފަކުރެވުނީ ބާވެ ހަސްނެތިފައިވާ ޖިފުޓިތަކާއި، ނާތަހުޒީބު އަވަށްގަނޑެކެވެ. އެކަމަކު އެއީ މުޅިން ކުށްހީއެކެވެ. އަހަރެންގެ މަންމަގެ އުފަން ރަށަކީ މާބޮޑު ތަކުލީފަކާނުލައި، ހިތްހަމަޖެހިގެން ދިރިއުޅެވިދާނެ ރަށެކެވެ. އަތޮޅު ހޮސްޕިޓަލް ހުންނަނީ މި ރަށުގައެވެ. ފެންވަރު ރަނގަޅު ޑޮކުޓަރުން ތިބެއެވެ. އެންމެ ފަހުގެ ވަސީލަތްތަކުގެ އެހީގައި ކިޔަވައިދޭ، ޖާގަ ތަނަވަސް ސްކޫލެއް ހުރެއެވެ. ރަށުގެ ގެތަކާއި މަގުތަކަށް ބެލިޔަސް ތަރައްޤީގެ ކުލަވަރު ވަރަށް ރަނގަޅަށް ފެނެއެވެ. މީހުން އަޅައިއުޅޭ ހެދުމުގައި ވެސް މާލޭގައި ދިރިއުޅޭ މީހުންނާ މާ ބޮޑު ތަފާތެއް ނެތެވެ. ޒުވާން އަންހެން ކުދިން ތިބެނީ ގަޔަށް ބާރު ޓޮޕާއި ޖިންސް ލައިގެން، ބޮލުގައި ޝޯލް އޮޅައިގެންނެވެ. މެދުއުމުރުގެ މީހެއް ނަމަ ކުލަކުލައިގެ ގަޔަށް ދޫ ހެދުމާއެކު އެކި ޑިޒައިންތަކުގެ ބުރުގާ އަޅައިގެންނެވެ. ވާހަކަދައްކައި އުޅެނީ މާލޭ ބަހުރުވައިންނެވެ. ރަށަށް ހާއްސަ ވަކި ބަހުރުވައެއް ނުވަތަ ރާގެއް ނޯވެއެވެ.

އަހަންނަށް އާދެވުނީ އަޟްހާ ޢީދު ބަންދުގައި ކަމުން ރަށުތެރެ ވަނީ ވަރަށް ބޮޑަށް ހަބޮލިވެފައެވެ. މަގުތަކާއި ގޯޅިތަކުގައި ޒުވާނުންނާއި، ކުދިބޮޑު އެންމެން އެމީހަކަށް ނެގުނު ފޯރިއެއް ނަގަމުން ގެންދިޔައެވެ. އަހަންނަށް އެންމެ ފާހަގަކުރެވުނު، އެންމެ ހާއްސަ އެއް ކަމަކަށްވީ ޢީދު ނަމާދަށްފަހު އޮތް ޢީދު ސައެވެ. ރަށުގެ ފުޓްބޯޅަ ދަނޑުގައި، ރަށުރައްޔިތުންނަށް ސައި ތައްޔާރުކޮށްފައިވާ ގޮތަކީ މުޅި ރާއްޖެއަށް ލާމަސީލު ނަމޫނާއަކަށް ވާނެ ކަން ޔަގީނެވެ. އަހަންނަށް އެކަމުން ދޭހަވީ މިއީ އެކުވެރި، އެއްބައިވަންތަ ބަޔަކު ދިރިއުޅޭ ރަށެއްކަމެކެވެ. އަހަންނަކީ މިރަށަށް ބީރައްޓެއްސެއް ނަމަވެސް އަހަރެން ފެނުމުން ހީނނުލާ މީހަކާ ދިމައެއް ނުވެއެވެ.

ވަޅުޢީދު ދުވަހު ހަވީރު އޮތް ބަށިމެޗު ބަލަން ދިޔުމަށް އަހަރެން ތައްޔާރުވީމެވެ. ރަތް ވެލިފޮތިން ޖަރީކުރެވިފައިވާ ހުދުކުލައިގެ ޕާކިސްތާނު ހެދުމަކާއެކު ރަތް ހަރުވާޅެއްލައި، ރަތް ދޯޕައްޓާއެއް އެޅީމެވެ. އަދި އެއްވެސް ހިފެހެއްޓުމެއްނެތި އިސްތަށިގަނޑު ފުރަގަހަށް ދޫކޮށްލީމެވެ. އަހަރެން ތައްޔާރުވެގެން ނުކުތުމުން ލިއުޝާ އާއި މުނާ ފާޑަކަށް އަނގަ ހަދައިގެން އަހަންނާ ދިމާއަށް ބަލަން ތިބެފައި ހޭންފެށިއެވެ. އެއީ މަލާމާތުގެ ހުނުމެކެވެ.

"ކޯންޗެއް ލައިގެން ތިނުކުތީ؟" ދިމާކުރާ ކަހަލަ ރާގަކަށް ލިއުޝާ ބުންޏެވެ.

"މީ މަގޭ ފޭވަރިޓޭ. ހިނގާ ދާން!" އަހަންނަށް އަބަދު ވެސް ޕާކިސްތާނު ހެދުން ރީއްޗެވެ. އެކަމަކު އެއީ ދިވެހިންގެ ތެރޭގައި މިހާރުގެ ފެޝަނެއް ނޫނެވެ. އެހެންވެ މާލޭގައި ލާން ނުކެރިގެން ބެހެއްޓި ހެދުންތައް ލުމަށް ރަނގަޅު ފުރުސަތެއް ލިބުނީ ކަމަށް އަހަންނަށް ގަބޫލުކުރެވުނެވެ.

އަހަރެން ހީކުރި ވަރަށް ވުރެ މާގިނަ މީހުން ބަށިމެޗް ބަލަން ދިޔައެވެ. އެއީ ކައިރި ރަށެއްގެ ޓީމަކާއެކު ކުޅެވުނު މެޗަކަށް ވީތީ އެ ރަށުން ވެސް ވަރަށް ގިނަ ސަޕޯޓަރުން އައިސް އުޅެއެވެ. މެޗަށް ވުރެ ބޮޑަށް އަހަންނަށް ސަމާލުކަން ދެވުނީ އަހަރެންގެ ވަށައިގެން ހިނގަމުންދިޔަ ކަންތައްތަކަށެވެ. ސަޕޯޓަރުންގެ ހަރަކާތްތަކަށެވެ. އެމީހުން ނަގަމުންދިޔަ ފޯރި ފެނިފައި އަހަންނަށް ހުރެވުނީ އާޝޯޚުވެފައެވެ. ހަޤީގީ އެކުވެރިކަމާއި، އެއްބައިވަންތަކަމާއި، އަޚުވަންތަކަން މި ފެންނަނީ ރަށްރަށުންނޭ ހިތަށް އެރިއެވެ.

އެކި މީހުންގެ ހަރަކާތްތަކަށް ނަޒަރުހިންގަމުން ދިޔައިރު ވަކި ހިސާބަކުން އަހަންނަށް ކަޅިހުއްޓާލަން މަޖުބޫރުވިއެވެ. މަޑުނޫކުލައިގެ ގަމީހެއް ލައިގެން ހުރި ޒުވާނަކު އަހަންނާ ދިމާއަށް ބަލަން ހުރިހެން ހީވިއެވެ. ނަމަވެސް އެއީ ހީއެއް ކަމަށް ނިންމައި އަހަރެން އެހެން ދިމާއަކަށް ބަލައިލީމެވެ. އެކަމަކު އެއީ ކުޑަ ހިނދުކޮޅަކަށެވެ. ބޭއިޚުތިޔާރުގައި އަހަންނަށް އަނެއްކާ ވެސް އެޒުވާނާ އަށް ބަލައިލެވުނެވެ. މިފަހަރު އޭނާ އާއި އޭނާ ކައިރީގައި ހުރި އެހެން ޒުވާނަކާ ދެމީހުން އަހަންނާ ދިމާއަށް ބަލަމުން ހީނހީފައި ވާހަކަތަކެއް ދައްކަނީއެވެ. އަހަރެން ބަލާލުމުން ވަރަށް ނޫންކަމަށް ހެދިފައި ދެމީހުން މެޗު ބަލަން ތިބިކަމަށް ހެދުނެވެ. އެމީހުންގެ އެ ހަރަކާތުން އެމީހުން ބަލަން ތިބީ އަހަންނާ ދިމާއަށް ކަން ޔަގީން ކުރެވުނެވެ. އެކަމަކު ކީއްވެ ހެއްޔެވެ؟ އަނެއްކާ އަހަރެން ލައިގެން ހުރި ހެދުމަށް މަލާމާތް ކުރަނީ ހެއްޔެވެ؟ އެހެން ވެއްޖެނަމަ ހާދަ ދެރައެވެ. ނޫނެކެވެ. އަހަރެން ދެރަވާންވީ ކީއްވެ ހެއްޔެވެ؟ މިއީ މީހަކަށް ރީތިވެގެން ލީހެދުމެއް ނޫނެވެ. ޚުދު އަހަންނަށް ކަމުދާތީ، އަހަންނަށް ރީތިވެގެން ލީހެދުމެކެވެ.

އެކަހަލަ ހިޔާލުތަކެއްގައި ހުއްޓައި އަނެއްކާ ވެސް ނޫ ގަމީސް ލައިގެން ހުރި ޒުވާނާ އަހަންނާ ދިމާއަށް ބަލައިލިއެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވީ ވަގުތު އޭނާ ހިނިތުންވިއެވެ. އެކަމަކު ބަދަލުގައި ހީނލާކަށް އަހަންނަކަށް ނޭނގުނެވެ. އެއްވެސް އިހުސާސެއް ނުވާ ބެލުމަކުން އެ މޫނަށް ބަލަން ހުރެވުނީއެވެ.

މެޗު ނިމުނުއިރު މޮޅުވީ ކޮން ޓީމެއް ކަމެއް އަހަންނަކަށް ނޭނގުނެވެ. އެ ޒުވާނާއަށް ވެސް ނޭނގޭނެ ކަން ޔަގީނެވެ. އޭނާގެ ޝައުޤުވެރިކަން ހުރީ ކުޅިވަރަކަށް ނޫނެވެ. އަހަރެންގެ މޫނަށެވެ. އަހަންނަށް ވެސް ސިއްރުންނާއި ފާޅުގައި ބެލުނީ އޭނާގެ ހަރަކާތްތަކަށެވެ. ގޯސް ނިޔަތެއް އޮވެގެންނެއް ނޫނެވެ. އޭނާ އެވަރަށް އެބަލަނީ ކީއްވެތޯ ބެލުމުގެ މަޤުޞަދުގައެވެ. އަހަންނަކީ ތަނަކުން ފިރިހެނަކު ފެންނަ އިރަށް އަޅައިގަންނަ ނުވަތަ މޮޔަވާ ޒާތުގެ މީހެއް ނޫނެވެ. އެހެން އުޅެންވީ ކީއްކުރަން ހެއްޔެވެ؟ މިއުޅެނީ ރައްޓެހިވާނެ ނުވަތަ އިންނާނެ މީހަކު ހޯދަންވެގެންނެއް ނޫނެވެ.

"ބީޗްގަ ހިނގާލާފަ ދޯ ގެއަށް ދާނީ" މެޗު ނިމުނުން މުނާ ބުންޏެވެ. އެ ދެމީހުން މިސްރާބުޖެހީ އަތިރިމައްޗާ ދިމާއަށެވެ. އަހަރެން ވެސް އެމީހުންނާ އެކުގައި ހިނގައިގަތީމެވެ.

"އޭ ކޮންބައެއްތަ. . . ؟" ކުރަން އުޅުނު ސުވާލު އަހަރެން މެދުކަނޑާލީމެވެ. މޮޅުވީ ކޮންބައެއްހޭ އަހައިފިނަމަ އެ ދެމީހުން ދިމާކުރާނެ ވަރު ހިތަށް އެރުމުންނެވެ. އެހެންވެ ވާހަކަ ބަދަލުކޮށްލީމެވެ. "މި ރަށުގަ ފިރިހެނުން ވެސް ބަށި ކުޅޭތަން ބަލަން އާދޭތަ؟" ބަށްޓަކީ އަހަންހެނުން ކުޅޭ ކުޅިވަރަކަށް ވުމުން އަހަންނަށް ހީކުރެވިފައި އޮތީ ކުޅޭތަން ބަލަން އަންނާނީ ވެސް އަންހެނުން ކަމުގައެވެ.

"ވަރަށް ނާންނާނެ! މިއަދު މިއީ ހާއްސަ މެޗެއްނު؟ އަދި އެހެން ރަށެއްގެ ޓީމަކާއެކު އެ ކުޅުނީ ވެސް. އެހެންވީމަ ވަރަށް ސަޕޯޓްދޭން ޖެހޭނެ އެއްނު؟" މުނާ ބުންޏެވެ.

"އަންހެނުންނާ ފިރުހެނުން އައިސް އެވަރަށް ސަޕޯޓްކުރީމަ މިރަށް މޮޅުވީ ވެސް. . " މުނާ ދެއްކި ވާހަކައަށް ލިއުޝާ އެއްޗެއް އިތުރުކޮށްލިއެވެ. މޮޅުވީ ކޮންބައެއްކަން އަހަންނަށް އެނގުނީ އެ ހިސާބުންނެވެ.

އަހަރެމެންނަށް ގޮނޑުދޮށަށް ދެވުނުއިރު އެހިސާބުގައި ވަނީ ހިމޭންކަމެވެ. އެއީ ރަށުގެ ހުޅަނގު ފަރާތް ކަމުން އޮއްސެންދިޔަ އިރާއި، ރަތާއި އޮރެންޖް ކުލަ ޖެހިފައިވާ ވިލާތައް ވަރަށް ރީތިކޮށް ފެނެއެވެ. މަޑުމަޑުން ޖެހެމުންދިޔަ ރޯޅިތަކާއި، ގޮނޑުދޮށަށް ޖަހަމުންދިޔަ ރާޅުތަކުގެ އަޑުން އަހަރެންގެ ހިތަށް ބަޔާންކުރަން ދަތި އުފާވެރިކަމެއް ވެރިވެގެން ދިޔައެވެ. އެއީ މީގެކުރިން ފިލްމަކުން ނޫނީ ނުދެކޭ މަންޒަރެކެވެ. ތަޖުރިބާކޮށްލަން ނުލިބޭ އުފަލެކެވެ. ހާދަ ހިތްގައިމެވެ. ހާދަ ހިތް އުފާވެއެވެ. އަރައިގެން ހުރި ފައިވާން ބޭލުމަށްފަހު، ހިމުން ދޮންވެލިގަނޑުގައި މަޑުމަޑުން ހިނގާފައި ގޮސް ރާޅުފެންފަށުގައި ހުއްޓުނީމެވެ. އަހަރެންގެ ހިތަށް އެރިއެވެ. ދިވެހި ރާއްޖެއަކީ މި ދުނިޔެމަތީގެ ސުވަރުގެއޭ ފަތުރުވެރިން ބުނަނީ މިހެން ވެގެންތާއެވެ. އެއީ ތެދެކެވެ. އެކަން އިހުސާސް މި ކުރެވެނީ މާލޭގެ ހަލަބޮލި މާހައުލުން ދުރުވެ، ރަށްފުށުގެ އަޖުމަ ބަލައިލެވުމުންނެވެ.

މާލެއަށް ވުރެ މިރަށް ގޯހީ ކޮންގޮތަކުން ހެއްޔެވެ؟ ރަނގަޅީ ކޮން ގޮތަކުން ހެއްޔެވެ؟ ޔަގީނުން ވެސް ޗުއްޓީ ހޭދަކޮށްލަން މިފަދަ ދެވަނައެއް ނުވާނެއެވެ. ދެން އޮތީ ދިރިއުޅެން ކަމުދޭތޯ ބެލުމެވެ. މި ޤައުމުގައި މާލެ ނޫން ތަނެއް ދިރިއުޅެން ކަމުދާނެ ހެއްޔެވެ؟ މާލޭގައި ދިރިއުޅުމުގެ އަގު އަތްނުފޯރާ ހިސާބަށް ގޮސްފައިވާއިރު ވެސް ރަށްރަށު މީހުން މާލެ އަށް ބަދަލުވަނީ ކީއްވެ ހެއްޔެވެ؟ ހުރިހާ ޚިދުމަތްތަކެއް ލިބެނީ މާލެއިންނެވެ. ދަރިންނަށް ކިޔަވައިދީ، ބޭސްފަރުވާ ކޮށްދެވޭނީ މާލެގައި އުޅެގެންނެވެ. އެވަގުތު އަހަރެންގެ ސިކުނޑީގެ އެއްކަނަކުން ގޮވާލިއެވެ. ނޫނެކެވެ. މާލެއަށް ދިރިއުޅެން ބަދަލު ވަނީ މިކަހަލަ ރަށްރަށުގެ ރަށްވެހިންނެއް ނޫނެވެ. އެއީ މާބޮޑަށް  އާބާދީ މަދު، ނާތަހުޒީބު ރަށްރަށުގެ އަހުލުވެރިންނެވެ. އަހަންނަށް އެނގިފައިވާ ގޮތުގައި މިރަށުގައި މާލެއަށް ބަދަލުވެގެން އުޅެނީ ވަރަށް މަދު އާއިލާއެކެވެ. ތަޢުލީމީ ޒުވާނުން ދިރިއުޅެނީ ރަށުގައެވެ. ސަރުކާރުން ވެސް ރަށުގެ ތަރައްޤީއަށްޓަކައި ގިނަގުނަ ހޭދަތައް ކުރެއެވެ. ފާއިތުވެގެން ދިޔަ އަހަރު ވެސް  ޤައުމީ ޔުނިވަރސިޓީގެ ކެމްޕަހެއް ޤާއިމްކޮށްދީފިއެވެ. މިރަށުން ކިޔަވާ ދަރިވަރުން ޤައުމީ އަދި ދުނިޔޭގެ ފެންވަރުގެ ކާމިޔާބީތައް ކޮންމެ އަހަރަކު ވެސް ހޯދައެވެ. ސްޕީޑް ލޯންޗެއް ފަނަރަ މިނެޓުން ދެވޭ ހިސާބުގައި އިންޓަނޭޝަނަލް އެއަރޕޯޓެއް އޮވެއެވެ. ޕޮއިންޓް ދީގެން މިނެކިރާނަމަ މިރަށަށް އަހަރެން ދޭނީ ސަތޭކައެވެ.

ބޭއިޚުތިޔާރުގައި އަހަންނަށް ހެވުނެވެ. އެވަގުތު ލިއުޝާ އައިސް އަހަރެންގެ ކޮނޑުގައި ހިފައި ތަޅުވައިގަތެވެ.

"ކޮން ހިޔާލަކަށް ގެއްލިފަ؟ ގޮވާގޮވާ ވަރުބަލިވެއްޖޭ!"

އަހަންނަށް ހޭވަރިކަންވީ އެ ހިސާބުންނެވެ. އޭރު އިރު ވެސް އޮއްސިއްޖެއެވެ. ކޮންމެވެސް ވަރަކަށް އަނދިރި ވެސް ވެއްޖެއެވެ.

"މި ހިތަށް އަރަނީ މިރަށް ހާދަ ހިތްގައިމޭ!" ދެ ފައިތިލާގައި ހުރި ވެލިތަކާއެކު ފައިވާނަށް އަރަމުން އަހަރެން ބުނީމެވެ.

"ކޮބާ ކޮބާ؟ މަ ބުނީމެއްނު! އެކަމަކު މިރަށް މޮޅު ކޮށްފަ އެއްޗެކޭ ހަމަ ބުނާއިރަށް ބުނާނެ މާލެ މާ ރަނގަޅޭ!" ދިމާކުރާކަހަލަ ރާގަކަށް ލިއުޝާ ބުންޏެވެ. "ރަނގަޅު ކަމެއް ގޯސްކަމެއް ވެސް އެނގޭނީ އައިސް، ލޮލުންދެކެ، އަތުން ހިފީމަ. . ." ލިއުޝާ ހިނގަނޑެއް ޖަހާލިއެވެ.

"ދެން މެރީކޮށްގެން މިކޮޅަށް ބަދަލުވާންވީނު؟ ހަމަ ވެލްކަމް. . ." އެއްލޯ މަރާލަމުން މުނާ ބުނެލިއެވެ.

އެއީ އަހަރެންގެ މަންމައާ އެއްބަނޑު އެއްބަފާ ދެ ބޭބެގެ ދެ ދަރިންނެވެ. އަހަންނާ ދާދި އެއް އުމުރެކެވެ. އެންމެ ކުޑައިރުންސުރެ މާލެ ދެވިއްޖެނަމަ އެމީހުން ތިބޭނީ އަހަރެމެންގެ ގޭގައެވެ. ފަހުން އިންޓަރނެޓްގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާވެގެން ދިޔުމުގެ ސަބަބުން ސޯޝަލް ނެޓްވޯކްތައް ވަނީ އަހަރެމެން ވަރަށް ގާތް ކޮށްދީފައެވެ. ރަށުގެ ވަރަށް ގިނަ މައުލޫމާތު އަހަންނަށް އެނގެއެވެ. އެކަމަކު އަގުބޮޑު ރިސޯޓަކަށް ނުވަތަ ރާއްޖޭން ބޭރު ޤައުމަކަށް ނޫނީ ޗުއްޓީ ހޭދަކޮށްލާކަށް ނުދަމެވެ. ހަފްތާއެއްގެ ތެރޭގައި އަހަރެން މިރަށަށް ހިތް ޖެހިއްޖެއެވެ. ކުރިން ވެސް އާދެވުނުނަމައޭ ހިތަށް އެރިއެވެ.

ރޭގަނޑު ނުވައެއް ޖަހަން ކައިރިވީއިރު އަހަރެމެން ތިބީ މިއުޒިކް ޝޯވ ބަލަން ދާން ތައްޔާރުވެގެންނެވެ. އެއީ ރާއްޖޭގެ މަޝްހޫރު ބައެއް ލަވަކިޔުންތެރިންނާއި މާލޭގެ ނަށާގުރޫޕެއް ގެނެސްގެން ބާއްވާ ޢީދުގެ ހާއްސަ ޝޯވ އެކެވެ. ޝޯވ އޮތީ ރަށުގެ ބަދަރުމަތީގައި އެކަމަށް ތައްޔާރުކުރެވިފައި ބޮޑު ސްޓޭޖެއްގައެވެ. އަހަރެމެންނަށް އެތަނަށް ދެވުނުއިރު އެންމެ ފުރަތަމަ ލަވަ ފެށިގެން ކުރިއަށް ދަނީއެވެ. ކުޅިބަލާ މީހުންތައް ގިނަކަމުން ސްޓޭޖް ހުރި ހިސާބަށް ކައިރިވެވެން ވެސް ނެތެވެ.

"ދެން ވެސް ރީތިކޮށް ފެންނާނީ ތަންކޮޅެއް ދުރުގަ ތިބީމަ. . ."

މުނާގެ ބަހަށް އަހަރެމެން ފަހަތަށް ޖެހެން ފެށީމެވެ. އަދި ތަންކޮޅެއް މީހުން މަދު ދިމާއެއްގައި ގޮސް ހުއްޓުނީމެވެ.

"އަދިކިރިޔާ ސާފު ވައިކޮޅެއް ވެސް ލިބޭވަރު މިވީ" ފުން ނޭވާއެއް ދޫކޮށްލަމުން އަހަރެން ވަށައިގެން ހޯދާ ބަލައިލީމެވެ. ވަކި މަޤުޞަދެއް އޮވެގެންނެއް ނޫނެވެ. އެކަމަކު ހަވީރު ފެނުނު ޒުވާނާ އަހަންނާ ވަރަށް ގާތުގައި ހުރިތަން ފެނުމުން ހަތަރެސްފައި ފިނިވެ، ނޭވާ އަވަސްވިއެވެ. ކީއްވެ ކަމެއް ނޭނގެއެވެ. ހަމަ އެވަގުތު އޭނާ އަށް ވެސް އަހަރެން ފެނުނެވެ. އެކަމަކު އޭނާ ތެޅިގަތީ ހާސްވެގެން އުޅޭ މީހަކު ފަދައިންނެވެ. ހަވީރު އެ ބެލުމުގައި ހުރި ޝައުޤުވެރިކަމެއް މިފަހަރަކު ނެތެވެ. ގިނަ އިރުތަކެއް ނުވެ ސަބަބު އަހަންނަށް ވިސްނުނެވެ. އޭނާއާ ނުހަނު ގާތުގައި ހުރީ އޭނާގެ އަންހެނުން ނުވަތަ ލޯބިވެރިޔާއެވެ. އެ އަންހެން ކުއްޖާ އިރުއިރު ކޮޅުން އޭނާގެ އަތުގައި އޮޅުލައިގަނެއެވެ. އަދި ކަންފަތް ކައިރީގައި ސިއްރުން ކޮންމެ ވެސް އެއްޗެކޭ ބުނެލައެވެ. އެހެންކަމުން އަހަރެން ގަސްތުކުރީ އެ ދިމާއަށް ނުބެލުމަށެވެ. އެކަމަކު މިއުޒިކްގެ އަޑު ގަދަވެ، ކޮންމެ ލަވައެއްގެ އެންމެ ފޯރިގަދަވާ ވަގުތު އޭނާ ހުންނަނީ އަހަންނާ ދިމާއަށް ބަލަންކަން ފާހަގަ ކުރެވުމުން އަހަންނަށް ވެސް އެކަމަށް އިޖާބަދެވުނެވެ. ހަތަރުކަޅި ބައްދަލުވާ ކޮންމެ ވަގުތަކު ހިނިތުންވެވެން ފެށިއެވެ.

އެއީ ރީތި ޒުވާނެކެވެ. އާންމުކޮށް ފެންނަ ދިވެހި ފިރިހެނުންނަށް ވުރެ ހަމުގެ ކުލަ އަލިވެފައި، އިސްކޮޅުން ދިގެވެ. ކުރުކޮށް ކޮށާފައިވާ ތުނބުޅީގެ ސަބަބުން ފިރިހެން ވަންތަކަން އިތުރުކޮށްދެއެވެ. ހީނލާއިރު އެހުންނަ ހިތްގައިމު ގޮތަކުން އަހަރެންގެ ހިތަށް ކޮންމެވެސް ކަހަލަ އާދަޔާހިލާފު އަސަރެއް ކުރަމުން ދިޔައެވެ. ބުނެދޭކަށް ނޭނގެއެވެ. ބޭއިޚުތިޔާރުގައި ވެސް އެމޫނަށް ބެލެނީއެވެ. އެއީ ކާކު ހެއްޔެވެ؟ އޭނާގެ މަޤުޞަދަކީ ކޮބާ ހެއްޔެވެ؟ އަހަރެން ލައިގެން ހުރި ހެދުމަށް މަލާމާތް ކުރަނީ ހެއްޔެވެ؟ ނޫނެކެވެ. އެއީ މަލާމާތުގެ ބެލުމެއް ނޫނެވެ. ދެން ކީއްވެ ހެއްޔެވެ؟ އެއީ ރަނގަޅު މީހެއް ނަމަ ކައިރީގައި އަންހެނުން ބަހައްޓައިގެން އެގޮތަށް ހިލޭ އަންހެނަކާ ދިމާއަކަށް ނުބަލާނެއެވެ. އަހަރެންގެ ހިތަށް ފޫހިކަން ވެރިވިއެވެ. އެކަމަކު އެއީ ހިނދުކޮޅެއްގެ ކަމެކެވެ. އަނެއްކާ ވެސް ހިނިތުންވުންތައް ބަދަލުކުރަން ފެށީމެވެ. ގާތްގަނޑަކަށް ހަތަރުގަޑިއިރަށް ދެމިގެންދިޔަ ޝޯވ ނިމުނުއިރު ވެސް އަހަރެންގެ ދެފައި ވާޅެއްނުވެއެވެ. ވަރުބައްޔެއް ނުވެއެވެ. އަދިވެސް އެތަނުގައި ހުރެވޭނެނަމައޭ ހިތަށް އަރަމުން ދިޔައެވެ.

އެރޭ ނިދަން އޮށޯތުމުން ވެސް އަހަންނަކަށް ނުނިދުނެވެ. އެ ނުދަންނަ ޒުވާނާގެ ހިޔާލުތައް އަހަންނަށް އުނދަގޫ ކުރަނީއެވެ. އެއީ މީގެކުރިން ދުވަހަކު ވެސް ނުވާގޮތެކެވެ. ލޯމަރާލާއިރަށް ފެނަންނަނީ އޭނާގެ ރީތި މޫނުވެ. އެ ހިނިތުންވުމެވެ.

އެގޮތުގައި އެރޭ ފާއިތުވެގެން ދިޔައީއެވެ. ހެނދުނު އަހަންނަށް ހޭލެވުނީ ތަންކޮޅެއް ލަހުންނެވެ. ތިންވަނަ ޢީދު ދުވަހުގެ މެންދުރު ކުރީގައި އެއްވެސް ކުޅިވަރެއް ނެތެވެ. އެހެންކަމުން އަހަރެން ދިޔައީ މުނާމެންގެ ގެއާ މާދުރު ނޫން ހިސާބެއްގައި އޮތް ފެންގަނޑެއްގެ ކައިރިއަށެވެ. އެއީ މަދުން ނޫނީ ރާއްޖޭގެ އެއްވެސް ރަށަކުން ނުފެންނާނެހާ ހިތްގައިމު ކުޅިއެކެވެ. ކުޅީގެ ފެންގަނޑާއި، ކުޅިއާ ގުޅިފައިވާ ސަރަހައްދު ފެނުމުން ސިފަކުރެވެނީ ރީތި ތަސްވީރެކެވެ. ކުޅީގެ ވަށައިގެން ހެދިފައިވާ ފެހިކަންގަދަ ދިގު ވިނަތައް އަހަރެންގެ އުނަގަނޑުން މައްޗަށް އަރައެވެ. ވިނަގަނޑުތެރޭގައި މީހުން ހިނގަން އޮތް ހަނިމަގަކުން ގޮސް އަހަރެން ފެންގަނޑު ކައިރީގައި ހުއްޓުނީމެވެ. ފެންގަނޑުގެ އަނެއް ފަރާތުން ފެންނަނީ ބޮޑު ރުއްދަނޑެކެވެ. އެއީ ކިތަންމެ ގިނައިރު ބަލަން ހުއްޓަސް ބަލާފޫހިނުވާނެ މަންޒަރެކެވެ. މަޑުމަޑު ރޯޅިތަކާއެކު ފެންގަނޑަށް އަންނަ ލޮޅުންތަކާއި، ކުދިކުދި ދޫނިތައް އުދުހިފައި އުޅޭގޮތުން އަހަރެންގެ ހިތަށް ފިނިކަން ލިބެއެވެ.

"މިހާރު ހޯދާ ހޯދާ ވަރުބަލިވެއްޖެ! ކިހިނެއް އެނގޭނީ އެކަނި މިތަނަށް އަންނާނެ ކަމެއް؟" މުނާގެ އަޑަށް އަހަރެން ސިހުނެވެ. އޭނާ ކައިރީގައި ނުބުނެ އައުމުން ހުރީ ކަންބޮޑުވެފައެވެ.

-  ނުނިމޭ –

އެޑިޓަރުގެ ނޯޓް : މިއީ ދުވަސް ނޫހުގައި އަލަށް ޝާއިއުކުރަން ފަށާ ވާހަކަ އެކެވެ. މި ވާހަކަ ޝާއިއު ކުރެވޭނީ ކޮއްމެ އާދީއްތަ އަދި ބުދަ ދުވަހެއްގަ އެވެ. ކިޔުންތެރިންނަށް ކަމުދާނެ ކަމުގައި އުއްމީދު ކުރަމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް