އެލްޖީއޭގެ ރައީސް ކަމުން އަޅުގަނޑު ވަކި ނުވޭ: ނާޒިމް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ރައީސް ކަމުން ވަކިކުރި ވާހަކައަކީ ދޮގެއް ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މި...

15 Jan 2015 | 12:39

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ރައީސް ކަމުން ވަކިކުރި ވާހަކައަކީ ދޮގެއް ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ނާޒިމް ވިދާޅުވީ އިތުބާރު ނެތްކަމުގެ ވޯޓަކީ އެލްޖީއޭ ބޯޑުގެ ފަސް މެމްބަރަކު އަމިއްލަފުޅަށް ނިންމަވާފައިވާ ނިންމެވުމެއް ކަމަށެވެ. އަދި އިތުބާރު ނެތްކަމުގެ ވޯޓު އެގޮތަށް ނުނެގޭނެ ކަމަށާއި އިތުބާރު ނެތް ކަމުގެ މައްސަލަ ފާސްކުރީ އެލްޖީއޭގެ ބޯޑުގެ މެމްބަރުންނަށް އެނގުމަކާ ނުލައި ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

މިއަދު ބާއްވަން އުޅުނު އެލްޖީއޭގެ ބައްދަލުވުމަކީ މަހަކު ދެ ބައްދަލުވުން ބާއަވަންޖެހޭތީ ބޭއްވި ބައްދަލުވުމެއް ކަމަށާއި އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާކޮށްފައި ވަނީ މި މަހުގެ ފަހު ކޮޅަށް ކަމަށާއި ނަމަވެސް އެލްޖީއޭ ބޯޑުގެ މެމްބަރު ސުޖާއު ހުސެއިންގެ ސުލީކީ މައްސަލަތަކެއް ހުށައެޅިފައިވާތީ ދެން އެ ބޯޑުގެ ޖަލްސާއެއް ބާއްވާނީ އެ މައްސަލައަށް ގޮތެއް ނިންމުމަށްފަހު ކަމަށްވެސް ނާޒިމް  ވިދާޅުވި އެވެ. އަދި ހިނގައިގެން އުޅޭ ކަން ކަމަށް ލަފާ ހޯދުމަށް އެޓާނީ ޖެނެރަލް އޮފީހަށް ހުށަހަޅާފައިވާ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

ނާޒިމް އިތުރަށް ވިދާޅުވީ އެ މެމްބަރުން ދަނީ ސުޖާއުގެ މައްސަލަ ބެލުމަށް ހުރަސް އެޅުމަށް ކަމަށާއި ބައެއް މެމްބަރުން އޭނާ އާއި އެލްޖީއޭގެ ނައިބް ރައީސް އާއި ދެކޮޅުވެގެން އުޅޭ ސަބަބަކީ ސުޖާއުގެ މައްސަލަ ބަލާތީ ކަމަށް ވިދާޅުވި އެވެ. އަދި އެ މައްސަލާގައި ގޮތެއް ނިންމެމުމަށް މަޖިލީހަށް ވެސް ހުށައަޅާފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.

އެލްޖީއޭ ބޯޑުގައި ހިމެނޭ ނުވަ މެމްބަރުންނަކީ ރައީސުލްޖުމްހޫރިއްޔާ އެ ބޯޑަށް އައްޔަން ކުރައްވާފައިވާ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި މާލޭ ސިޓީ ކައުންސިލުން އެ ބޯޑަށް އައްޔަންކޮށްފައިވާ މެމްބަރު ސަމާއު ޝަރީފާއި އަތޮޅު ކައުންސިލްތަކުން އިންތިހާބުކޮށްފައިވާ ހަތަރު މެމްބަރުންނާއި މަދަނީ ޖަމިއްޔާތަކުގެ ފަރާތުން މަޖިލީހުން ހޮއްވެވި އާމިރު އަލީ އާއި އާންމުންގެ ތެރެއިން ހޮއްވަވާފައިވާ ބޭފުޅަކާއި ސިޓީ ކައުންސިލްތަކުން އިންތިހާބު ކުރާ މެންބަރެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް