ކީރިތި ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްއަށް ފުރައްސާރަކޮށް ފްރާންސްގެ ނޫސް މަޖައްލާ ޗާލީ ހެބްޑޫ އިން ކާޓޫން ކުރަހާތީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކުށްވެރި ކުރައްވައިފި އެވެ.
ރައީސް ޔާމީން މިކަން ކުށްވެރިކުރެއްވީ މިއަދު ނެރުނު ބަޔާނެއްގަ އެވެ. އެ ބަޔާނުގައި ރައީސް ޔާމީން ވިދާޅުވެފައިވަނީ ޗާލީ ހެބްޑޫއިން އެގޮތަށް މަސައްކަތް ކުރަނީ އެތައް މިލިޔަން މުސްލިމުންނެއް ރުޅި އަރުވަން ކަމަށާއި އެގޮތަށް އެކަން ކުރުމުން ޓެރަރިސްޓުންނާއި ހައްދުފަހައަޅާފައިވާ މީހުން އިތުރު ވާނެ ކަމަށެވެ. އަދި އެކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
"މިނިވަންކަމަކީ ރުޅިވެރިކަން އުފައްދަން ދެވޭ ލައިސަންސެއް ނޫން، އިސްލާމް ދީނުގައި ދުނިޔޭގެ ތިންބައިކުޅަ އެއްބައި ހިމެނޭއިރު މިދީނަށް ފުރައްސާރަ ކުރާއިރު އެއްވެސް ސަރުކާރަކުން ބަލަންތިބެގެން ނުވާނެ، އޭގެ ބަދަލު އެކަންކަން ހުއްޓުވެން ޖެހޭނެ އެކަންކަމާމެދު ފިޔަވަޅު އަޅަން ޖެހޭނެ" ރައީސް ޔާމީންގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
ރައީސް ޔާމީންގެ ބަޔާނުގައި ދުނިޔޭގެ މުސްލިމް ގައުމުތަކުގެ ވެރިން އެއްބައިވުމަށާއި މިފަދަ ކަންކަމާ ދެކޮޅަށް މަސައްކަތްކޮށް އިސްލާމްދީން ކުރިއަރުވަން މަސައްކަތް ކުރުމަށްވެސް ގޮވާލާފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް