ސްރީ ލަންކާގެ އާ ރައީސް މައިތުރިޕާލާ ސިރިސޭނާއާ ކުރީގެ ރައީސް އަދި އިދިކޮޅު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ބައްދަލުކުރައްވައިފި އެވެ.
ރައީސް ނަޝީދުގެ އޮފީހުން މިއަދު ބުނީ ލަންކާ ރައީސްގެ އޮފީހުގައި އޮތް އެ ބައްދަލުކުރެއްވުމުގައި، ލަންކާގެ އިންތިހާބު އަމާންކަމާއެކު ކުރިއަށް ގެންގޮސް ސުލްހަވެރިކަމާ އެކު ސަރުކާރުގެ ހިންގުން ބަދަލުވެފައިވާތީ ނަޝީދު މަރުހަބާ ވިދާޅުވެފައިވާ ކަމަށެވެ. އެ ބައްދަލުވުމުގައި ރާއްޖެ އާއި ލަންކާގެ ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ވެސް މަޝްވަރާކޮށްފައިވާ ކަމަށް ނަޝީދުގެ އޮފީހުން ހާމަކޮށްފައިވެ އެވެ.
ލަންކާ ރައީސް ސިރިސޭނާގެ އިތުރުން ބޮޑުވަޒީރު އަދި ސަރުކާރު ހިންގާ ޔުނައިޓެޑް ނެޝެނަލް ޕާޓީގެ ލީޑަރު، ރަނިލް ވިކްރަމަސިންހައާ ނަޝީދު މިއަދު ހަވީރު ބައްދަލުކުރައްވާނެ އެވެ.
ނަޝީދުގެ ދަތުރުފުޅުގައި، އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދާއި ކުރީގެ ފޮރިން މިނިސްޓަރު އަހުމަދު ނަސީމާއި ކުރީގެ ހެލްތު މިނިސްޓަރު އާމިނަތު ޖަމީލް ބައިވެރިވެވަޑައިގެންނެވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް