ޓީޗަރުންގެ އާ އޮނިގަނޑުގެ ދަށުން ކަނޑައަޅާ ދޭން ނިންމާފައިވާ މުސާރަ ގެއަށް ގެންދަން ލިބިއްޖެނަމަ އަމިއްލަ އަށް ޓީޗަރު ކަމުގެ ވަޒީފާއިން އިސްތިއުފާދޭނެ ކަމަށް ޓީޗާސް އެސޯސިއޭޝަންގެ ރައީސް އާތިފް އަބްދުލް ހަކީމް ވިދާޅުވެއްޖެ އެވެ.
ދުވަހަށް މައުލޫމާތުދެއްވަމުން އާތިފް ވިދާޅުވީ ރައީސް މުސާރައިގެ އާ އޮނިގަނޑު އިއުލާން ކުރެއްވި އިރު މުސާރައިން ކެނޑޭބައި ހިމަނުއްވާފައި ނުވާތީ ޓީޗަރުންނަށް މުސާރަ ލިބޭއިރު ގެއަށް ގެންދަން ލިބޭނެ ކަމަށް އެ ވިދާޅުވި 11،000 ނުވަތަ 16،000 ނުލިބޭނެ ކަމަށެވެ. އާތިފް ވިދާޅުވީ ގެއަށް ގެންދެވޭނެ ކަމަށް ވިދާޅުވި ބައިގައި ފެންޝަނަށް ކަނޑާ ފައިސާއާއި އިތުރުގަޑިގެ ފައިސާ ހިމަނާފައިނުވާ ކަމަށެވެ.
އޭނާ ވިދާޅުވީ ބައެއް ސްކޫލްތަކުގައި އިތުރު ގަޑި ނޯންނައިރު، އެ ފައިސާ އަކީ ޔަގީނުންވެސް ގެއަށް ގެއަށް ގެންދަން ލިބޭނެ އެއްޗެއްކަން ޔަގީންކަމާއި އެކު ރައީސަށް ވިދާޅުނުވެވޭނެ ކަމަށެވެ. އަދި ވިދާޅުވީ އާ އޮނިގަނޑުގެ ދަށުން ދޭން ނިންމާފައިވާ މުސާރައިގެ ތަފްސީލް ރަނގަޅަށް އެނގޭނީ އަންނަ ހަފްތާގައި އެޑިއުކޭޝަން މިނިސްޓްރީއާއި އެކު ބާއްވާ ބައްދަލުވުމަށް ފަހު ކަމަށެވެ.
އަންނަ ހަފްތާގައި އެބައޮތް މިނިސްޓްރީއާއި އެކު އެސޯސިއޭޝަނުން ބާއްވާ ބައްދަލުވުމެއް. އެ ބައްދަލުވުމަށް ފަހު އެނގޭނީ މުސާރައަށް މިއައި ބަދަލާއި ގެއަށް ގެންދަން ލިބޭނެ ވަރު. އަދި އަޅުގަނޑުމެންނަކަށް އެއްވެސް އިތުބާރެއް ނެތް އެ މުސާރައަކީ ލިބޭނެ މުސާރައެއް ކަމެއް،" އާތިފް ވިދާޅުވި އެވެ.
ޓިޗަރުންނަށް މުސާރަ ބޮޑު ކުރުމުގައި ކުއްލިޔާގެ ޓީޗަރުންނާއި ޤުރުއާނާއި ބެހޭ މަރުކަޒުގެ ޓީޗަރުންގެ މުސާރަ ބޮޑުވެފައި ނުވާތީ އެކަމާ ގުޅޭގޮތުން އާތިފް ވިދާޅުޥީ އަންނަ ހަފްތާގައި ބާއްވާ ބައްދަލުވުމުގައި އެކަމާއި ގުޅޭގޮތުން މިނިސްޓްރީއާއި މަޝްވަރާ ކުރައްވާނެ ކަމަށެވެ. ނަމަވެސް އެ ދެ މުއައްސަސާގެ މުސާރަ ބޮޑުނުވެގެން ރަސްމީ ސިފައެއްގައި އެ އެސޯސިއޭޝަނުން އެއްވެސް ކަމެއް ނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސަބަބެއް ކަމަށް ވިދާޅުވީ، ޓީޗަރުންނަށް ހުރި ގޮންޖެހުންތަކާއި މުސާރައިގައި ހުރި މައްސަލަތައް ފާހަގަކޮށް އެޑިއުކޭޝަން މިނިސްޓްރީގެ ސަމާލުކަމަށް ގެނައުމަށް ޓީޗާސް އެސޯސިއޭޝަނުން ހިންގި ހަރަކާތްތަކުގައި ބައިވެރި ނުވާނެ ކަމަށް އެ ދެ މުއައްސަސާއިން އެންގި ކަމަށެވެ. އެހެން ނަމަވެސް ޓީޗަރުންނަށް ދޫކުރާ ފްލެޓަކަށް ޝަރުތުހަމަވާ ބަޔަކު އަދި ވަޒީފާ ދިނުމުގައި އެއް ލެވެލް އަކުން މިނެ ކިރާ ބަޔަކަށް މުސާރަ ބޮޑުވާން ޖެހޭނެ ކަމަށް އާތިފް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް