އަލިފާނުގެ ހާދިސާގެ ތަހުގީގަށް ބޭރުގެ ޓީމެއްގެ އެހީ ހޯދާނެ: ސީޕީ

ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ބޮޑު ހާދިސާގެ ތަހުގީގަށް ރާއްޖެއިން ބޭރުގެ ޓީމެއްގެ އެހީތެރިކަން ހޯދަން ނިންމާފައިވާކަން ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ) އަލީ ޝުޖާއު ވިދާޅުވެއްޖެ އެވެ. ސީޕީ މިހެން ވިދާ...

14 Dec 2024 | 11:22

ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ބޮޑު ހާދިސާގެ ތަހުގީގަށް ރާއްޖެއިން ބޭރުގެ ޓީމެއްގެ އެހީތެރިކަން ހޯދަން ނިންމާފައިވާކަން ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ) އަލީ ޝުޖާއު ވިދާޅުވެއްޖެ އެވެ.

ސީޕީ މިހެން ވިދާޅުވީ އެ ހާދިސާގައި މަގުމަތިވި ވުޒާރާތަކުގެ ޚިދުމަތް ދޭން ފެށުމަށް ދަރުބާރުގޭގައި ވަމުން އަންނަ ތައްޔާރީތަކާއި ގުޅޭގޮތުން މައުލޫމާތުދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ނޫސްވެރިންގެ އެ ބައްދަލުވުމުގައި ސީޕީ ވިދާޅުވީ ހާދިސާގެ ފުރިހަމަ ތަހުގީގެއް ކުރާނެކަމަށެވެ. އެހީތެރިކަން ފޯރުކޮށްދޭން ރާއްޖެއިން ބޭރުން އަންނަ ޓީމު ދެތިން ދުވަހެއްގެ ތެރޭގައި ތަހުގީގު ޓީމާއި ގުޅޭނެކަމުގައިވެސް ސީޕީ ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ މިވަރުގެ ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގަން މެދުވެރިވި ސަބަބު އެނގެން ރައްޔިތުންވެސް ބޭނުންވާނެ ކަމަށާއި މި ހިނދުން ހިނދަށްވެސް ފޮރެންސިކް ޓީމުން ސައިޓްގައި ހަރަކާތްތެރިވެ ސާމްޕަލްތައް ނަގަމުން އަންނަ ކަމަށެވެ. އަދި ސަރަހައްދުގައި ހުރި ސީސީޓީވީ ފުޓޭޖްތައް އެނަލައިޒް ކުރަމުން އަންނަ ކަމަށާއި މަންޒަރު ދުށް މީހުންގެ ބަޔާންތައްވެސް ނަގަމުން އަންނަ ކަމަށެވެ.

އަލިފާނުގެ އެ ހާދިސާގައި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާ (އެންވަޔަރަންމަންޓް މިނިސްޓްރީ)، ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާ (ހައުސިންގ މިނިސްޓްރީ) އަދި އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވުޒާރާ (އިންފްރާސްޓްރަކްޗަރ މިނިސްޓްރީ) ހިންގަމުންދިޔަ އިމާރާތްތައް އެކުގައިހެން އަނދާ ހުލިވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް