މި ހިނގަމުންދަނީ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހެވެ. މިރޭ 12 އިން ފެށިގެން ޑިސެމްބަރު 15 ވަނަ ދުވަހަށް ދުވަސް ބަދަލުވެގެންދާއިރު މިރޭ 12ގައި ބޮޑު ބަދަލެއްގެ ފެށުން އަންނާނެއެވެ.
އެއީ ރާއްޖޭގައި ވޭޕް އާއި އެއާއި ގުޅުންހުރި އާލާތްތައް ވިއްކުމާއި ބޭނުންކުރުމާއި އިސްތިހާރު ކުރުން މަނާވެގެންދިއުމެވެ.
ވޭޕް ކުރުމަކީ އިންތިހާއަށް ނުރައްކާތެރިކަން ބޮޑު ކަމެއްކަމުގައި ޞިއްޙީ މާހިރުން ބުނަމުންއަންނަތާ އެތައް އަހަރެއްވެފައިވަނިކޮށް ރާއްޖޭގައި ވޭޕް މަނާކުރެވިގެންދާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާނުކުރެއްވީ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހުގައެވެ.
އެދުވަހު ސޯޝަލް މީޑިއާގައި ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން 15 ނޮވެމްބަރ 2024 އިން ފެށިގެން މަނާ ކުރުމަށާއި، ދިވެހިރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން 15 ޑިސެމްބަރ 2024 އިން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އެމަނިކުފާނު އަންގަވާފައިވާކަމަށެވެ.
އެއަށްފަހު ޤާނޫނަށް އިޞްލާޙު ގެނެސް 01 ނޮވެމްބަރުން ފެށިގެން 15 ނޮވެމްބަރާއި ދެމެދު އިމްޕޯޓްކުރެވޭ އެފަދަ ތަކެތިން ޑިއުޓީ ބޮޑުކުރަން މަޖިލީހުން ފާސްކުރިއެވެ. އަދި 12 ނޮވެމްބަރުގައި ޤާނޫނަށް އިޞްލާޙު ގެނެސް ނޮވެމްބަރު 15 އިން ފެށިގެން އެތަކެތި އިމްޕޯޓްކުރުން އަދި 15 ޑިސެމްބަރު (މާދަމާ) އިން ފެށިގެން އެފަދަ ތަކެތި ވިއްކުމާއި ބޭނުންކުރުމާއި އިސްތިހާރު ކުރުން މަނާކުރިއެވެ.
އެފަދަ އާލާތެއް ނުވަތަ އުފެއްދުމެއް ވިއްކައިފި ނަމަ 20،000ރ. އިން ޖޫރިމަނާކުރެވޭނެ އެވެ. ވިއްކި ކޮންމެ އެއްޗަކަށް 10،000ރ. ގެ ޖޫރިމަނާއެއްގެ އިތުރުން ހިލޭ ބަހައިފި ނަމަ 10،000ރ. ގެ ޖޫރިމަނާ ކުރެވިގެންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް