ރާއްޖެއިން ނައްތާލާފައިވާ ފައިލޭރިޔާއަށް ކުޅުދުއްފުށި ސިޓީގައި ބިދޭސީންތަކެއް ޕޮޒިޓިވް ވެއްޖެ

ރާއްޖެއިން ނައްތާލާފައިވާ ބައްޔެއް ކަމުގައިވާ ފައިލޭރިޔާގެ ކޭސްތަކެއް ކުޅުދުއްފުށި ސިޓީއިން ފެނިއްޖެއެވެ. މިކަން ހާމަކޮށްފައިވަނީ އެ ސިޓީގެ ރީޖަނަލް ހޮސްޕިޓަލުން މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ. އެ ނ...

14 Dec 2023 | 13:13

ރާއްޖެއިން ނައްތާލާފައިވާ ބައްޔެއް ކަމުގައިވާ ފައިލޭރިޔާގެ ކޭސްތަކެއް ކުޅުދުއްފުށި ސިޓީއިން ފެނިއްޖެއެވެ.

މިކަން ހާމަކޮށްފައިވަނީ އެ ސިޓީގެ ރީޖަނަލް ހޮސްޕިޓަލުން މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ.

އެ ނޫސްބަޔާނުގައި ބުނެފައިވަނީ މި އަހަރުގެ ދުނިޔޭގެ އެއިޑްސް ދުވަސް ޤައުމީ ފެންވަރުގައި ފާހަގަކުރުމުގެގޮތުން އެ ސިޓީގައި މި މަހުގެ ފުރަތަމަ ދެ ދުވަހު ހިންގުނު ހަރަކާތްތަކުގެ ތެރެއިން ބިދޭސީންނަށް އަމާޒުކޮށްގެން ހެލްތު ކޭމްޕެއް ހިންގުނު ކަމަށާއި މިގޮތުން ކުރެވުނު ސްކްރީނިންގ ޓެސްޓްތަކުގެ ތެރެއިން ބައެއް ފަރާތްތައް ފައިލޭރިޔާއަށް ޕޮޒިޓިވް ވެފައިވާކަމަށެވެ.

"މިހެންކަމުން މި ހޮސްޕިޓަލާއި ކުޅުދުއްފުށި ސިޓީ ކައުންސިލްގެ އިތުރުން ދިވެހި ރެޑްކްރެސެންޓާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ލަފަޔާއި އިރުޝާދާއި އެއްގޮތަށް މަސައްކަތްތައް ކުރެވެމުންދާވާހަކަ ދަންނަވަމެވެ. މިގޮތުން ފައިލޭރިޔާ ސްކްރީނިންގ ޓެސްޓަށް ޕޮޒިޓިވްވެފައިވާ ފަރާތްތަކާއި އެކުގައި ދިރިއުޅޭ ފަރާތްތަކުގެ ޓެސްޓްތައް ހެދުމުގެ މަސައްކަތްތައް ކުރެވެމުންދާކަމުގައިވެސް ދަންނަވަމެވެ." އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.

ސްކްރީނިންގ ޓެސްޓުން ޕޮޒިޓިވް ވާ ފަރާތްތަކުގެ ބަލި ހުރިކަން ޔަޤީންކުރުމަށްޓަކައި އިތުރު ކޮންފަމޭޓަރީ ޓެސްޓް ހެދުމުގެ މަސައްކަތް ކުރިޔަށްދާނެ ކަމަށާއި ފައިލޭރިޔާ ހުރިކަން ޔަޤީންވާ ފަރާތްތަކަށް ދެވޭ ފަރުވާއަކީ އެއްފަހަރު ބޭނުންކުރާ ދެ ބޭހެއްކަންވެސް އެ ހޮސްޕިޓަލުން ފާހަގަކޮށްފައިވެއެވެ.

ފައިލޭރިޔާއަކީ ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެކެވެ. ބައްޔަށް ސްކްރީން ކުރުމުގެ ތެރޭގައި ޕޮޒިޓިވްވެފައިވަނީ އަދިވެސް ފައިލޭރިޔާ ބަލި އުޅޭ ޤައުމުތަކުންނާއި ސަރަހައްދުތަކުން ވަރަށް ފަހުން ރާއްޖެ އައިސްފައިވާ ފަރާތްތަކެކެވެ. ފައިލޭރިޔާ އާއްމުކޮށް ފެތުރެނީ ހަޑިފެނުގައި އުފެދޭ ކިއުލެކްސް މަދިރީގެ ޒަރީޢާއިންނެވެ. މިއީ ޑެންގީ އަދި ޗިކުންގުންޔާ ފަތުރާ އީޑީސް މަދިރިޔާއި ތަފާތު މަދިރިއެކެވެ.

"މި ފުރުސަތުގައި މިބަލިން ރައްކާތެރިވުމަށް އަޅަންހުރި ފިޔަވަޅުތައް އަޅުއްވާ ފަރުދީ ޒިންމާ އަދާކުރެއްވުމަށް ނަސޭހަތްތެރިވަމެވެ. މި ބައްޔަކީ މަދިރީގެ ޒަރީޢާއިން ފެތުރޭ ބައްޔަކަށްވެފައި މަދިރި އުފެދި އާލާވާ ތަންތަން ނައްތާލުމާއި މަދިރިން ރައްކާތެރިވުމަކީ މުހިންމު ކަމެއްކަމުގައި ދަންނަވަމެވެ. އެހެންކަމުން ތިމާ ދިރިއުޅޭ ގެއާއި ގޯތިތެރެ އަދި މީގެ އިތުރުން ތިމާގެ ޒިންމާގެ ދަށުގައިވާ ފަޅުގޯތިފަދަ ތަންތަނުގައި މަދިރި އުފެދި އާލާވާފަދަ ތަނެއް ހުރިތޯ ޗެކުކުރައްވައި އެފަދަ ތަންތަން ނައްތާލުމަށް އިލްތިމާސްކުރަމެވެ." ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން އިލްތިމާސްކޮށްފައިވެއެވެ.

ފައިލޭރިޔާ ނުވަތަ ފައިފަލަ ބަލި(Filariasis / Elephantiasis/Wucheriasis) އަކީ މަދިރީގެ ސަބަބުން ފެތުރޭ ބައްޔެކެވެ. ފައިލޭރިއާ އެންމެ އާންމުކޮށް ފެންނަނީ އޭޝިއާ، އެފްރިކާ އަދި ދެކުނު އެމެރިކާގެ ހޫނުގައުމުތަކުގައި އުޅޭމީހުންގެ ފުށުންނެވެ.

ފައިލޭރިޔާ ޖެހެނީ''ވޫކެރީރިއާ ބެންކްރޮފްޓީ (Wuchereria bancrofti) ކިޔާ ފަންޏެއްގެ ސަބަބުންނެވެ. ފައިލޭރިއާ ފެތުރެނީ މިބުނި ފަނީގެ ''އިންފެކްޓިވް ލާރވާ''(Infective Larvae) އުފުލާ ކިއުލެކްސް(Culex)، މަދިރީގެ "ކިއުލެކްސް ޕައިޕިއެންސް"(Culex pipiens) ކިޔާ ބާވަތެއްގެ މަދިރިއެއް އިންސާނެއްގެ ހަށިގަނޑުގައި ހެފުމުގެ ތެރޭގައި ކުރިން ބުނި ''އިންފެކްޓިވް ލާރވާ'' އެމީހެއްގެ ހަށިގަނޑަށް ވާސިލްވުމުންނެވެ.

ބައްޔާއިބެހޭ ބައެއް މަޢުލޫމާތު: ސިއްހަތު ބްލޮގުން

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް