ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން އިންޑިއާއާއެކު ހަދާފައިވާ ހައިޑްރޮގްރަފީ ސާވޭގެ އެއްބަސްވުން އާ ނުކުރާނެކަން މުއިއްޒުގެ ސަރުކާރުން އިންޑިއާއަށް އަންގައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
މިކަމުގެ މައުލޫމާތުދެއްވަމުން ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީގެ އަންޑަ ސެކްރެޓަރީ މުހައްމަދު ފިރުޒުލް މިއަދު ވިދާޅުވީ އެ އެއްބަސްވުން ހަދާފައި އޮތީ އަންނަ އަހަރުގެ ޖޫން މަހުގެ ހަތްވަނަދުވަހުގެ ނިޔަލަށް ކަމަށާއި އެ އެއްބަސްވުން އާ ނުކުރާނަމަ ހަ މަސް ކުރިން އެކަން އަންގަންޖެހޭއިރު މިހާރު އެކަން އަންގާފައިވާނެކަމަށވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދު ސާވޭ ކުރުމަށް ހަދާފައިވާ އެ އެއްބަސްވުމުގެ ދަށުން އިންޑިއާއިން ގެންދިޔައީ މިދިޔަ އަހަރުވެސް އަދި މި އަހަރުވެސް އެކަމުގެ މަސައްކަތްތައް ކުރަމުންނެވެ. މިހާރުވެސް ދޭތެރެ ދޭތެރެއިން އެކަމުގެ މަސައްކަތް ކުރަމުން ގެންދެއެވެ.
އެ އެއްބަސްވުން އާ ނުކުރަން ނިންމި ސަބަބަކީ ރާއްޖޭގެ ކަނޑުފަޅުގެ ސިއްރުތަކަކީ ހަމައެކަނި ދިވެހިންނާ ހިއްސާކުރާނެ މައުލޫމާތުކަމަށް މި ސަރުކާރުން ގަބޫލުކުރާތީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް