ވާހަކަ: އަބަދުވެސް އިންތިޒާރު ކުރާނަން – ސާޅީސް ދެވަނަބައި

ކުރީގެ އަދަދާއި ގުޅޭ... ހުމޭދާ ހަޅޭއްލަވައި ގަތުމަށްފަހު ގޮނޑިން ފުންމައިގެން ތެދުވިވަގުތު މީހެއްގައިގައި ލައިގަތެވެ. އަނެއްކާވެސް ހުމޭދާއަށް ހަޅޭއްލަވައި ގަނެވުނެވެ. "ހުމޭ.... ހުމޭ... ހަމަޖެހިބަލަ......

14 Dec 2023 | 05:24

ކުރީގެ އަދަދާއި ގުޅޭ...

ހުމޭދާ ހަޅޭއްލަވައި ގަތުމަށްފަހު ގޮނޑިން ފުންމައިގެން ތެދުވިވަގުތު މީހެއްގައިގައި ލައިގަތެވެ. އަނެއްކާވެސް ހުމޭދާއަށް ހަޅޭއްލަވައި ގަނެވުނެވެ.

"ހުމޭ.... ހުމޭ... ހަމަޖެހިބަލަ.... ކިހިނެތްވީ.....؟ ނާޝިދު، ހުމޭދާގެ ދެކޮނޑުގައި ހިފަހައްޓާ ތަޅުވާލަމުން ސުވާލު ކުރިއެވެ.

"މިތާ ގޮނޑިދަށުގައި ކޮންމެވެސް އެއްޗެއް އެބައުޅޭ......" ހާސްވެފައިހުރެ ގޮނޑިއާއި ދިމާއަށް އަތްދިއްކަލުން ހުމޭދާ ބުނެލިއެވެ.

"ހަޅޭއްލަވައިގަތް އަޑަށް މިއައީ.... މިތާކު އެއްވެސް އެއްޗެއް ނެތޭ..... ތިއީ ހުމޭއަށް ހީވި ގޮތެއް ކަންނޭނެ.... ހިނގާ އެތެރެއަށް ދާން...." ހުމޭދާގެ ކޮނޑުމަތީގައި އަތް ބާއްވާލަމުން ނާޝިދު ބުނެލިއެވެ.

"ނޫނެކޭ ނާޝިދު.... ވަރަށް ބޮޑަށް ފަޔަށް ތަދުވެސް ވެއްޖެޔޭ....." ހުމޭދާ ފައިން ތަދުވާ ހިސާބުގައި އަތްހާކާލަމުން ބުނެލިއެވެ.

ހުމޭދާ ފައިގައި އަތްހާކާލިއިރު ފައިގެ އެހިސާބު ކޮންމެވެސް ވަރަކަށް ކުރަކިވެފައި ދަވަތަކެއް ހުރިކަން ފާހަގަ ކުރެވުނެވެ.

"ތަތްލަވާ ކަހަލަ ކޮންމެސް އެއްޗެއްވެސް އެބަހުރި....." ފައިގައި އަތް ހާކާލަމުން ހުމޭދާ އަނެއްކާވެސް ބުނެލިއެވެ.

"ކޮބާތަ....؟ ދައްކަބަލަ....." ނާޝިދު ގުދުވެ ހުމޭދާ ފައިން ދެއްކި ހިސާބުގައި އަތް ހާކާލިއެވެ.

"މިތާކު އެއްވެސް އެއްޗެއް ހޭކިފައެއް ނެތް..... ތިއީ ހުމޭއަށް ހީވިގޮތް ކަންނޭގެ....." ނާޝިދު ތެދުވަމުން ބުނެލިއެވެ.

"މިހިރީނު....." ހުމޭދާ އަނެއްކާވެސް ފައިގައި އަތްޖައްސާލަމުން ބުނެލިއެވެ.

ހުމޭދާ މިފަހަރު ފައިގައި އަތް ޖައްސާލިއިރު ފައިގައި އެއްވެސް އެއްޗެއް ހޭކިފައެއް ނެތެވެ. އަދި އެއްވެސް ކުރަކި ކަމެއްވެސް ނެތެވެ.

"އެކަމަކު ކުރިން ހުއްޓޭ....." ހުމޭދާ އެތެރެއަށް ވަންނަން ހިނގައިގަންނަމުން ބުނެލިއެވެ.

ދަންވަރުގެ ހަމަހިމޭން ވަގުތެވެ. މޭޒުމަތީގައި ބަހައްޓާފައިހުރި ސޯނާ ގަޑީގެ ކަށި ހިނގާއަޑު ފިޔަވައި އިތުރު އެހެން އެއްވެސް އަޑެއް ނީވެއެވެ. މުޅި ކޮޓަރިތެރެއަށް ވެރިވެފައިވަނީ ކޮޓަރީގެ މެދުގައި ދިއްލާފައިވާ ކުޑަކުޑަ ނިދާބޮކީގެ ފަނޑު އައްޔެވެ. ޢާއިޝާ އޮތީ ބޮކީގެ ތެރެއިން ދިއްލިފައިވާ ނަރުކޮޅަށް ބަލަހައްޓައިގެން ކޮންމެވެސް ހިޔާލެއްގެ ތެރެއަށް ގެއްލިފައެވެ. ނިދީގެ ކަންފުޅެއްވެސް ނެތެވެ. ޢާއިޝާ ވިސްނަމުން ގެންދިޔައީ ނާޝިދު އާއި ދޭތެރޭގައެވެ. ޢާއިޝާއަށް ވަރަށް ޔަޤީންވާ ގޮތުގައި ކޮންމެވެސް ތާކުން ޢާއިޝާއަށްވަނީ ނާޝިދު ފެނިފައެވެ. ނަމަވެސް ޢާއިޝާ އަށް ދިމާވެފައިވާ ހަނދާން ބަލިވުމުގެ ކަންތަކާއި ގުޅިގެން ނާޝިދު ފެނިފައިވާ ތަނެއް އެއްވެސް ވަރަކަށް ހަނދާނެއް ނުވެއެވެ. ޢާއިޝާ ނާޝިދާއާ ދޭތެރޭ ވިސްނަން އޮތުމަށްފަހު މަޑުމަޑުން އެދުން ތެދުވެގެން ގޮސް ހުއްޓުނީ ކޮޓަރީގެ އެއްފަރާތެއްގައި ބަހައްޓާފައިހުރި އަލަމާރި ކައިރިއަށެވެ. އަދި އަލަމާރީގެ ތިރީގައިހުރި ވަތްގަނޑު ހުޅުވާލުމަށްފަހު އެއްޗިހިތައް ދަށުގައި އޮތް ފޮޓޯ ލޯގަނޑެއް ނަގައިގެން އައިސް ޢާއިޝާ އެދުގައި އޮށޯވެ ފޮޓޯ ލޯގަނޑަށް ބަލަހައްޓައިގެން ވަރަށް ގިނައިރު އޮތެވެ. ޢާއިޝާގެ މޫނުމަތިން ފެންނަނީ ހިތާވެރިކަމާއި، މާޔޫސްކަމެވެ. ލޮލުގައިވަނީ ކަރުނައެވެ. ޢާއިޝާއަކީ މަޑުމައިތިރި ހިތްހެޔޮ، މީހުންނާއި ގުޅޭ ވަރަށް ރަނގަޅު ކުއްޖެކެވެ. އެހެން ނަމަވެސް ޢާއިޝާ އަކީ އޭނާގެ އަމިއްލަ ކަންކަން އެއްވެސް މީހަކާ ހިއްސާކުރާ ކުއްޖެއެއް ނޫނެވެ. ވަރަށް ގިނައިރު ފޮޓޯގަނޑަށް ބަލަން އޮތުމަށްފަހު އެންމެ ފަހުން ޢާއިޝާއަށް ނިދުނީ ފަތިސްވީފަހުންނެވެ.

ހެނދުނު ހޭލައިގެން ނާޝިދު ތިރިއަށް ފޭބިއިރު ޚާލިދާއި ނާޞިރު ސޯފާގައި ތިއްބެވެ. ހަސީނާ ސައި ތައްޔާރުކުރަން ބަދިގޭގައި އުޅެއެވެ.

ބޭބެގެ އުނަގަނޑުގެ ތަދު މިހާރު ރަނގަޅުތަ.....؟" ނާޝިދު އައިސް ސޯފާގައި އިށީންނަމުން ޚާލިދު ގާތުގައި އަހާލިއެވެ.

"އާނ.... މިހާރު އެކީ ރަނގަޅުވެއްޖެ.... އެކަމަކު ކުޑަކުޑަ ރިހުމެއް ހުންނަހެން ހީވަނީ...... " އުނަގަނޑުގައި އަތް ޖައްސާލަމުން ޚާލިދު ބުނެލިއެވެ.

"މޫދަށްގޮސް ވެލި މޮޑެލަނިކޮށް ތިކަން އެކީ ރަނގަޅުވެދާނެ..... ވެލިމޮޑެލަން މޫދަށް ދާންވީނު...." ޚާލިދު އާއި ދިމާއަށް ބަލަން އިނދެ ނާޝިދު ވާހަކަ ދެއްކިއެވެ.

"ރާއްޖެ ދެވުނީމަތާ ތިކަހަލަ ކަމެއް ދެންވާނީ...." ހިނިތުން ވެލާފައި ޚާލިދު ވާހަކަ ދެއްކިއެވެ.

"ކޮންމެހެން ރާއްޖެ ނުދެވުނަސް މިކޮޅުގަވެސް މޫދަށްގޮސް ވެލިމޮޑެލެވޭނެއެއްނު....." ނާޝިދުވެސް ހިނިތުންވެލާފައި ވާހަކަ ދެއްކިއެވެ.

"މިކަހަލަ ތަދުތައް ރަނގަޅުވާނީ ލޮނުގަނޑާއެކު ދޮންވެލި މޮޑުނީމައޭ..... މިތާނގައި އެހުންނަ ހިލަވެލި މޮޑުނަކަސް ރަނގަޅެއް ނުވާނެއެއްނު.... އަނެއްކާ މޫދުވެސް އޮންނާނީ ކިސަޑު ގަނޑެއްހެން....." ނާޝިދު އާއި ދިމާއަށް ބަލަން އިނދެ ޚާލިދު ވާހަކަ ދެއްކިއެވެ.

"މިހިސާބު ވަރަށް ކައިރީގައި އޮންނާނެ ދޮންވެލި އޮންނަ ސަރަޙައްދެއް..... ރާއްޖޭގެ މޫދަށްވުރެވެސް އެސަރަޙައްދު މާރީތިވާނެ...... ސައިބޮއިގެން، މޫދަށް އެރިލާ ވެލިކޮޅެއް މޮޑެލަން އެތަނަށް ދާންވީނު..... ޚާލިދުއާއި ދިމާއަށް ބަލާލުމަށްފަހު ނާޝިދު ބުނެލިއެވެ.

"ހިނގާ އެހެންވީމަ ތިތަނަށް ގޮސްލަން..... އެންމެންގޮސް މޫދަށްއެރި މަޖާކޮށްލާފައި އަންނާނީ....." ހަސީނާއާއި ދިމާއަށް ބަލާލުމަށް ޚާލިދު ބުނެލިއެވެ.

އެންމެންވެސް މޫދަށް ދިޔައެވެ. ޚާލިދުއޮތީ ރާޅުޖަހާ ފަށުގައި ބަންޑުން އޮށޯވެއެވެ. ނާޝިދު، ޚާލިދުގެ އުނަގަނޑު ވެލިމޮޑެން ކުޑަކަކޫ ޖަހާލައިގެން އިނެވެ. އެހެން އެންމެންތިބީ މޫދުގައި ސަރަކާތް ޖަހާށެވެ.

"މިއީ ކުރިން ނުފެންނަ ބީޗެއް..... މިތަން ހާދަ ރީއްޗޭދޯ..... ރާއްޖޭގެ ރިސޯޓްތަކުން ފެންނަ ބީޗްތަކަށްވުރެ މިތަން މާރީތިހެން ހީވަނީ...... މިހާ ރީތި ބީޗެއް މިތާ އޮންނަ ކަމެއް ކުރިއަކުން ނުވެސް އިނގޭ..... މީހުން ވާހަކަ ދައްކާ އަޑެއްވެސް ނީވޭ ވިއްޔަ.... "ޚާލިދު ބަންޑުން ވެލިގަނޑުމަތީ ބޯޖައްސާލައިގެން އޮވެ ނާޝިދު އާއި ވާހަކަ ދެއްކިއެވެ.

"އާނ.... މިތަން ކޮންމެ ކޮންމެ މީހަކަށް އަދި ނުފެންނާނެ.... މި ހިސާބަށް ދިވެހީން ވަރަށް އައިސް ނޫޅޭނެ..... އެހެންވެ އެ ނޭނގެނީ....." ދުރަށް ބަލަހައްޓައިގެން އިނދެ ނާޝިދު ވާހަކަ ދެއްކިއެވެ.

"ނާޝިދު ވެލިމޮޑެންވެސް ހާދަމޮޅޭ..... ތިކަހަލަ ކަންކަން ދަސްކުރީ ކިހިނެތްތަ.....؟ މިހާރު މިއުޅޭ ޒުވާން ކުދީންނަށް ތިކަހަލަ ކަންކަން ވަރަށް ނޭނގޭނެ.... ދަސްކުރާކަށް ޝައުޤެއްވެސް ނުހުންނާނެ....." އަނެއްކާވެސް ޚާލިދު ވާހަކަ ދެއްކިއެވެ.

"ބައްޕަ ކައިރިން ކޮންމެ ކަމެއްވެސް މި ދަސްކުރީ..... ބައްޕައަކީ ވަރަށް އާދަޔާ ޚިލާފު ބާރުގަދަ މީހެއް..... އާދައިގެ މީހުންނަށް ނުކުރެވޭ ވަރަށް ގިނަކަންކަން ނާޝިދުގެ ބައްޕަ ކުރާނެ..... އެހެންވީމަ ބައްޕަގެ ފަރާތުން ވާރުތަ ވެގެން ނާޝިދުއަށްވެސް ވަރަށް ގިނަ ކަންކަން ކުރެވޭނެ.... ބައްޕަގެ ފަރާތުން ހީވެސް ނުކުރާކަހަލަ ކަންކަން ވާރުތަވެފައި ހުންނާނީ....." ނާޝިދު ދުރަށް ބަލަހައްޓައިގެން އިނދެ ވާހަކަ ދެއްކިއެވެ.

"ނާޝިދުގެ ތިހުންނަ މަޖާސިފަ ބޭބެއަށް ވަރަށް ކަމުދޭ....." އެނބުރިލަމުން ޚާލިދު ބުނެލިއެވެ.

"ދެންދޭ ބޭބެވެސް މޫދަށް އެރިލަން..... ހަވީރުވާއިރަށް ތަދު އެކީ ފިލާނެ....." ނާޝިދު ތެދުވަމުން ބުނެލިއެވެ.

ޚާލިދު ތެދުވެގެން ގޮސް މޫދަށް އެރުނެވެ. ނާޝިދުގޮސް ތަންކޮޅެއް ދުރަށްގޮސް ރާޅުޖަހާ ފަށުގައި ބަންޑުން އޮށޯވެލުމަށްފަހު، އުއްޑުންޖެހިލި ވަގުތު ނާޝިދަށް ފެނުނީ ހުމޭދާ މޫދުން އަރަން އަންނަތަނެވެ. އެ މަންޒަރު ބަލަން ލާނެތް ފާޑަކަށް ނާޝިދު ބަހައްޓައިގެން އޮތެވެ. ހުމޭދާ އައިސް ނާޝިދު ކައިރީގައި އިށީނެވެ. ނާޝިދުވެސް ތެދުވެ އިށީނެވެ. ހުމޭދާ ނާޝިދުގެ ފައިގައި ފިރުމާލިއެވެ.

"މާ ލާނެތް ފާޑަކަށް ބަލަހައްޓައިގެން ތިއިނީ ކީއްވެ؟" ނާޝިދުގެ މޫނަށް ބަލަން އިނދެ ހުމޭދާ ވާހަކަ ދެއްކިއެވެ.

"ނާޝިދުގެ ވާންއުޅޭ އަނބިމީހާ މޫދުން އަރައިގެން އައިއިރު ސެކްސީކަމުން" ނާޝިދު ހީނލާފައި ބުނެލިއެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، 17 ޑިސެމްބަރު، އާދީއްތަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް