މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ދަތުރު ދިއުމަށްޓަކައި ކ. ކުޑަގިރި ފަޅުގައި ތަރައްގީކުރަމުންދާ ޕިކްނިކް އައިލެންޑް ކުޑަގިރިއަށް މުވައްޒަފުން ހޯދަން އިޢުލާނުކޮށްފިއެވެ.
އެޗްޑީސީން މިއަދު ކުރި އިޢުލާނެއްގައި ބުނީ ކުޑަ ގިރި އައިލެންޑްގައި ހުރި ވަޒީފާތައް އިއުލާނުކޮށް އެ ކޯޕަރޭޝަނުން އޯޕަން ޑޭއެއް ފާހަގަކުރަން ނިންމާފައިވާ ކަމަށެވެ.
އެޗްޑީސީން ވަނީ މި ވަޒީފާތަކަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 17 ޑިސެމްބަރު 2022 ވަނަ ދުވަހު 09:00 އާއި 15:00 ގައި އެ ކޯޕަރޭޝަނުގެ ގްރައުންޑް ފްލޯއަށް ހާޒިރުވުމަށް އެދިލައްވާފައެވެ.
އެގޮތުން އެޗްޑީސީން ވަނީ ޖުމްލަ 17 މަގާމު ހިމެނޭހެން ކުޑަގިރި ޕިކްނިކް އައިލެންޑްގެ ވަޒީފާތަކަށް އިޢުލާނުކޮށްފައެވެ.
އަދި މި ހުރިހާ މަގާމަކީވެސް އަަށްހާސް ރުފިޔާއިން މަތީގެ މުސާރަލިބޭ ވަޒީފާތަކެކެވެ.
މިގޮތުން ކުޑަގިރި އައިލެންޑަށް ސެކިއުރިޓީ އެސިސްޓެންޓަކާއި ކްލީނަރެއްގެ މަގާމަށް އިއުލާނުކޮށްފައި ވާއިރު މުސާރަކަމުގައި ބުނެފައި ވަނީ 8،500 ރުފިޔާއެވެ.
ރޫމް އެޓެންޑެންޓަކާއި ރެކްރިއޭޝަން އެޓެންޑެއް ހޯދަން އިޢުލާނުކޮށްފައިވާއިރު މުސާރަ ކަމުގައި ބުނެފައި ވަނީ 10،500 ރުފިޔާއެވެ.
ކުޑަގިރީގައި ތަރައްޤީކޮށްފައިވާ މިސްކިތަށް އިމާމެއް ހޯދަން އިއުލާނުކޮށްފައިވާއިރު މުސާރަ ކަމުގައި ބުނެފައި ވަނީ 12،500 ރުފިޔާއެވެ.
ރިސެޕްޝަނިސްޓަކާއި އެސިސްޓެންޓް އެކައުންޓް އޮފިސަރ އެއް ހޯދުމަށް އިޢުލާނުކޮށްފައިވާއިރު މުސާރަ ކަމުގައި ބުނެފައި ވަނީ 13،000 ރުފިޔާއެވެ.
އަދި އެގްޒެކިއުޓިވް ސެކެރަޓަރީއަކާއި، ސޭލްސް ރިޒަވޭޝަން ކޯޑިނޭޓަރަކާއި، ޓެނާންޓް މެނޭޖްމަންޓް ކޯޑިނޭޓަރަކާއި، މާކެޓިންގ އެންޑް ޕީއާރް ކޯޑިނޭޓަރަކާއި، ޕަރްޗޭސިންގ އެންޑް ސްޓޯރ ކޯޑިނޭޓަރަކާއި އެޗްއާރް އެންޑް ޓްރެއިނިންގް ކޯޑިނޭޓަރެއް ހިމެނޭހެން ލޭންޑް ސްކޭޕިން ކޯޑިނޭޓަރަކަށް އިޢުލާނުކޮށްފައިވާއިރު މުސާރަ ކަމުގައި ބުނެފައި ވަނީ 14،500 ރުފިޔާއެވެ.
މީގެ އިތުރުން މޮނިޓަރިންގް އެންޑް ސެކިއުރިޓީ ސުޕަވައިޒަރަކަށާއި، ރެކްރިއޭޝަން އެންޑް އިވެންޓްސް ސުޕަވައިޒަރަކަށް އިޢުލާނުކޮށްފައި ވާއިރު މުސާރައަކީ 17،000 ރުފިޔާ ކަމުގައި ބުނެފައި ވެއެވެ. އަދި އެކައުންޓެންޓެއް ހޯދަން އިޢުލާނުކޮށްފައިވާއިރު މުސާރަކަމުގައި ބުނެފައި ވަނި 23،500 ރުފިޔާއެވެ.
އެރަށް ހުޅުވުމަށް ކުރިން ނިންމާފައި އޮތީ މިއަހަރުގެ މިނިވަން ދުވަސް، ޖުލައި 26 ވަނަ ދުވަހު އެވެ. އެހެންނަމަވެސް އެ މުއްދަތު ފަސްކުރީ ރަށަކީ ހިއްކާފައިވާ ރަށަކަށް ވުމާއެކު އެތަން ފެހި ކުރުމުގެ އިތުރު މަސައްކަތްތައް ކުރިއަށްގެންދިއުމަށް ކަމަށް ބުނެއެވެ.
މާލެ ކައިރި ކުޑަގިރި ފަޅުން 8 ހެކްޓަރު ހިއްކައިގެން ކުޑަގިރި ތަރައްޤީ ކުރާއިރުޔ، ރަށާ އިންވެގެން 1.5 ހެކްޓަރުގެ ކުޑަ ފިނޮޅެއް ވެސް ވަނީ ހަދާފަ އެވެ. މިއީ މާލެއިން ލޯންޗުގައި ދިހަވަރަކަށް މިނެޓުން ދެވޭހާ ކައިރީގައި ހަދާފައިވާ ރަށެކެވެ.
މި މަސައްކަތް ދެ ފިޔަވައްސަކަށް ބަހާލައިގެން ސަރުކާރުން ކުރިއަށް ގެންދާއިރު، ފްރަންޓް އޮފީހަކާއި އިންޖީނުގެއާއި މިސްކިތާއި ދަތުރުދާ މީހުން ބޭނުންކުރުމަށް 15 ހަޓް ވެސް ވަނީ ހަދާފަ އެވެ. އަދި އާއްމު ފާޚާނާއެއް ވެސް ހަދާފައި ވެއެވެ.
މީގެއިތުރުން ވޯޓަރ ސްޕޯޓްސްއާއި އެކި ކަހަލަ ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމްތައް ވެސް ހަމަޖައްސާފައި ވެއެވެ. ރަށުގެ މަސައްކަތް ނިމޭއިރު އެތަނުގައި، ރޭގަނޑު މަޑުކުރެވޭގޮތަށް އެކަމަޑޭޝަން ބޮލޮކްތައް ވެސް ހަދާފައި ވެއެވެ.
ރަށަށް ބޭނުންވާ ކަރަންޓާ ފެނާއި ނަރުދާމާގެ ޚިދުމަތްތައް ވެސް މިހާރު ވަނީ ޤާއިމުކޮށް ނިމިފައިވާިއރު، ޕިކްނިކް އައިލެންގެ މަސައްކަތް ކުރަނީ ސަރުކާރުގެ 5 ކުންފުންޏެއް ގުޅިގެން ނެވެ.
އެގޮތުން ޕިކްނިކް އައިލެންޑްގެ މާސްޓަރ ޕްލޭން ތައްޔާރު ކުރީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނެވެ. ރަށް ތަރައްޤީކުރުމުގެ މަސައްކަތުގައި ދެން ބައިވެރިވަނީ އެމްޓީސީސީ، އެމްޑަބްލިއެސްސީ ފެނަކަ އަދި ސްޓެލްކޯ އެވެ.
މާލެ ކައިރިން ދަތުރުދާނެ ރަށެއް ތަރައްޤީކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވަޢުދުފުޅެކެވެ. މި ޕްރޮޖެކްޓްގެ ކަންކަމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ވަރަށް ގާތުން ބައްލަވަމުންދާ މަސައްކަތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް