ވޯލްޑް ކަޕް ރަންބޫޓަށް ކުރާ ވާދަ. ކުރީ ސަފުގައި ކޮން ކުޅުންތެރިންނެއް؟

ފީފާ ވޯލްޑް ކަޕް 2022 ނިމެން މިހާރު މި ވަނީ ގާތް ވެފައެވެ. ބާކީ އޮތީ އެންމެ 3 މެޗެވެ. އެއީ މިރޭ ކުޅޭ ސެމީ ފައިނަލްގެ މެޗާއި، 3 ވަނަ ހޮވާ މެޗުގެ އިތުރުން ފައިނަލް މެޗެވެ. ވޯލްޑް ކަޕް ތަށީގެ އިތުރުން، ވ...

14 Dec 2022 | 17:22

ފީފާ ވޯލްޑް ކަޕް 2022 ނިމެން މިހާރު މި ވަނީ ގާތް ވެފައެވެ. ބާކީ އޮތީ އެންމެ 3 މެޗެވެ. އެއީ މިރޭ ކުޅޭ ސެމީ ފައިނަލްގެ މެޗާއި، 3 ވަނަ ހޮވާ މެޗުގެ އިތުރުން ފައިނަލް މެޗެވެ.

ވޯލްޑް ކަޕް ތަށީގެ އިތުރުން، ވަކިވަކި ކުޅުންތެރިންނަށް ލިބޭ އެންމެ ޝަރަފުވެރި ދެ އެވޯޑަކީ، އެންމެ މޮޅު ކުޅުންތެރިޔާއަށްދޭ ގޯލްޑަން ބޯލް (ރަން ބޯޅަ) އާއި ގޯލްޑަން ބޫޓް (ރަން ބޫޓް) އެވެ. މީގެ ތެރެއިން ރަން ބޫޓަކީ މުބާރާތުގެ އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔާއަށް ލިބޭ އެވޯޑެކެވެ.

މުބާރާތް ނިމެން ކައިރިވެފައިވާއިރު، ވޯލްޑް ކަޕް 2022 ގެ ރަން ބޫޓަށް ވާދަކުރާ، އަދި ރަން ބޫޓު ހޯދުމުގެ ފުރުސަތު އޮތް ކުޅުންތެރިންގެ ނަންތަކަށް ވެސް ބަލައިލުމަކީ މުހިންމުކަމެކެވެ.

ރަން ބޫޓުގެ ވާދައިގައި، މި ވަގުތު ލިސްޓްގެ ކުރީގައި އޮތީ ފްރާންސްގެ ކިލިއަން އެމްބާޕޭ އާއި އާޖެންޓީނާގެ ލިއޮނަލް މެސީއެވެ. އެމްބާޕޭ އާއި ލިއޮނަލް މެސީ ވެސް މި ވޯލްޑް ކަޕްގައި މިހާތަނަށް ވަނީ 5 ލަނޑު ޖަހާފައެވެ. މިރޭ ފްރާންސް ކުޅޭ ސެމީ ފައިނަލް މެޗުގައި އެމްބާޕޭ ލަނޑު ޖަހައިފިނަމަ މެސީއަށްވުރެ ލަނޑުގެ އަދަދު ވަގުތީ ގޮތުން އިތުރުވާނެއެވެ.

ވޯލްޑް ކަޕްގެ ތާރީޚްގައި ވެސް، ފްރާންސްގެ ކުޅުންތެރިޔަކަށް ރަން ބޫޓު ލިބުނީ އެންމެ ފަހަރަކުއެވެ. އެއީ 1958 ގައި، 13 ލަނޑާއެކު ޖަސްޓް ފޮންޓެއިން އަށެވެ. ރަން ބޫޓު ހޯދާ ފްރާންސްގެ ދެ ވަނަ ކުޅުންތެރިޔާގެ ޝަރަފު އެމްބާޕޭ ހޯދުން ވަރަށް ގާތެވެ. ދުވެލި ބާރު ވެފައި، ފޮނުވާލާ ހަމަލާތައް ނުރައްކާތެރި އިތުރު، ލަނޑު ޖެހުމުގައި ވެސް އެމްބާޕޭ އަކީ ޖާދުލެކެވެ. 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި، އުމުރުން 19 އަހަރުގައި 4 ލަނޑު ޖެހިކަމާއި، ފްރާންސް ތަށި ނެގިއިރު، ފައިނަލް މެޗު ގައި ވެސް އޭނާ ލަނޑު ޖެހިކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ.

ދުނިޔެ ދުށް އެންމެ މޮޅު ކުޅުންތެރިޔާކަން ސާބިތުކޮށްދެމުންދާ މެސީ 5 ލަނޑު ޖަހާފައިވާއިރު، އޭނާއަށް ބާކީ އޮތީ ފައިނަލް މެޗެވެ. މެސީ މި ވޯލްޑް ކަޕްގެ ރައުންޑް އޮފް 16، ކުއާޓާ ފައިނަލް އަދި ސެމީ ފައިނަލްގައި ވެސް ލަނޑު ޖަހާފައިވުމާއެކު، ފައިނަލް މެޗުގައި ވެސް އޭނާގެ ޖާދު ދައްކާލާ، ލަނޑު ލިސްޓުގެ އެންމެ ކުރިން ޖާގަ ހޯދުމަކީ ވަރަށް ގާތް ކަމެކެވެ.

ލަނޑު ލިސްޓްގެ 3 ވަނައިގައި އޮތީ ފްރާންސްގެ ސެންޓަރ ފޯވާޑް އޮލިވިއޭ ޖިރޫ އާއި އާޖެންޓީނާގެ ޖޫލިއަން އަލްވަރޭޒްއެވެ. މި ދެ ކުޅުންތެރިން ވެސް 4 ލަނޑު ޖަހާފައިވާއިރު، ބާކީ މެޗު(ތައް) އޮތުމުން އިތުރު ލަނޑު ޖެހުމުގެ ފުރުސަތު އެބަ އޮތެވެ.

ލިސްޓުގައި ދެން 3 ލަނޑާއެކު، 7 ކުޅުންތެރިން އޮތްއިރު، އެއިން އެއްވެސް ކުޅުންތެރިޔަކަށް ރަން ބޫޓު ހޯދުމުގެ ފުރުސަތެއް ދެން ނެތެވެ. އެ ހުރިހާ ކުޅުންތެރިން ނިސްބަތްވާ ގައުމުތަކެއް ވެސް ވަނީ މުބާރާތާ ވަކިވާން ޖެހިފައެވެ.

ފީފާ ވޯލްޑް ކަޕް 2022 ޓޮޕް ސްކޯރަރސް

ކިލިއަން އެމްބާޕޭ ފްރާންސް 5
ލިއޮނަލް މެސީ އާޖެންޓީނާ 5
އޮލިވިއޭ ޖިރޫ ފްރާންސް 4
ޖޫލިއަން އަލްވަރޭޒް އާޖެންޓީނާ 4
ރިޗާލިސަން ބްރެޒިލް 3
ގޮންކާލޯ ރާމޯސް ޕޯޗުގަލް 3
އެނާ ވެލެންސިއާ އެކުއެޑޯ 3
ބުކަޔޯ ސަކާ އިންގްލެންޑް 3
ކޯޑީ ގަކްޕޯ ނެދަލެންޑްސް 3
އަލްވާރޯ މޮރާޓާ ސްޕެއިން 3

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް