ފައިނަލް މެޗަކީ ވޯލްޑް ކަޕެއްގައި މެސީ ކުޅޭނެ އެންމެ ފަހު މެޗު

އަންނަ އާދިއްތަ ދުވަހު ކުޅޭ، ވޯލްޑް ކަޕް 2022 ގެ ފައިނަލް މެޗަކީ އޭނާ ވޯލްޑް ކަޕެއްގައި ކުޅޭނެ އެންމެ ފަހު މެޗު ކަމަށް މެސީ ބުނެފިއެވެ. މިއާއެކު، މިއީ އޭނާގެ ފަހު ވޯލްޑް ކަޕް ކަމަށް ކުރިން ވެސް ބުނަމު...

14 Dec 2022 | 16:26

އަންނަ އާދިއްތަ ދުވަހު ކުޅޭ، ވޯލްޑް ކަޕް 2022 ގެ ފައިނަލް މެޗަކީ އޭނާ ވޯލްޑް ކަޕެއްގައި ކުޅޭނެ އެންމެ ފަހު މެޗު ކަމަށް މެސީ ބުނެފިއެވެ. މިއާއެކު، މިއީ އޭނާގެ ފަހު ވޯލްޑް ކަޕް ކަމަށް ކުރިން ވެސް ބުނަމުން އައި އައުން ވަނީ ޔަގީން ވެފައެވެ.

"ވޯލްޑް ކަޕްގެ ދަތުރު ފައިނަލްގައި ކުޅެގެން ނިންމާލަން ލިބުމަކީ އަހަރެން ފަޚުރުވެރިވާ ކަމެއް. އަހަރެންނަށް މި ވަގުތު އިހުސާސްކުރެވެނީ އުފާވެރިކަން. ޔަގީނުން ވެސް، އާދިއްތަ ދުވަހު ކުޅޭ މެޗަކީ ވޯލްޑް ކަޕެއްގައި އަހަރެން ކުޅޭނެ އެންމެ ފަހު މެޗު. ދެން އަންނަ ވޯލްޑް ކަޕަކާ (2026) ދެމެދު އެތައް އަހަރެއް އެބައޮތް. އަހަންނަކަށް ހިޔެއްނުވޭ އެހާ ހިސާބަށް ދެވޭނެހެނެއް. އެހެންވީމާ، އުންމީދު ކުރަނީ އެންމެ ފުރަތަމަކޮށް (ތަށި ހޯދައިގެން) މި ވޯލްޑް ކަޕް ނިންމާލެވޭނެކަމަށް" ސެމީ ފައިނަލް މެޗަށްފަހު، ނޫސްވެރިންނާ ވާހަކަ ދައްކަމުން މެސީ ބުންޏެވެ.

ކްރޮއޭޝިއާއާ ދެކޮޅަށް އާޖެންޓީނާ ކުޅުނު ސެމީ ފައިނަލް މެޗުގެ ވެސް މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ލިއޮނަލް މެސީ އިތުރަށް ބުނީ، ސެމީ ފައިނަލް މެޗަށް ފުރިހަމައަށް ތައްޔާރުވި ކަމަށާއި، އިދިކޮޅު ޓީމުން ގިނަ ވަގުތު ބޯޅަ ހިފެހެއްޓިޔަސް، ފަސޭހައިން ގޯސްހަދާތީވެ، އެ މެޗުން މޮޅުވެވޭނެކަމުގެ އުންމީދު އޮތްކަމަށެވެ.

ގަތަރު 2022 ވޯލްޑް ކަޕްގައި މިހާތަނަށް މެސީ އާއި އާޖެންޓީނާއިން އަންނަނީ ވަރަށް މޮޅު ކުޅުމެއް ދައްކަމުންނެވެ. ފުރަތަމަ މެޗުން ސައޫދީ އަތުން ބަލިވި ނަމަވެސް، އޭގެ ފަހުން އާޖެންޓީނާ ކުޅުނު ހުރިހާ މެޗަކުން މޮޅުވިއިރު، މެސީ މިހާތަނަށް ވަނީ 3 މެޗެއްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފައެވެ. މީގެ އިތުރުން، އޭނާ ރޭގައި ޖެހި ލަނޑާއެކު، ޖުމްލަ 5 ލަނޑުން މި ވަގުތު ޓޮޕް ސްކޯރަރގެ މަގާމް އެމްބާޕޭއާއެކު ދަނީ ހިއްސާކުރަމުންނެވެ.

މެސީގެ އާޖެންޓީނާ ފައިނަލް މެޗުގައި ވާދަކުރަން ޖެހޭނެ ޓީމެއް އެނގޭނީ މިރޭ ފްރާންސް އާއި މޮރޮކޯ ކުޅޭ މެޗުންނެވެ. އެ މެޗު ފަށާނީ ރާއްޖެ ގަޑިން ދަންވަރު 12:00 ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް