އުސޫލާއި ޙިލާފަށް ގދ.ތިނަދޫ، ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރީހެބިލިޓޭޝަން ސެންޓަރުގެ މަސައްކަތްތަކެއް އަމިއްލަ ކުންފުންޏަކާ ހަވާލުކުރި މައްސަލައިގަ ޖެންޑާ މިނިސްޓްރީގެ ކުރީގެ އިސް ތިން ވެރިއެއްގެ މައްޗަށް ކޮރަޕްޝަންގެ ދައުވާކުރުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
ތަހުގީގު ކުރުމަށް ފަހު އޭސީސީން ދައުވާ ކޮށްދިނުމަށް އެދުނީ އޭރު ޖެންޑަރ މިނިސްޓްރީގެ ބިޑު ކޮމިޓީގެ މެންބަރުންގެ ގޮތުގައި ތިބި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްޑޫ ސިޓީ ހިތަދޫ ހަނދުވަރީގެ، އާއިޝަތު ރަޝީދު އާއި އޭރުގެ ޑިރެކްޓަރު ގދ. ތިނަދޫ ނޫވިލު، ހުދޫދާ ވަހީދުގެ އިތުރުން ޑިރެކްޓަރު، ގދ. ގައްދޫ ވިލިގަލާ އާމިނަތު ޝިހާމާގެ މައްޗަށެވެ.
އެބޭފުޅުންގެ މައްޗަށް ކުރަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާ އާއި ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ 13 ވަނަ މާއްދާގެ ދަށުން، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާ އެވެ.
މިމައްސަލަ އަކީ ދައުލަތުގެ މުވައްޒަފަކަށްވެ ހުރެ ޖެންޑާގެ ބިޑު ކޮމިޓީގެ މެންބަރުން، ނޭޝަނަލް ޑްރަގް އޭޖެންސީން ކުރި އިއުލާނާ ގުޅިގެން ބިޑް ހުށައެޅި ފަރާތްތަކުގެ ތެރެއިން ދެވަނައަށް އެންމެ މަތިން މާކްސް ލިބުނު ކުންފުންޏަށް މަސައްކަތް އެވޯޑްކޮށްފައި އޮތުމުން ދައުލަތަށް ފައިދާ ވާން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލު ކުރިކަމުގެ ތުހުމަތުގައި ހުށަހެޅި މައްސަލައެކެވެ.
ޑްރަގް އެޖެންސީގެ އިއުލާނަކީ ގދ.ތިނަދޫ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރީހެބިލިޓޭޝަން ސެންޓަރުގައި ކުރަން ހުރި މަރާމާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިއުލާނެކެވެ.
އެ މަސައްކަތް ހަވާލުކުރުމަށް ނިންމާފައި ވަނީ އިވެލުއޭޝަނުން އެއްވަނައަށް ދިޔަ ފަރާތަށްވުރެ 657,846.60 ރުފިޔާ ބޮޑު އަގުގައި ކަމަށް އޭސީސީން ހާމަކޮށްފައިވެއެވެ.
އެ ތިން ބޭފުޅުން އެގޮތަށް ނިންމެވީ އިވެލުއޭޝަނުން އެއްވަނަ ލިބޭ ފަރާތަށް އެ މަސައްކަތް އެވޯޑު ކުރުމުގެ ބަދަލުގައި ދެވަނައަށް ދިޔަ ފަރާތަށް އެ މަސައްކަތް ހަވާލު ކުރުމުން އެފަރާތަށް ލިބެން ނުޖެހޭފަދަ މަންފާއެއް ލިބޭނެކަން އެނގިތިބެ ކަމަށް އޭސީސީން ބުނެއެވެ. އަދި އެ މަސައްކަތް ދެވަނައަށް ދިޔަ ކުންފުންޏަށް ހަވާލު ކުރީ އެ މަސައްކަތް ހަވާލު ކުރި ފަރާތަށް ވެސް ހަމަ އެފަދަ މަންފާއެއް ހޯދައި ދިނުމުގެ މަގްސަދުގައި ކަން ތަހްގީގުން އެނގިފައިވާ ކަމަށް އޭސީސީން ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް