ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ކަމުގައިވާ ފީފާ ވޯލްޑް ކަޕުގެ ސެމީ ފައިނަލުގައި މިރޭ އެންމެ ފަހުގެ ޗެމްޕިއަން ފްރާން އާއި ދެކޮޅަށް މޮރޮކޯ ކުޅޭ ސެމީ ފައިނަލް މެޗުބަލަން ދާ މޮރޮކޯގެ 13000 ހާސް ސަޕޯޓަރުންނަށް އެގަމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ހިލޭ ޓިކެޓު ފޯރުކޮށްދީފިއެވެ.
މޮރޮކޯ ފުޓްބޯޅަ ފެޑެރޭޝަނުން ބުނެފައިވަނީ މޮރޮކޯ ސަޕޯޓަރުންނަށް ދިނުމަށް ހަމަޖައްސާފައިވާ ހިލޭ ޓިކެޓުތައް އެ ފަރާތްތަކަށް ފޯރުކޮށް ދޭނީ ދޯހާގައި ހުންނަ މޮރޮކޯގެ އެމްބަސީ މެދުވެރިކޮށް ކަމަށެވެ. އަދި މިރޭގެ ސެމީ ފައިނަލް މެޗު ބެލުމަށް މޮރޮކޯގެ 20 ހާހަށްވުރެ ގިނަ ސަޕޯޓަރުން ގަތަރަށް ގޮސްފައިވާ ކަމަށް ވެސް އެގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ބުނެފައެވެ.
މޮރޮކޯ ފުޓްބޯޅަ ފެޑެރޭޝަނުން ބުނީ މިރޭ ކުޅޭ ސެމީފައިނަލުގެ މެޗަކީ މޮރޮކޯއާއި އެގައުމު ނިސްބަތްވާ އެފްރިކާ ބައްރައްވެސް ވަރަށް ޚާއްސަ މެޗެއް ކަމަށާއި އެހެން ކަމުން ވީހާވެސް ގިނަ ސަޕޯޓަރުން ދަނޑަށް ވަނުމަަށް މަގުފަހި ކޮށްދިނުމަކީ ކޮންމެހެންވެސް ކުރަން ޖެހިފައިވާ ކަމެއް ކަމަށެވެ. އެހެން ކަމުން އެފަރާތުން 13 ހާސް ޓިކެޓު ހިލޭ ދިނުމަށް ނިންމީ ކަމަށް ވެސް ބުނެފައިވެއެވެ.
" އަހަރެމެން ބޭނުމީ ވީހާވެސް ގިނަ ސަޕޯތަރުން މޮރޮކޯ ޓީމަށް ސަޕޯޓުދޭން ދަނޑަށް ވަނުމަށް. އެއީ އަހަރެމެންނަށް ވަރަށް ޚާއްސަ މެޗެއް. އެގޮތުން މިހާރު ވާނީ 13 ހާސް ސަޕޯޓަރުންނަށް ދަނޑަށް ވަނުމަށް ހިލޭ ޓިކެޓު ދީފަ." މޮރޮކޯގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނެފއިވެއެވެ.
މޮރޮކޯ އަކީ މިފަހަރުގެ ވޯލްޑް ކަޕުގައި އެންމެ ހައިރާން ކުރުވަނިވި ނަތީޖާތަކެއް ނެރުނު އެއް ޓީމެވެ. އެގޮތުން މިފަހަރުގެ މުބާރާތުގެ ސެމީއަށް މޮރޮކޯ ދަތުރުކުރީ ޔޫރަޕާއި ދުނިޔޭގެ ފެންވަރުގެ ފުޓްބޯޅައިގެ ވަރުގަދަ ބާރުތަކެއް ފަހަތައް ޖައްސާލުމަށް ފަހުގައެވެ.
ގުރޫޕް ސްޓޭޖުގައި ރަނގަޅު ނަތީޖާތަކެއް ނެރެގެން ގުރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދަތުރުކުރި މޮރޮކޯއިން ކުއާޓާ ފަހަނަ އަލާ ސެމީއަށް ދަތުރުކުރީ ވަރުގަދަ ސްޕެއިން އަދި ޕޯޗުގަލް ކަޓުވާލުމަށް ފަހުގައެވެ.
ވޯލްޑް ކަޕުގެ ސެމީފައިނަލުގައި މިރޭ ދުނިޔޭގެ ޗެމްޕިއަން ފްރާންސްއާއި ދެކޮޅަށް މޮރޮކޯ އިން ނުކުންނައިރު މިއީ އެގައުމުން ވޯލްޑް ކަޕުގެ ތާރީޚުގައި ސެމީފައިނަލުގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. އަދި އެފްރިކާގެ ގައުމެއް މި މުބާރާތުގެ ސެމީގައި ކުޅޭ ފުރަތަމަ ފަހަރުވެސް މެއެވެ.
މޮރޮކޯ އަދި ފްރާންސް ބައްދަލުކުރާ ސެމީ ފައިނަލް މެޗު ކުޅެން ހަމަޖެހިފައިވަނީ މިރޭ ރާއްޖޭ ގަޑިން ދަންވަރު 12 ޖަހާއިރުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް