ފީފާ ވޯލްޑް ކަޕް 2022 ސެމީ ފައިނަލް: ފްރާންސް - މޮރޮކޯ މެޗު ޕްރިވިޔު

ތާރީޚް: 15 ޑިސެމްބަރ 2022 ގަޑި: 00:00 ސްޓޭޑިއަމް: އަލް ބައިތު ސްޓޭޑިއަމް ފީފާ ރޭންކިންގ: ފްރާންސް (4)، މޮރޮކޯ (22) ހެޑް-ޓު-ހެޑް ނަތީޖާތައް: މީގެ ކުރިން ވޯލްޑް ކަޕްގައި މި ދެ ގައުމުގެ ކުރިމަތިލުމެއް ފެ...

14 Dec 2022 | 14:27

ތާރީޚް: 15 ޑިސެމްބަރ 2022

ގަޑި: 00:00

ސްޓޭޑިއަމް: އަލް ބައިތު ސްޓޭޑިއަމް

ފީފާ ރޭންކިންގ: ފްރާންސް (4)، މޮރޮކޯ (22)

ހެޑް-ޓު-ހެޑް ނަތީޖާތައް:

މީގެ ކުރިން ވޯލްޑް ކަޕްގައި މި ދެ ގައުމުގެ ކުރިމަތިލުމެއް ފެނިފައެއް ނުވެއެވެ.

ފީފާ ވޯލްޑް ކަޕް 2022 ގެ ސެމީ ފައިނަލްގައި ފްރާންސާއި މޮރޮކޯ މިރޭ ރާއްޖެ ގަޑިން 00:00 ގައި ވާދަކުރާއިރު، މިއީ އެންމެ ފަހުގެ ޗެމްޕިއަނުންނާއި، މުޅިން އަލަށް ސެމީ ފައިނަލަށް ދަތުރު ކުރި ގައުމެއްގެ ކުރިމަތިލުމެކެވެ.

ދުނިޔޭގެ ޗެމްޕިއަނުންގެ ގޮތުގައި މުބާރާތާ ކުރިމަތިލާ، ތަށި ދިފާއުކުރުމުގެ އުންމީދު ވަރަށް ބޮޑަށް އާކޮށްފައިވާ ފްރާންސުން މިރޭގެ މެޗާ ކުރިމަތިލާއިރު، އެ ގައުމުގެ އެންމެ ބޮޑު ހަތިޔާރަކީ ވަރުގަދަ ފޯވާޑް ލައިނެވެ. ޚާއްސަކޮށް، އެމްބާޕޭގެ ދުވެލި ބާރުކަމާއެކު، އޭނާ ހުއްޓުވުމަށް މިހާތަނަށް ޑިފެންޑަރުންނަށް ކުރެވުނު މާކަ ބޮޑުކަމެއް ނެތެވެ. އެހެނަސް، މިރޭ އޭނާ ހުއްޓުވުމުގެ ޒިންމާ އަދާކުރާނީ އޭނާއާއެކު ޕީއެސްޖީއަށް ކުޅޭ، ހަމަ އެހާމެ ދުވެލި ބާރު ރައިޓް ބެކް، އަޝްރަފު ހަކީމީ އެވެ. އެހެންކަމުން، މި މެޗުގެ ނަތީޖާ، މި ދެ ކުޅުންތެރިންގެ މަސައްކަތަށް ވަރަށް ބޮޑަށް ބަރޯސާވާނެކަމަށް ބެލެވެއެވެ.

އެމްބާޕޭގެ އިތުރުން، ފްރާންސްގެ ފޯވާޑް ޖިރޫ ވެސް އަންނަނީ ލަނޑު ޖެހުމުގައި އޭނާގެ ހުނަރު ދައްކަމުންނެވެ. ޚާއްސަކޮށް ފްރާންސުން އޭރިޔާގެ ތެރެއަށް ނަގާ ހުރަސްތައް ބޮލުން ގޯލަށް ފޮނުވާލުމުގައި ޖިރޫގެ ކާމިޔާބީ ވަރަށް ބޮޑަށް ފާހަގަކުރަން ޖެހެއެވެ. މަތިން ކުޅޭ ބޯޅަތަކުގައި ޖިރޫ ވާނީ މޮރޮކޯގެ ޑިފެންސަށް އެންމެ ނުރައްކާ އެއް ކުޅުންތެރިޔާއަށެވެ.

މިހާތަނަށް ބައިކޮޅަށް އެންމެ ލަނޑެއް ވަދެފައިވާ (އެ ވެސް އަމިއްލަ ޓީމުގެ ކުޅުންތެރިއެއްގެ އަތުން) މޮރޮކޯގެ ވަރުގަދަކަމަކީ އެ ޓީމުގެ ޑިފެންސްގެ ވަރުގަދަކަމެވެ. ފްރާންސްގެ އެޓޭކް ކިތަންމެ ވަރުގަދަޔަސް، މޮރޮކޯގެ ޑިފެންސް ރޫޅާލުން ވާނީ ދަތިކަމަކަށެވެ. އެކަން ނުވެ ގިނަ ވަގުތު ވާވަރަކަށް މޮރޮކޯއަށް އޮންނަ އެޑްވާންޓޭޖް ބޮޑު ވެސް ވާނެއެވެ. އަނެއްކޮޅުން ކައުންޓަރ އެޓޭކްގައި މޮރޮކޯގެ ހަކީމް ޒިޔެކް ފަދަ ކުޅުންތެރިންގެ ނުރައްކާ ފްރާންސްގެ ޑިފެންސަށް ކުޑައެއް ނުވާނެއެވެ.

ފްރާންސުން ސެމީ ފައިނަލަށް ދަތުރުކުރީ ކުއާޓާ ފައިނަލްގައި 2-1 ގެ ނަތީޖާއިން އިންގްލެންޑް ބަލިކޮށްފައެވެ. އަދި ރައުންޑް އޮފް 16 ގައި ޕޮލެންޑްގެ މައްޗަށް 3-1 ގެ ނަތީޖާއިން ކުރި ހޯދިއެވެ. މޮރޮކޯ އިން ރައުންޑް އޮފް 16 ގައި ސްޕެއިންގެ މައްޗަށް ޕެނަލްޓީއިން ކުރިހޯދިއިރު، ކުއާޓާ ފައިނަލްގައި ޕޯޗުގަލް ބަލިކުރީ 1-0 ގެ ނަތީޖާއިންނެވެ.

މޮޅުވާ ބަޔަކު ވާދަކުރަން ޖެހޭނީ ކޮން ބަޔަކާ؟

މި މެޗުން މޮޅުވާ ގައުމެއް ފައިނަލް ގައި ވާދަކުރަން ޖެހޭނީ، އާޖެންޓީނާއާއެވެ.

ދުވަސްގެ ލަފާކުރުން:

މި މެޗަށް ދުވަސްގެ ލަފާކުރުމަކީ، 2-0 ގެ ނަތީޖާއިން ފްރާންސް މޮޅުވުމެވެ.

ފްރާންސް ޓީމުގެ ލަފާކުރެވޭ ފުރަތަމަ 11:

ލޮރިސް، ކުންޑޭ، ވެރޭން، އުޕަމެކާނޯ، ހެނާންޑޭޒް، ޗުއަމެނީ، ރެބިއޯ، ޑެމްބެލޭ، ގްރީޒްމަން، އެމްބާޕެ، ޖިރޫ

މޮރޮކޯ ޓީމުގެ ލަފާކުރެވޭ ފުރަތަމަ 11:

ބޯނޯ، ހަކީމީ، ޔަމީގް، އެގާޑް، މަޒްރާއޯ، އޮނާހީ، އަމްރަބަތް، އަމާލާ، ޒިޔެކް، ނަސެރީ، ބޯފަލް

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް