"ފެލާލައިފި" ނަމުގައި އިދިކޮޅުން ބޮޑު ޖަލްސާއެއް ބާއްވަނީ

"ފެލާލައިފި" ނަމުގައި އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ބޮޑު ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ. މިކަން އިއުލާނު ކުރީ މިއަދު ޕީޕީއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެވެ. ނޫސްވެރިންނ...

14 Dec 2022 | 14:26

"ފެލާލައިފި" ނަމުގައި އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ބޮޑު ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ.

މިކަން އިއުލާނު ކުރީ މިއަދު ޕީޕީއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ23 ވާ ހުކުރު ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ކަމަށެވެ. ހީނާ ވިދާޅުވީ މި ދުވަސްކޮޅާ ދިމާކޮށް ޕީޕީއެމްގެ ސިޔާސީ ހަރަކާތްތައް ވަރުގަދަކޮށް އިތުރުކުރުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.

ޖަލްސާއަށް ނަން ދިން ގޮތާއި ގުޅޭގޮތުން އޭނާ ވިދާޅުވީ މި ސަރުކާރަކީ ރައްޔިތުން ފެލައިގެން ވެރިކަންކުރާ ސަރުކާރެއް ކަމަށެވެ. ޑޮލަރުގެ އަގު ބޮޑުވެފައިވާއިރު ތަކެއްޗާއި ޑޮލަރުގެ އަގު ބޮޑުވެ، އަންނަ ޖެނުއަރީން ފެށިގެން ރައްޔިތުން އަތުން އިތުރަށް ޓެކްސްވެސްނަގާނެ ކަމަށެވެ.

ހީނާ ވިދާޅުވިގޮތުގައި ޖޫރިމަނާގެ ގޮތުގައި ވެސް މި ސަރުކާރުން ދަނީ ރައްޔިތުން "ފެލަމުން"ނެވެ. އަދި ދައުލަތުގެ މާލިއްޔާގައި އެއްވެސް އެއްޗެއް ނެތް ކަމަށާއި ސަރުކާރުން ވެރިކަން ކުރަނީ ރައްޔިތުންގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްގެން ކަމަށް ހީނާ ވިދާޅުވި އެވެ.

އޭނާ ވަނީ މި ސަރުކާރަށާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ރައީސް ގިނަ ދަތުރުފުޅުތަކެއް ކުރައްވާ ކަމަށާއި އެ ހުރިހާ ޚަރަދެއް ވެސް ކުރަނީ ރައްޔިތުންގެ ފައިސާއިން ކަމަށް ހީނާ ވިދާޅުވިއެވެ.

މި ސަރުކާރުން ނަގާ ކޮންމެ ފިޔަވަޅަކީ އަޅުވެތިކަމެއްގެ ތެރެއިން ކަމަށް ވިދާޅުވި އެވެ. ހީނާ ވިދާޅުވީ ރައީސް ސޯލިހަކީ އިންޑިއާގެ ޕަޕެޓެއް ކަމަށެވެ.

ހީނާ ވިދާޅުވީ ޖަލްސާއަށް ތައްޔާރުވުމަށްޓަކައި ޕީޕީއެމްގެ ދާއިރާތަކުގެ ރައީސުންނާއި ނައިބު ރައީސުން މިހާރު ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް