ދުނިޔޭގެ ފުޓުބޯޅައާ ބެހޭ މައި އިދާރާ، ފީފާއިން ހޮވާ ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު "ފީފާ ބެސްޓް އެވޯޑް" ހޮވުން އަންނަ އަހަރުގެ ފެބުރުއަރީ 27 ގައި ބޭއްވުމަށް ނިންމައިފިއެވެ.
"ފްރާންސް ފުޓްބޯލް" މެގަޒިނުން ދެމުން ގެންދާ ބެލަންޑޯ އެވޯޑާ ވަކިން ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ފީފާއިން ކުޅުންތެރިން ހޮވަން ފެށީ 2017 ވަނަ އަހަރުއެވެ. އެހެން ނަމަވެސް ބެލަންޑޯއަށް ލިބިފައިވާ ގަދަރު ފީފާގެ އެވޯޑަށް ނުލިބޭނެ ކަމަށް ފުޓުބޯޅައިގެ ތަޖުރިބާކާރުން ދެކެއެވެ..
އެންމެ ފުރަތަމަ މިއެވޯޑް ހާސިލުކުރި ކުޅުންތެރިއަކީ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ވޭތުވެދިޔަ އަހަރު މިއެވޯޑް ހާސިލްކުރީ ޕޮލެންޑްގެ ތަރި ރޮބާޓް ލެވަންޑޮސްކީ އެވެ.
މިއަހަރުގެ މޮޅު ކުޅުންތެރިޔާއަށްދޭ މި އެވޯޑް ދިނުމުގެ ހަފްލާ އަންނަ އަހަރުގެ ފެބުރުއަރީ މަހު ބާއްވަން ފީފާއިން ނިންމާފައި ވާއިރު ފީފާއިން ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ އިތުރުން ކޮންމެ އަހަރަކުވެސް އެންމެ މޮޅު ގޯލް ކީޕަރު އަދި އެންމެ މޮޅު ކޯޗު ވެސް ހޮވާނެއެވެ. އަދި ދުނިޔޭގެ އެންމެ މޮޅު 11 ކުޅުންތެރިން، "ފީފާޕްރޯ" ވެސް ހޮވާނެއެވެ. މި އެވޯޑްތައް އަންހެން ކުޅުންތެރިންނަށް ވެސް ފީފާއިން އަންނަނީ ދެމުންނެވެ.
މި އަހަރުގެ އެވޯޑަށް ވޯޓްލުން ފަށާނީ އަނަން އަހަރު ޖެނުއަރީ މަހުގެ 22 ވަނަ ދުވަހުއެވެ. ވޯޓުލުން ނިންމާލާނެ ދުވަހަކަށް ފީފާއިން ކަނޑައަޅާފައިވަނީ އަންނަ އަހަރު ފެބުރުއަރީ 10 ވަނަ ދުވަހެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް