ވޯލްޑް ކަޕް 2022: މިރޭގެ މެޗުން މޮޅުވާނެ ކަމަށް ތާރީޚް ބުރަވަނީ ފްރާންސް ކޮޅަށް

ގަތަރުގައި ކުރިޔަށްދާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ ދެވަނަ މެޗަށް މިރޭ މޮރޮކޯ އަދި ފްރާންސް ނުކުންނައިރު ވޭތުވެ ދިޔަ ތަނުގައި މިދެޓީމުގެ ދެމެދުގައި ކުޅެވިފައިވާ މެޗުތަކުގެ ނަތީޖ...

14 Dec 2022 | 13:36

ގަތަރުގައި ކުރިޔަށްދާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ ދެވަނަ މެޗަށް މިރޭ މޮރޮކޯ އަދި ފްރާންސް ނުކުންނައިރު ވޭތުވެ ދިޔަ ތަނުގައި މިދެޓީމުގެ ދެމެދުގައި ކުޅެވިފައިވާ މެޗުތަކުގެ ނަތީޖާތަކަށް ބަލާލުމަކީ މުހިއްމުކަމެއްކަމުގައި ދެކެމެވެ.

ފްރާންސް އަދި މޮރޮކޯ މީގެ ކުރިން ވޯލްޑް ކަޕްގައި ވާދަކޮށްފައެއް ނުވެއެވެ. މިއީ މި ދެޓީމުން ވޯލްޑް ކަޕް މެޗެއްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. ނަމަވެސް އެކި ފެންވަރުގެ މުބާރާތް ތަކުގައި ވާދަވެރި ފަސް މެޗަކާއި އެކުވެރި ކަމުގެ ދެ މެޗެއް މި ދެޓީމުން ވަނީ ކުޅެފައެވެ. މި ދެޓީމުން މިހާތަނަށް ބައްދަލުކުރި އެއްވެސް މެޗަކުން ފްރާންސްގެ މައްޗަށް މޮރޮކޯއަށް ކުރި ހޯދިފައެއް ނުވެއެވެ.

ފްރާންސް އަދި މޮރޮކޯ މިހާތަނަށް ބައްދަލުކުރި މެޗުތަކަށް ބަލާއިރު،

ފްރާންސް އަދި މޮރޮކޯ އެންމެ ފުރަތަމަ ވާދަވެރި މެޗެއް ކުޅެފައިވަނީ 1975 ވަނަ އަހަރު މެޑިޓެރަނިއަން ގޭމްސްގެ ސެމީ ފައިނަލުގައެވެ. އެ މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ހަމަވިއިރުވެސް 1-1 އިން އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. އެގޮތުން ޕެނަލްޓީގައި 1-3 އިން މޮރޮކޯގެ މައްޗަށް ކުރިހޯދީ ފްރާންސުންނެވެ.

އޭގެ ފަހުން ހަމަ މި މުބާރާގެ ގުރޫޕް ސްޓޭޖުގައި ވެސް މި ދެޓީމުން ވަނީ ބައްދަލުކޮށްފައެވެ. އެ މެޗު އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި ވަނީ އެއްވަރުވެފައެވެ. ދެން ފްރާންސް އަދި މޮރޮކޯ ބައްދަލުކުރީ ފޯ ނޭޝަންސް ކަޕްގެ ފައިނަލުގައެވެ. އެފަހަރު 1-2 އިން މޮރޮކޯ ބަލިކޮށް މުބާރާތުގެ ތަށި ނެގީ ފްރާންސުންނެވެ.

1998 ވަނަ އަހަރު ކިންގް ހުސެއިން 2 ކަޕްގެ ފައިނަލުގައި ވެސް މި ދެޓީމުން ވަނީ ބައްދަލުކޮށްފައެވެ. އެފަހަރުގެ މެޗުވެސް ފުރިހަމަ ވަގުތު ހަމަވިއިރު، 2-2 ގެ ނަތީޖާއިން އެއްވަރުވުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި 5-6 އިން މޮރޮކޯ ބަލިކޮށް މުބާރާތުގެ ތަށި ނެގީ ފްރާންސުންނެވެ 2000 ވަނަ އަހަރު ހަމަ މި މުބާރާތުގެ ގުރޫޕް ސްޓޭޖުގައިވެސް މި ދެޓީމުން ބައްދަލުކުރި އެވެ. އެފަހަރު 1-5 ގެ ނަތީޖާއިން ކުރި ހޯދީ ވެސް ފްރާންސުންނެވެ.

އޭގެ ފަހުން މި ދެޓީމުން ދެން ކުޅެފައި ވަނީ އެކުވެރި ކަމުގެ ދެ މެޗެވެ. އޭގެ ތެރެއިން އެއްމެޗުން ފްރާންސް މޮޅުވިއިރު، އަނެއް މެޗު ވީ އެއްވަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް