މެންޗެސްޓަރ ޔުނައިޓެޑުގެ ފުޓުބޯޅަ ލެޖެންޑް ވޭން ރޫނީ އަނެއްކާވެސް ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ހަޖޫޖަހައި ވާހަކަ ދައްކައިފއެވެ.
މިހާރު ކުރިޔަށްދާ ފީފާ ވޯލްޑް ކަޕުގެ ސެމީ ފައިނަލުގައި އެންމެ ފަހުގެ ރަނަރަޕް ކްރޮއޭޝިއާ ބަލިކޮށް މުބާރާތުގެ ފައިނަލަށް އާޖެންޓީނާ ދަތުރުކުރި މެޗަށް ފަހު ވާހަކަ ދައްކަމުން ރޫނީ ބުނީ އަސްލު ގޯޓަކީ ރޮނާލްޑޯ ނޫން ކަމަށާއި ހަޤީޤީ ގޯޓް މިހާރު އެންމެންނަށް ވެސް އެނގި ހާމަވެފައިވާ ކަމަށެވެ.
ކުއާޓާ ފައިނަލުގައި މޮރޮކޯ އަތުން ބަލިވެ ޕޯޗުގަލް މުބާރާތުން ކަޓާފައިވާއިރު، އެކަމާއި ބެހޭގޮތުން ވާހަކަ ދައްކަމުން ރޫނީ ބުނީ ރޮނާލްޑޯއާއި އެކު ޕޯޗުގަލް އަށް ސެމީ ފައިނަލާއި ހަމައަށް ވެސް ނުދެވުނު ކަމަށާއި ނަމަވެސް މެސީ އާއި އެކު އާޖެންޓީނާ ވަނީ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައި ކަމަށެވެ. އެހެން ކަމުން ރޮނާލްޑޯ އަދި މެސީގެ ތަފާތު މިހާރު އެނގޭ ކަމަށާއި އަސްލު ގޯޓަކީ މެސީކަމަށް ޤަބޫލު ކުރާކަމަށެވެ.
ރޫނީ ބުނީ މެސީގެ ކުޅުން މާ މޮޅުވެފައި ރަނގަޅު ކަމަށާއި އެގޮތުން ރޮނާލްޑޯގެ މިހާރުގެ ހާލަތައް ބަލާއިރު، ފުޓުބޯޅައިގައި ރޮނާލްޑޯއަށް ކާމިޔާބީއާއި ހަމައަށް ވާސިލު ނުވެވޭނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.
" މެސީ މާ މޮޅު. އާޖެންޓީނާ ގޮވައިގެން ވޯލްޑް ކަޕުގެ ފައިނަލަށް ހިނގައްޖެ. ނަމަވެސް ރޮނާލްޑޯއަށް ޕޯޗުގަލް އާއި އެކު ދާން ޖެހުނީ ރަށަށް. އެހެން ކަމުން މެސީއާއި ރޮނާލްޑޯ އަޅާ ނުކިޔޭނެ. އަސްލު ގޯޓަކީ މެސީ. ރޮނާލްޑޯއެއް ނޫން." ރޫނީ ބުނެފައިވެއެވެ.
ރޫނީ ވަނީ މީގެ ކުރިންވެސް ރޮނާލްޑޯއަށް ގިނަ ފާޑުކިޔުންތައް އަމާޒުކޮށްފައެވެ. އެގޮތުން ރޮނާލްޑޯ އަށް ރަނގަޅު ކުޅުމެއް ނުދެއްކޭއިރު، އޭނާ އަށް އެންމެ އައުލާކަން ބޮޑީ ބެންޗުގައި އިނުންކަމަށް ރޫނީ ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް