ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށްޓަކައި ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ފަރާތުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދާ "ޓްރެއިނިންގ އޮން ޗައިލްޑް ސެންޓާޑް އެޕްރޯޗް ޓު އިންވެސްޓިގޭޝަން" ޕްރޮގްރާމް އިންވެސްޓިގޭޝަން އޮފިސަރުންނަށް އަމާޒުކޮށްގެން ހިންގައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅޭ ކުޑަކުދިންގެ މައްސަލަތައް ތަހުގީގުކުރާ ހުރިހާ އިންވެސްޓިގޭޝަން އޮފިސަރުންނަށާއި ޕޮލިސް ސްޓޭޝަންތަކުގެ އިންޗާޖުންނާ އަދި ފްރަންޓްލައިންގައި މަސައްކަތްކުރާ އިންވެސްޓިގޭޝަން އޮފިސަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޓްރެއިނިންގެ ފުރަތަމަ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ މި މަހު 4 އިން 7 އަށް އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގައި ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކުރެއެވެ.
އައްޑޫ ސިޓީގެ 25 ފުލުހުންނާއި ފުވައްމުލައް ސިޓީގެ 19 ފުލުހުން ހިމެނޭހެން 44 ފުލުހުން މި ޓްރެއިންގެ ފުރަތަމަ ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން ބުނީ މި ޕްރޮގްރާމްގައި، ކުޑަކުދިންގެ އަދުލުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުތައް، ކުޑަކުދިންގެ އަދުލުގެ ނިޒާމުގައި ފުލުހުންގެ ދައުރު، ޝަރީއަތުގެ ކުރީމަރުހަލާގައި ކުދިންނަށް ލިބިދޭ ހައްގުތައް، ތަހުގީގު މަރުހަލާގައި ކުޑަކުދިންނަށް ފިޔަވަޅު އެޅުމުގައި ފުލުހުންނަށް ލިބިދޭ އިހުތިޔާރުތައް އަދި ޑައިވާޝަން ޕްރޮސެސް ކުރިއަށް ގެންދާނެގޮތުގެ މައުލޫމާތު ހިއްސާކުރާނެއެވެ.
އަދި ހުއްޓުވުމާއި ހިފެހެއްޓުމާއި ހައްޔަރުކުރުމުގައި އަމަލުކުރުމަށް ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތްތައް، ކުޑަކުދިން ހައްޔަރުކުރެވޭ ހާލަތްތަކާއި ކުޑަކުދިންގެ މައްސަލަތައް ތަހުގީގުކުރަމުންދާ މަރުހަލާގައި ސަމާލުކަންދޭންވީ ކަންތައްތަކުގެ އިތުރުން ކުށުގެ ވެއްޓަށް ހުށަހެޅިދާނެ ކުދިންނާ މެދު އަމަލުކުރާނެ ގޮތުގެ މައުލޫމާތުވެސް ހިއްސާކުރާނެ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
މީގެ އިތުރުން ފުލުހުން ބުނީ އަލަށް ބޭނުންކުރަންފަށާފައިވާ ޖުވެނައިލް އިންފޮމޭޝަން ސިސްޓަމަށް މުވައްޒަފުން އަހުލުވެރިކުރުވުމާއެކު ގައިޑިންގ ޕްރިންސިޕަލްސް ފޮރ ޕޮލިސިންގ އެންޑް ޗައިލްޑް ޕްރޮޓެކްޝަން، ވިކްޓިމް ސެންޓާޑް އެޕްރޯޗް ޓު ޗައިލްޑް އެކްސްޕްލޮއިޓޭޝަން އިންވެސްޓިގޭޝަނާ ބެހޭގޮތުންވެސް މައުލޫމާތު ދެވިގެންދާނެ ކަމަށެވެ.
އަދި ޑޮމެސްޓިކް ވައިލެންސް އެކްޓާއި އެފަދަ މައްސަލަ ހުށަހެޅިއްޖެނަމަ އަމަލުކުރާނެ ގޮތުގެ އިތުރުން އަނިޔާލިބޭ ކުދިން ދެނެގަންނާނެ ގޮތާއި އެފަދަ ކުދިންނާއެކުގައި މަސައްކަތްކުރާނެގޮތް މި ޓްރެއިނިންގެ ތެރެއިން ދަސްކޮށްދެވޭނެ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
ޓްރެއިނިންގ އޮން ޗައިލްޑްސެންޓާޑް އެޕްރޯޗް އިންވެސްޓިގޭޝަން ޕްރޮގްރާމަކީ ދިވެހި ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރާ ކުޑަކުދިންގެ މައްސަލަތައް ތަހުގީގުކުރާ އިންވެސްޓިގޭޝަން އޮފިސަރުންނަކީ، ކުޑަކުދިންގެ އަދުލުގެ ގާނޫނަށް އަހުލުވެރިވެފައިވާ ބަޔަކަށް ހެދުމާ އަދި ގާނޫނާ ހިލާފުވެފައިވާކަމަށް ތުހުމަތު ކުރެވޭ ކުޑަކުދިންގެ މައްސަލަތައް ތަހުގީގުކުރުމުގައި އަމަލުކުރާނެ ގޮތާއި ކުޑަކުދިންގެ މައްސަލަތައް ރެކޯޑުކޮށް ގޮތް ނިންމުމަށް ހާއްސަކުރެވިފައިވާ ޖުވެނައިލް އިންފޮމޭޝަން ސިސްޓަމަށް އަހުލުވެރި ބަޔަކަށްހެދުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް