ޕާކިސްތާނުގެ ދީނީ ޢިލްމުވެރިން ރާއްޖެއަށް ދިނީ ދަރުސް ދެއްވުމަށް ގެނައުމާބެހޭ ގޮތުން މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާ ބައްދަލުވުން ކުރިއަށް ގެންގޮސްފައި ވަނީ ޕާކިސްތާނުގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ހިޒް އެކްސެލެންސީ ވައިސް އެޑްމިރަލް (ރިޓަޔަރޑް) މުޙައްމަދު ފައްޔާޒް ގިލާނީ އާއި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީއާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައި ބޭއްވި މި ބައްދަލުވުމުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީގެ އިތުރުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާޒް އަލްއުސްތާޛް މުޙައްމަދު އަނީލްއާއި ޕަރމަނަންޓް ސެކްރެޓަރީ އަޙްމަދު އަދީލް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި މިނިސްޓަރގެ އަނީލްގެ ވާހަކަފުޅުގައި އިސްލާމިކް މިނިސްޓްރީއަށް ވަޑައިގެން މިނިސްޓަރާ ބައްދަލުކުރެއްވި ކަމަށްޓަކައި ޕާކިސްތާނުގެ ސަފީރަށް ޝުކުރު އަދާކުރައްވައި، މަރުޙަބާ ދަންނަވާފައި ވެއެވެ.
މިނިސްޓްރީގެ ދަށުން ކުރިއަށް ގެންދެވޭ މަސައްކަތްތަކާއި، ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ކުރައްވަމުންދާ މަސައްކަތްތަކުގެ ތަފްސީލު ދެއްވާ، ކުޑަކުދިންނަށް ޚާއްސަކޮށް، ސްކޫލު އުމުރުފުރާގެ ކުދިންނަށް ކުރިއަށް ގެންދާ މިފަދަ ޕްރޮގްރާމްތަކުގެ މަޢުލޫމާތު މިނިސްޓަރ ވަނީ ހިއްސާކުރައްވާފައެވެ.
މީގެ އިތުރުން ޕާކިސްތާނުގެ ދީނީ ޢިލްމުވެރިން ރާއްޖެއަށް ދިނީ ދަރުސް ދެއްވުމަށް ގެނައުމާބެހޭ ގޮތުންނާއި މިނިސްޓްރީގެ މެންޑޭޓްގެ ތެރޭގައިވާ ދާއިރާތަކުން އިތުރު ތަމްރީނު ލިބޭނެ މަގު ފަހިކޮށްދިނުމާ ގުޅޭ ގޮތުންވެސް ވަނީ މަޝްވަރާ ކުރައްވާފައެވެ.
މި ބައްދަލުވުމުގައި ސަފީރު ދެއްކެވި ވާހަކަފުޅުގައި ސްކޫލުދައުރުގައި އިސްލާމްދީނުގެ ކަންކަން އޮޅުންފިލުވައިދީ، ކިޔައިދެވިއްޖެނަމަ އެކުދިން ބޮޑެތިވެގެން ގޯސް މަގަކުން ނުދާނެކަމަށް ވިދާޅުވިއެވެ.
އަދި ހަމަ އެއާއިއެކު މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދެވޭ އިރު ޕާކިސްތާނުގެ އެހީތެރިކަން ބޭނުންވާ ދާއިރާތައް އޮޅުންފިލުއްވައި، އެފަދަ ދާއިރާތަކުން ވެދެއްވެންހުރި އެހީތެރިކަމެއް ދެއްވާނެކަމަށް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް