ޢާޒީ ސްކޫލުގައި އެ ސްކޫލުގެ ޓީޗަރުން ހިމެނޭހެން މިއަދު އިހްތިޖާޖުކުރި ކުރުން ކުށްވެރިކޮށް އެޑިއުކޭޝަން މިނިސްޓްރީން ނޫސްބަޔާނެއް ނެރެފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ނޫސްބަޔާނުގައި ވަރަށް ތަފްސީލުކޮށް އެ ސްކޫލުގައި މިހާރު ހިނގަމުންއެދާ ކަންކަމަށް ބަލާލައި އެކަންކަމުގެ ތަފްސީލު ހާމަކޮށްފައިވެއެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވަނީ ޢާޒީ ސްކޫލުގެ އެކި ކަންކަމާ ގުޅޭގޮތުން މި މިނިސްޓްރީއަށް ހުށަހެޅުނު ޝަކުވާތަކުގެ ތެރެއިން ސްކޫލްގެ މުދަލާ ފައިސާ ބެލެހެއްޓުމާ ގުޅުންހުރި މައްސަލަތައް ފާހަގަކުރެވި އެކަންކަން އިތުރަށް ބެލުމަށް މި މިނިސްޓްރީގެ އިންޓާނަލް އޮޑިޓް ސެކްޝަނުން އޮޑިޓެއް ހަދާފައިވާނެކަމަށާއި މި އޮޑިޓްގެ ތެރޭގައި ސްކޫލްގެ މުދަލާއި ފައިސާ ހަރަދުކުރުމުގައި މާލިއްޔަތު ގަވާއިދާ ހިލާފަށް ބައެއް ކަންކަން ހިނގާފައިވާކަން ފާހަގަކުރެވި އެ މައްސަލަތައް ބެލުމަށް އިދާރީ ތަހުގީގެއް ހިންގާފައިވާނެކަމަށެވެ. މި އިދާރީ ތަހުގީގު ކުރިއަށްދިޔަ މަރުހަލާގައި، ބަލަމުންދިޔަ ކަންކަމުގެ އިތުރުން، އިތުރު ކަންކަމުގެ މައުލޫމާތު ލިބި ބަޔާންތައް ނެގުމުގެ މަރުހަލާ ދިގުލައިގެންދިޔަކަމަށާއި ނަމަވެސް މައްސަލައިގެ އިދާރީ ތަހުގީގު ނިމި މައްސަލައިގެ ރިޕޯޓް އެކުލަވާލާ، ރިޕޯޓުން ފާހަގަވިކަންކަމަށް ރިއާޔަތްކޮށް އިހުމާލުވާ މުވައްޒަފުންނަށް އިސްލާހީ ފިޔަވަޅު އެޅުމުގެ މަސައްކަތް ވަނީ ފެށިފައިކަން ފާހަގަކޮށްފައިވެއެވެ.
"ބަޔާންކުރެވުނު މައްސަލަތަކުގެ ރިޕޯޓް ނިމުނުފަހުން ސްކޫލް މެދުވެރިކޮށް ސްކޫލްގެ ދެ މުވައްޒަފަކާ ގުޅޭ ޑޮކިއުމެންޓް ފޯޖުކުރި މައްސަލައެއް މިނިސްޓްރީއަށް ހުށަހެޅި އެ މައްސަލަވެސްދަނީ ބަލަމުންނެވެ. އަދި ސްކޫލްގެ މުވައްޒަރެއް، ސްކޫލަށް ލިބިފައިވާ ޓީވީއެއް ގެއަށް ގެންދިޔަ މައްސަލައެއް މި މިނިސްޓްރީއަށް ހުށަހެޅި، އެ މައްސަލަވެސް މިދަނީ ބަލަމުންނެވެ. މި ދެކަމަކީވެސް އޭގައި ޖިނާއީ ކުށްތަކެއް ހިމެނޭ މައްސަލަތަކަށްވާތީ އެ މައްސަލަތައް މިހާރު އިތުރަށް ތަހުގީގުކޮށްދިނުމަށްއެދި މޯލްޑިވްސް ޕޮލިސް ސާވިސް އަށް ވަނީ ހުށަހަޅާފައެވެ." މިނިސްޓްރީން ބުނެފައިވެއެވެ.
މިނިސްޓްރީގެ ނޫސްބަޔާނުގައި ބުނެފައިވަނީ ސްކޫލްގެ އެޑްމިނިސްޓްރޭޓަރ، މިނިސްޓްރީގެ ޑިޕާޓްމަންޓަކަށް 6 ޑިސެމްބަރު 2022 އިން ވަގުތީ ގޮތުން ބަދަލުކުރެވުނީ، ދިވެހި ސިވިލް ސާވިސްގެ ގަވާއިދު 20214 ގެ 86 ވަނަ މާއްދާގައި ބުނާގޮތުން "އިދާރީ ގޮތުން ގެނެވޭ ބަދަލެއްގެ ސަބަބުން ސަރުކާރު އޮފީހެއްގެ ހިންގުމަށް އެދެވޭ ބަދަލެއް ގެނެވިދާނެކަމަށް މިނިސްޓަރަށް ނުވަތަ ޒިންމާދާރު އިސްވެރިއަކަށް ގަބޫލުކުރެވުނ" މި ނުކުތާއަށް ރިއާޔަތްކޮށް، އެ ފަރާތާ ގުޅޭގޮތުން ފާހަގަކުރެވުނު ކަންކަމުގައި މުވައްޒަފު ޖަވާބުދާރީ ކުރުވުމުގެ މަރުހަލާ ކުރިއަށްދާއިރު ސްކޫލްގެ އެޑްމިނިސްޓްރޭޓަރުގެ މަގާމުގައި އެ ފަރާތް ހުރުމަކީ ސްކޫލަށް އެކަމުން އިތުރު މައްސަލަތައް ކުރިމަތިވެދާނެ ކަމެއްކަމުގައި ފާހަގަކުރެވޭތީ ކަމަށާއި އަދި މި ބަދަލު މިގޮތަށް ގެނެވުނީ ސްކޫލް ހިންގުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ ޕްރިންސިޕަލާ ފޯނުން ގުޅައި އެކަމުގެ މައުލޫމާތު އެ ފަރާތާ ހިއްސާކޮށް މަޝްވަރާކުރުމަށްފަހުގައި ކަމަށެވެ.
"އެޑްމިނިސްޓްރޭޓަރ މި މިނިސްޓްރީގެ ޑިޕާޓްމަންޓަކަށް ވަގުތީ ގޮތުން ބަދަލު ކުރެވުނީ ދެވުނު ޕްރޮމޯޝަނެއްގެ ގޮތަކު ނޫނެވެ. އަދި އެ ފަރާތުގެ ވަޒީފާ މިނިސްޓްރީއަށް ބަދަލުކުރުމެއްގެ ގޮތަކު ނޫނެވެ." މިނިސްޓްރީން ބުނެފައިވެއެވެ.
މި މައްސަލަތަކާ ގުޅިގެން ސްކޫލްގެ އެޑްމިނިސްޓްރޭޓަރ ހިމެނޭގޮތަށް އިސްލާހީ ފިޔަވަޅުތަކެއް އަޅަންޖެހޭ ފަރާތްތަކަށް އިސްލާހީ ފިޔަވަޅު އެޅުމުގެ ކުރިން، ސިވިލް ސާވިސް ގަވާއިދުގައި ބަޔާންކުރާ ޖަވާބުދާރީވުމުގެ ފުރުސަތު އެފަރާތަށް ދެވޭނެ ކަމަށާއި އަދި ޖަވާބުދާރީއާއެކު މުވައްޒަފުންނަށް އިސްލާހީ ފިޔަވަޅު އެޅުމުގެ ކަންކަން ސިވިލް ސާވިސްގެ މަޝްވަރާގެ މަތިން ކުރިއަށް ގެންދެވޭނެ ކަމުގައި އެޑިއުކޭޝަނުން ބުފައިވެއެވެ.
އެޑިއުކޭޝަނުން ބުނެފައިވަނީ މިގޮތަށް އެ މިނިސްޓްރީން އަމަލުކުރަމުންދަނިކޮށް، އަދި މި މިނިސްޓްރީން އަޅަމުންދާ ފިޔަވަޅުތައް ސްކޫލް ހިންގެވުމާ ހަވާލުވެހުރި ފަރާތާ ހިއްސާ ކުރަމުންގެންދަނިކޮށް، އެޑްމިނިސްޓްރޭޓަރަށް ޕްރޮމޯޝަނެއް ދީފައިވާކަމަށްބުނެ ސްކޫލް މުވައްޒަފުންތަކެއް އިހްތިޖާޖު ކުރި މައްސަލަ މިހާރު ބަލަންފަށާފައިވާނެކަމަށެވެ. ކަމުގެ ހަގީގަތް އޮޅުވާލާ، ސްކޫލާއި މިނިސްޓްރީ ބަދުނާމުވާގޮތަށް ދޮގު މައުލޫމާތު މީޑިއާތަކާއި އެހެނިހެން މަންސަތަކުގައި ނުފެތުރުމަށް އިލްތިމާސް ކުރާކަމަށްވެސް ބުނެފައިވެއެވެ. އަދި މިނިސްޓްރީއަށް ހުށަހެޅިފައިވާ މައްސަލަތައް ބަލާ ނިންމުމަށްފަހު ސިވިލް ސާވިސްގެ ގަވާއިދާ އެއްގޮތަށް އެކަންކަމުގައި ޝާމިލުވާ ފަރާތްތަކަށް އިސްލާހީ ފިޔަވަޅު އަޅާނެކަމުގައިވެސް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް