ރައީސް ސޯލިހު، ގަތަރު ދަތުރުފުޅުގައި އުރީދޫ ގްރޫޕުގެ އިސްވެރިންނާއި ބައްދަލު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ގަތަރަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، އުރީދޫ ގްރޫޕްގެ މެނޭޖިން ޑިރެކްޓާ އަދި ސީއީއޯ ޢަޒީޒް އަލްއުޘްމާން ފަޚްރޫއާ، އުރީދޫ ގުރޫޕްގެ އިސް...

14 Dec 2022 | 09:05

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ގަތަރަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، އުރީދޫ ގްރޫޕްގެ މެނޭޖިން ޑިރެކްޓާ އަދި ސީއީއޯ ޢަޒީޒް އަލްއުޘްމާން ފަޚްރޫއާ، އުރީދޫ ގުރޫޕްގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅަކީ ގަތަރުގެ އަމީރު ޝެއިހް ތަމީމް ބިން ހަމަދު އައްޡާނީގެ ދަޢުވަތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ. މީ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތުގެ މެޗުތަކެއް ބައްލަވާލައްވަން ދެއްވި ދައުވަތެކެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް  ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖެ އާއި ޤަޠަރާއި ދެމެދު އޮތް ބަދަހިގުޅުމާއި، ޢިތުބާރާއި، އެހީތެރިކަމުގެ މައްޗަށް އަލިއަޅުއްވާލެއްވި އެވެ. އަދި އުރީދޫ މޯލްޑިވްސް އަކީ، ދިވެހިރާއްޖޭގެ އެންމެ ބޮޑު އެއް ޓެލެކޮމިއުނިކޭޝަން ކުންފުނިކަންވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ޓެކްނޮލޮޖީގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގައި އެކުންފުންޏަކީ މުހިއްމު ދައުރެއް އަދާކުރާ ކުންފުންޏެއް ކަމަށާ، ދިވެހިރާއްޖެ އާއި ޤަތަރުގެ އާއްމު ތަރައްޤީގެ ބައިވެރިއެއްކަމުގައިވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އުރީދޫގެ އިޖުތިމާޢީ ޒިންމާގެ ދަށުން، ޞިއްޙީ ދާއިރާއާ، ފައިދާހުރިކާނާއާ، އަންހެނުން ބާރުވެރިކުރުވުމާއި، ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް، އުރީދޫއިން މޯލްޑިވްސްއިން ކުރައްވާ މަސައްކަތްތަކައް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އެ ކުންފުނީގެ ޑިޖިޓަލް ލިޓަރެސީ ޕްރޮގްރާމާއި، ޒުވާނުންގެ އުފެއްދުންތަކަށް ޕްލެޓްފޯމެއް ހޯދައިދިނުމުގެ ގޮތުން ހިންގާ އެކްސެލެރޭޓަރ ޕްރޮގްރާމާއި، ޑިޖިޓަލް ރާއްޖެއެއް ބިނާކުރުމުގައި ހުރި ހުރަސްތައް ނައްތާލުމާއި، ހުޅުމާލެ "ސްމާޓް ސިޓީ" އިނީޝިއޭޓިވްއާ ބެހޭގޮތުން ވެސް ވާހަކަފުޅު ދެއްކެވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން، ދެބޭފުޅުން ވަނީ، އުރީދޫއިން އެންމެ ފަހުގެ ޓެކްނޮލޮޖީ އާއިއެކު ޚިދުމަތްތައް ފުޅާކޮށް، އެކުންފުނީގެ ފަރާތުން ދިވެހި މުޖުތަމަޢަށް ފޯރުކޮށްދޭ އެހީތަށް އިތުރުވެންދާނެ ކަމަށް އުއްމީދު ކުރައްވާކަމުގައި ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް