ޝިއާއުގެ މަރު: ޝާހިލަށް ދައުވާ ކުރުމާއި މެދު މި މަހު ގޮތެއް ނިންމަނީ!

މިދިޔަ އޮގަސްޓު މަހު ފުވައްމުލަކު ސިޓީއަށް ނިސްބަތްވާ ޝިއާއު ސައީދު މަރާލި މައްސަލައިގަ ދައުވާ ކުރުމާއި މެދު މިމަހު ގޮތެއް ނިންމާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ. ޝިއާއު މަރާލީ އ...

14 Dec 2022 | 08:48

މިދިޔަ އޮގަސްޓު މަހު ފުވައްމުލަކު ސިޓީއަށް ނިސްބަތްވާ ޝިއާއު ސައީދު މަރާލި މައްސަލައިގަ ދައުވާ ކުރުމާއި މެދު މިމަހު ގޮތެއް ނިންމާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

ޝިއާއު މަރާލީ އޮގަސްޓް ހަވަނަ ދުވަހުގެ ރޭ ހެންވޭރު ގެއެއްގެ އެޕާޓްމެންޓެއްގެ ތެރޭގައި އެވެ. މި މައްސަލައިގަ ޝިއާއު މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރީ އޭނާގެ ލޯބިވެރިޔާ ކަމަށްބުނާ ޒުވާން ސްކޭޓަރު، އަލީ ޝާހިލް އެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝާފީއު، "ދުވަސް" އަށް ވިދާޅުވީ މި މައްސަލައިގަ ޝާހިލް އާއި ދެކޮޅަށް ދައުވާ ކުރުމާއި މެދު މި މަސް ނިމުމުގެ ކުރިން ގޮތެއް ނިންމާނެ ކަމަށެވެ. މި މައްސަލައިގަ ހައްޔަރުކޮށް ދައުވާ ކޮށްދިނުމަށް އެދިފައިވަނީ ޝާހިލްގެ މައްޗަށް އެކަންޏެވެ.

ޝިއާއު މަރާލާފައި އޮއްވަ ފެނުނު އެޕާޓްމެންޓަކީ ޝާހިލް ކުއްޔަށް ހިފާފައި ހުންނަ ތަނެކެވެ. މި މައްސަލައިގަ އޭނާ ބަންދުކޮށްފައި ހުރީ ޝަރީއަތް ނިމެންދެންނެވެ.

ހާދިސާ ހިނގި ރޭ ޝާހިލް ހައްޔަރު ކުރި ނަމަވެސް މިހާތަނަށްވެސް އެ މައްސަލައިގަ އޭނާ މާގިނަ ވާހަކަ ދައްކާފައިއެއް ނުވެ އެވެ.

ފުލުހުން މީގެ ކުރިން ބުނީ ޝާހިލްގެ ފޯނުން މައުލޫމާތު ހޯދަންވެސް އޭނާ ޕާސްވޯޑު ނުދީ ހުރަސް އެޅި ކަމަށެވެ. އަދި ފުލުހުންނާއި މުއާމަލާތް ކުރި ނަމަވެސް ޝިއާއުގެ މަރާއި ގުޅޭގޮތުން ކުރާ ސުވާލުތަކަށް ޖަވާބު ނުދޭ ކަމަށް ބުނެފައިވެ އެވެ.

ޝިއާއުގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ރިޕޯޓާ ހަވާލާދީ ފުލުހުން ބުނެފައި ވަނީ އޭނާ މަރުވެފައި ވަނީ ހަށިގަނޑަށް ގަސްތުގައި ދީފައި ހުރި އަނިޔާތަކެއްގެ ސަބަބުން ކަމަށެވެ. އަދި އޭނާ މަރުވި ފަހުން ވެސް ހަށިގަނޑަށް ވަރަށް ގިނަ އަނިޔާތަކެއް ދީފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

އެ އެޕާޓްމެންޓުން ސާހިލް ހައްޔަރު ކުރި އިރު އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް ފުލުހުން ބުނެ އެވެ. އަދި ބައެއް މީހުން އޭނާ އަކީ ނަފްސާނީ މައްސަލަ ހުންނަ މީހެއް ކަމަށް ބުންޏަސް ފުލުހުން އެކަން ދޮގު ކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް