ލ. ގަމު ތުނޑީ އަވަށުގައި މިސްކިތެއް ޢިމާރާތްކުރުމަށް ފެޑޯ ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިއީ އަންހެނުންނާއި ފިރިހެނުންނަށްވެސް ނަމާދު ކުރެވޭނެހެން އިމާރަތްކުރާ 700 މީހުންގެ ޖާގައިގެ މިސްކިތެއް ކަަމަށެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިއީ އެއްއަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ފެޑޯ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން ސަރުކާރުގެ ބަޖެޓުން 16.8 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢު އެއްކަމަށެވެ.
ލ. ގަމު ތުނޑީ އަވަށުގައި މިސްކިތެއް އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީއާއި، މިނިސްޓްރީގެ އިސްވެރިންނާއި، ލ. ގަމު ދާއިރާގެ މެންބަރު މުޙައްމަދު ވިސާމްއާއި ފެޑޯ ޕްރައިވެޓް ލިމިޓެޑުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި މިސްކިތްތައް ޢިމާރާތްކުރުމަށް ސަރުކާރުން ކުރިއަށް ގެންދަވާ މަސައްކަތްތަކަށް ބައްލަވާލައްވާ، މިސްކިތްތައް ޢިމާރާތްކުރައްވާ ބޭފުޅުން، އެއްބަސްވުމުގައި ކަނޑައެޅިފައިވާ ދުވަހަށް މަސައްކަތް ނިންމެވުމަށް އެދިވަޑައިގެންނެވިއެވެ. އަދި މިހާރު އަލަށް ޢިމާރާތްކުރެވޭ މިސްކިތްތަކަކީ ތަފާތު ރީތި ޑިޒައިންތަކަށް ބިނާކުރެވޭ އިމާރާތްތަކެއްކަން ފާހަގަކުރައްވާ އެ ޑިޒައިންތަކާއި އެއްގޮތަށް، ކޮލިޓީކޮށް ކަނޑައެޅިފައިވާ މުއްދަތަށް މިސްކިތްތަކުގެ މަސައްކަތް ނިންމުމަކީ ސަރުކާރުން ބާރުއަޅުއްވާ ކަމެއްކަމަށް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ލ.ގަމު ދާއިރާގެ މެންބަރު މުޙައްމަދު ވިސާމް ދެއްކެވި ވާހަކަފުޅުގައި ސަރުކާރުން މިސްކިތްތައް ބިނާކުރުމަށް ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވާ ސަރުކާރަށް ޝުކުރުއަދާކުރެއްވިއެވެ. އަދި ގަމުގައި ބިނާކުރެވުނު މިސްކިތުގެ މަސައްކަތް ހިނގަމުންދިޔަ ގޮތް އިސްލާމިކް މިނިސްޓްރީން ވަރަށް ގާތުން ބައްލަވާ، އެކަމަށް ބެހެއްޓެވި އަހަންމިއްޔަތުކަން ފާހަގަކުރައްވާ، މިހާރު ގަމުގައި އިމާރާތްކުރަން އެއްބަސްވެވުނު މިސްކިތުގެ ސަބަބުން އެ ރަށުގެ މިސްކިތްތަކުގެ ޖާގައިގެ ދަތިކަން ހައްލުވާނެކަމަށް ވިދާޅުވިއެވެ.
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޖަލްސާކުރާ މާލަމުގައި މިއަދު ބޭއްވި މި ރަސްމިއްޔާތުގައި މިސްކިތް އިމާރާތްކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީއެވެ. ފެޑޯ ޕްރައިވެޓް ލިމިޓެޑުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ފަޔާޒްއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް