ޝަކުވާތަކަކާއި ތުހުމަތު ތަކަކާއެކު ހުޅުމާލޭ ގާޒީ ސްކޫލުގެ ޓީޗަރުން އެ ސްކޫލްގެ މެނޭޖްމެންޓާއި ދެކޮޅަށް މިއަދު މުޒާހަރާކޮށްފިއެވެ.
މި މުޒާހަރާގައި ޓީޗަރުންނާއި މުވައްޒަފުން ހިމެނޭހެން ގިނަ އަދަދެއްގެ މީހުން ބައިވެރިވި އެވެ. އެމީހުން ސްކޫލްތެރޭގައި ކުރި މުޒާހަރާގައި މައްސަލަތައް ފާހަގަކޮށް ލިޔެފައިވާ ގަނޑުތައް ގެންގުޅުނެވެ.
މުޒާހަރާގެ ބައިވެރިން ބުނީ މެނޭޖްމެންޓާއި ދެކޮޅަށް އަޑު އުފުލަން ޖެހުނު ސަބަބުތަކުގެ ތެރޭގައި ބެލެނިވެރިންގެ ބުރަ މަސައްކަތުން ސްކޫލަށް ހަދިޔާ ކުރި ޓީވީތަކުގެ ތެރެއިން ތިން ޓީވީއަށް ވީނުވީއެއް ނޭނގި ގެއްލިފައވާތީ ކަމަށެވެ. ކުދިންގެ މައުލޫމާތު ބަދަލު ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ހަދާފައިވާ މިމިސް ހެކްކޮށްފައިވާ ކަމަށާއި އެކަމަށް ޒިންމާވާނެ މީހަކު ނެތް އިރު ޓީޗަރުން ތިބީ ރިޕޯޓު ފޯމު ނުހެދިފައި ކަމަށެވެ.
އެ ސްކޫލްގައި ހަދާފައިވާ ޓާފު ދަނޑު ކުއްޔަށް ދޭއިރު އޭގެން ލިބޭ ފައިސާ ވަންނަތަން ނޭނގޭ ކަމަށްވެސްބުންޏެވެ. އަދި ކުދިންގެ ސަލާމަތާއި ގުޅުން ހުރި ކަންކަމާއި ކިޔެވުމާއި ގުޅުން ހުރި ސާމާނު ހޯދުމުގައިވެސް މެނޭޖްމެންޓު އިހުމާލުވެފައިވާ ކަމަށް ބުނެފައިވެ އެވެ.
އެގޮތުން ހަތަރު ފަންކާއެއް ކިޔަވައި ދެމުން ދަނިކޮށް ވެއްޓުނު ކަމަށް ބުންޏެވެ. އަދި ބަޖެޓު ނެތިގެން ކާޓްރިޖް ފަދަ ތަކެތި ނުގަނެ ހުރި ކަމުގެ ޝަކުވާވެސް ކުރި އެވެ.
މީގެ އިތުރުން އެޑްމިނިސްޓްރޭޓިވް އޮފިސަރު މެޑިކަލް ސެޓްފިކެޓުތަކެއް ފޯޖުކޮށް ހުށަހެޅި މައްސަލައިގަ މިނިސްޓްރީން އެއްވެސް ފިޔަވަޅެއް ނާޅާތީވެސް ކަންބޮޑުވުން ފާޅު ކުރި އެވެ.
މި މުޒާހަރާ ކުރީ މިއަދު ދެ ސެޝަން ދޭތެރޭގައި އެވެ. "ދުވަސް" އަށް މައުލޫމާތު ދެމުން މުޒާހަރާގައި ބައިވެރިވި ގާޒީ ސްކޫލް ޓީޗަރުން ބުނީ މިއަދަކީ މުޒާހަރާތަކުގެ ފެށުން ކަމަށެވެ. މައްސަލަތައް ހައްލުކޮށްދެންދެން ކޮންމެވެސް ސިފައެއްގައި އެ ހަރަކާތްތައް ކުރިޔަށް ގެންދާނެ ކަމަށް ބުންޏެވެ.
މި މުޒާހަރާއާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން އަދި އެއްޗެއް ނުބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް