ރައްޔިތުންނާ ގުޅުން ހުރި ގިނަ ހަރަކާތްތަކެއް ހިންގޭނެ ގޮތަށް ހުޅުމާލޭގައި ކޮމިއުނިޓީ ހަބްއެއް ޤާއިމުކުރަން ނިންމައިފިއެވެ.
ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކާއި އެކި ބޭނުންތަކަށް ހުޅުމާލެއަށް ޒިޔާރަތް ކުރާ ފަރާތްތަކާއި ގުޅިގެން ގިނަ ހަރަކާތްތަކެއް ހިންގޭނެ ގޮތަށް ފަރުމާ ކުރެވިފައިވާ ކޮމިއުނިޓީ ހަބްއެއް ގާއިމު ކުރުމަށް އަލޯހާ ކްލަބް އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.
އެޗްޑީސީން ބުނީ ހުޅުމާލޭ ބީޗް ސަރަހައްދުގައި ގާއިމު ކުރާ އެ ހަބްއަކީ 406.23 އަކަ ފޫޓުގެ ބިމެއްގައި އިމާރަތްކުރާ ހަބްއެއް ކަމަށެވެ.
އަދި ކުޑަކުދިންނަށް ހާއްސަ ކޮށްގެން މޫދުގެ ހަރަކާތްތަކާއި ޒުވާނުންގެ ކުރިއެރުވުމަށް ލައިފް ސްކިލް ޕްރޮގްރާމްތަކާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވެސް ގިނަ ހަރަކާތްތަކެއް އެ ހަބުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން ހާމަކުރެއެވެ.
މީގެ އިތުރުން އެޗްޑީސީން ބުނީ ވަކިން ހާއްސަކޮށް ތިމާވެއްޓަށް ގެއްލުންވާ ކަންކަމަށް ހޭލުންތެރިކަން އިތުރު ކުރުމަށާއި ޒުވާނުން އަދި ކުޑަކުދިންނަކީ ތިމާވެއްޓަށް ލޯބި ޖެހިފައި ތިބި ބަޔަކަށް ހެދުމަށް ވެސް ހާއްސަ އިސްކަމެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް