ފައިސަލް އަދިވެސް ވެންޓިލޭޓަރުގައި، ހާލު ސީރިއަސް: ކޭއާރުއެޗް

ހދ. ނޮޅިވަރަމްގައި އުމުރުން 28 އަހަރުގެ ނިޝާމާ މުހައްމަދު މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުއްޓަ އަމިއްލައަށް މަރުވާ އުޅުނު އޭނާގެ ފިރިމީހާ އަބޫބަކުރު ފައިސަލް އަދިވެސް އޮތީ ވެންޓިލޭޓަރުގަ...

14 Dec 2022 | 07:32

ހދ. ނޮޅިވަރަމްގައި އުމުރުން 28 އަހަރުގެ ނިޝާމާ މުހައްމަދު މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުއްޓަ އަމިއްލައަށް މަރުވާ އުޅުނު އޭނާގެ ފިރިމީހާ އަބޫބަކުރު ފައިސަލް އަދިވެސް އޮތީ ވެންޓިލޭޓަރުގައި ކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލު (ކޭއާރުއެޗް) އިން ބުނެފި އެވެ.

ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށް ފައިސަލް ބަންދުކޮށްފައި ހުރީ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި އެވެ. ފުލުހުން ބުނީ އިިއްޔެރޭ އޭނާ ހުރި ގޮޅީގައި ދަން ޖެހިގެން މަރުވާން މަސައްކަތް ކުރި ކަމަށެވެ.

ކޭއާރުއެޗްގެ މީޑިއާ އޮފިޝަލް މުހައްމަދު މޫސާ، "ދުވަސް" އަށް މިއަދު ވިދާޅުވީ ފައިސަލަށް އަދިވެސް ފަރުވާދެމުންދަނީ އައިސީޔޫގައި ކަމަށެވެ. އަދި މިހާރުވެސް އޭނާ އޮތީ ވެންޓިލޭޓަރުގައި ކަމަށާއި ހާލު ސީރިއަސްއިރު، އިއްޔެ ހާލަތަށް އެއްވެސް ބަދަލެއް ކަމަށް ވިދާޅުވި އެވެ.

އޭނާ ދަންޖެހެން މަސައްކަތް ކުރީ އިއްޔެރޭ 11:15 ހާއިރު އެވެ.

ނިޝާމާގެ މަރާއި ގުޅިގެން ފައިސަލް ހައްޔަރު ކުރީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އެވެ. އެ ކުށަށް އޭނާ އިއުތިރާފުވިކަމެއް އަދި ނިޝާމާގެ މަރާއި ފައިސަލް އާއި އެއްވެސް ގުޅުމެއް އޮތް ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ފުލުހުން ވަނީ ނިޝާމާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަން ނިންމައި ހަށިގަނޑު އިއްޔެ މާލެ ގެނެސްފައި އެވެ. އެކަމަކު ޕޯސްޓްމޯޓަމް ހަދަން ރާއްޖެއިން ބޭރަށް ހަށިގަނޑު ފޮނުވޭނެ ދުވަހެއް ނޭނގޭ ކަމަށް ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް