އާފެށުމަކަށް މިއަދު ހަދަމާ ހެއްޔެވެ!

އަމިއްލަ ނަފްސު ފިޔަވައި ތިމާއަކީ ކޮންކަހަލަ މީހެއްކަން އެންމެ ރަނގަޅަށް ދަންނަ ދެވަނަ މީހަކުނުވާނެއެވެ. ތިމާގެ ކިބައިގައިވާ އުނިސިފަތަކާއި ރަނގަޅުކޮށްލަންޖެހޭ ކަންތައްތަކެވެ. ކުރެވޭނެކަން ޔަގީންވާ އެ...

14 Dec 2022 | 05:58

އަމިއްލަ ނަފްސު ފިޔަވައި ތިމާއަކީ ކޮންކަހަލަ މީހެއްކަން އެންމެ ރަނގަޅަށް ދަންނަ ދެވަނަ މީހަކުނުވާނެއެވެ. ތިމާގެ ކިބައިގައިވާ އުނިސިފަތަކާއި ރަނގަޅުކޮށްލަންޖެހޭ ކަންތައްތަކެވެ. ކުރެވޭނެކަން ޔަގީންވާ އެހެންނަމަވެސް ނުވެ ހުރި ކަންތައްތަކާއި ދެކޭ މޮޅު ހުވަފެންތަކެވެ. އެކަންތައް ހާސިލުކުރުމަށް އަޅާ ވަގުތީ ފިޔަވަޅެއްގެ ގޮތުގައި މިލިޔުން ހަދާށެވެ.

މާދަމާއަށް ފަސްނުކުރާށެވެ.

ފަސްކުރެވުން ނުވަތަ 'ޕޮރޮކްރާސްޓިނޭޓް' ކުރެވޭހެއްޔެވެ. ކުރެވޭނަމަ އެކަން ނުކުރުމަށް މަސައްކަތްކުރާނެ ފުރަތަމަ ދުވަސް ކަމުގައި މިއަދު ހަދާށެވެ.ނުވާނެ އެއްވެސްކަމެއް ނުހުންނާނެކަމުގައި ގަބޫލުކުރަންވާނެއެވެ. އެހެންނަމަވެސް ފަސްކުރާނަމަ އެއްވެސް ކަމެއް ހާސިލްނުވާނެކަންވެސް ހަނދާނުގައި ބަހައްޓަންވާނެއެވެ. ފަހަރުގައި އެ ސިފައިން ދުރުވެވުމުގެ ހިތްވަރަކަށް މިވިސްނުން ވެދާނެއެވެ.

އާހިތްވަރަކާއިއެކު ފަށާށެވެ.

ދިރިއުޅުމުގެ އުސްލޫބު ބަދަލުކުރުމަކީ ކުރެވޭނެކަމެކެވެ. ބޭނުންވާނީ ހިތްވަރެވެ. ތިމާ އުޅެމުންދާ ގޮތް ބަދަލުކޮށްލާނެ ތަސައްވުރެކެވެ.އެއަށްފަހު އަނެއްކާވެސް އެގޮތަކަށް މަސައްކުރާނެ ހިތްވަރެވެ. އިސްކަންދޭންވާނީ ކުދިކުދި ކަންކަން ރަނގަޅުކުރުމަށެވެ. ނުވަތަ ހާސިލުކުރުމަށެވެ. އޭރުން ބޮޑެތި ކަންކަމަށް ފަހިވާ މަގެއްކަމުގައި އެކަންތައްތައް ވެގެންދާނެވެ.

ފުރަތަމަ ވިސްނާނީ ކުދިކުދި ކަންކަން ރަނގަޅުކުރުމަށެވެ.

ކުރަން ބޭނުންވާ ބޮޑެތި ކަންކަން ހާސިލުކުރުމަށް ކުރެވޭނެ ކުދިކުދި ކަންކަން ދެނެގަނެ އެކަންތައް ކުރުމަށް މިއަދު ފަށާށެވެ. ޑިއުޓީއަށް ދެވެނީ ކޮންމެ ދުވަހަކު ގަޑި ޖެހިގެންނަމަ، ހޭލާ ގަޑީގެ 20 މިނެޓް ކުރިން ހޭލަން އަޒުމުކަނޑައަޅާށެވެ. ކަމަކަށް ފައިސާ އެއްކުރަންބޭނުންވާނަމަ ކޮންމެ ހަފްތާއަކުވެސް ގަވާއިދުން ކުޑަ މިންވަރެއް ފޮރުވަން ފެށިދާނެއެވެ. ދިރިއުޅުމުގައި އެއްގޮތަކަށްވެސް ވަގުތު ބޭކާރު ނުކުރާށެވެ.

މާދަމާއަށް ލަސްނުކޮށް އާހިތްވަރާކާއެކު ބޭނުންވާކަމެއްގެ މިސްރާބަށް މިއަދު މަސައްކަތް ފަށާށެވެ. ބޭނުންވާ އަޒުމަކަށްޓަކައެވެ. ކަނޑައަޅައިފައިވާ ގޯލްތައް ހާސިލުކުރުމުގެ އުއްމީދުގައެވެ.އެހެންކަމުން މިއަދު ދިރިއުޅުމުގެ ކަންތައްތަކާއިމެދު ވިސްނާލުމަށް 'ބިޒީ ޝެޑިއުލުން'  10 މިނެޓް ނިކަން ހުސްކޮށްލަބަލާށެވެ. އެއަށްފަހު ބޭނުންވާ ގޮތަށް ދިރިއުޅުން ބަދަލަކުރުމަށް ކުރެވޭނެ ކަންތައްތަކާއި ކޮށްގެން ނުވާނެ ކަންތައްތައް ފަށާނެ ދުވަހެއްކަމުގައި މިއަދު ހަދަމާހެއްޔެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް