ވޯލްޑް ކަޕް 2022: މެސީގެ މޮޅު ކުޅުމާއި އެކު ކްރޮއޭޝިއާ ބަލިކޮށް އާޖެންޓީނާ ފައިނަލަށް

ފީފާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގެ ސެމީފައިނަލުގައި ރޭ ކްރޮއޭޝިއާ ބަލިކޮށް މުބާރާތުގެ ފައިނަލަށް އާޖެންޓީނާއިން ދަތުރުކޮށްފިއެވެ. ލުސައިލް ސްޓޭޑިއަމުގައި ރޭ ކުޅުނު މެޗު އާޖެންޓީނާއިން ކާމިޔާބު ކުރީ ...

14 Dec 2022 | 04:30

ފީފާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގެ ސެމީފައިނަލުގައި ރޭ ކްރޮއޭޝިއާ ބަލިކޮށް މުބާރާތުގެ ފައިނަލަށް އާޖެންޓީނާއިން ދަތުރުކޮށްފިއެވެ.

ލުސައިލް ސްޓޭޑިއަމުގައި ރޭ ކުޅުނު މެޗު އާޖެންޓީނާއިން ކާމިޔާބު ކުރީ 0-3 ގެ ނަތީޖާއިންނެވެ.

މިއީ 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވުނު ވޯލްޑް ކަޕްގެ ފައިނަލަށް ފަހު އާޖެންޓީނާއިން މި މުބާރާތުގެ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. 2014 ވަނަ އަހަރުގެ މުބާރާތުގައި އާޖެންޓީނާއިން ފައިނަލުގައި ބައްދަލުކުރީ ޖަރުމަނާއެވެ. އެ މެޗު 0-1 އިން ކާމިޔާބު ކޮށް ތަށި ނެގީ ޖަރުމަނުންނެވެ.

މި މެޗުގައި އާޖެންޓީނާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔައިރު، އެޓީމުގެ ފުރަތަމަ ގޯލް މެޗުގެ 32 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ކެޕްޓަން ލިއޮނަލް މެސީ އެވެ. މި ޕެނަލްޓީ އަކީ އާޖެންޓީނާގެ ފޯވާޑް ޖޫލިއަން އަލްވަރޭޒަށް ކްރޮއޭޝިއާގެ ގޯލްކީޕަރު ޑޮމިނިކް ލިވާކޮވިޗް ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްތީއެކެވެ. މިއީ މި މުބާރާތުގައި މެސީ ކާމިޔާބުކުރި ފަސްވަނަ ގޯލެވެ. މި މުބާރާތުގައި މެސީ ކާމިޔާބު ކުރި ފަސް ގޯލުގެ ތެރެއިން ތިން ގޯލަކީ ޕެނަލްޓީގައި ކާމިޔާބު ކުރި ތިން ގޯލެވެ.

މި ގޯލަށްފަހު އާޖެންޓީނާ އިން މެޗުގެ ކޮންޓްރޯލް ހޯދައި ރަނގަޅަށް ކުޅުނުއިރު، މެޗުގެ 39 ވަނަ މިނެޓްގައި އަލްވަރޭޒް ވަނީ އެޓީމުގެ ދެވަނަ ގޯލް ކާމިޔާބުކޮށްދީ ލީޑު ފުޅާކޮށް ދީފަ އެވެ. އަލްވަރޭޒް މި ގޯލް ކާމިޔާބުކުރީ އާޖެންޓީނާ އިން އުފެއްދި ކައުންޓަ އެޓޭކެއްގައެވެ.

ދެ ގޯލުގެ ލީޑަކާއި އެކު މެޗުގެ ފުރަތަމަ ހާފު އާޖެންޓީނާއިން ނިންމާލިއިރު، އެޓީމުގެ ތިން ވަނަ ލަނޑު މެޗުގެ 69 ވަނަ މިނެޓުގައި ޖަހާ މުބާރާތުގެ ފައިނަލުގެ ޖާގަ ކަށަވަރުކުރީ މެޗުގައި އާޖެންޓީނާއަށް ދެވަނަ ގޯލުވެސް ކާމިޔާބު ކުރި އަލްވަރޭޒް ކާމިޔާބު ކޮށްދިން ގޯލުންނެވެ.

މިއީ  އާޖެންޓީނާއިން ވޯލްޑް ކަޕް ތާރީޚުގައި ފައިނަލް ކުޅޭ 6 ވަނަ ފަހަރެވެ. ފައިނަލުގައި އާޖެންޓީނާ ބައްދަލުކުރަން ޖެހޭނީ މިރޭ ފްރާންސް އަދި މޮރޮކޯ ބައްދަލުކޮށް މޮޅުވާ ޓީމަކާއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް