ވާހަކަ: އެދެވޭތީ އަދު ބުނަމޭ – އަށާރަވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... ރޫބީގެ ދެލޮލުން ފޭބި ކަރުނައާ އެކު އެމާ މޭގައި ޖައްސައިލިގޮތުންވެސް އަދިވެސް ރޫބީ ލޯބިވަނީ އޭނާދެކެ ކަން ސައިފްއަށް ޔަގީންވިއެވެ. އަދި ރޫބީ އާކިން އާ ކައިވެނި ކުރީ މަޖުބޫރުވެގެ...

14 Dec 2021 | 13:21

ކުރީގެ އަދަދާއި ގުޅޭ...

ރޫބީގެ ދެލޮލުން ފޭބި ކަރުނައާ އެކު އެމާ މޭގައި ޖައްސައިލިގޮތުންވެސް އަދިވެސް ރޫބީ ލޯބިވަނީ އޭނާދެކެ ކަން ސައިފްއަށް ޔަގީންވިއެވެ. އަދި ރޫބީ އާކިން އާ ކައިވެނި ކުރީ މަޖުބޫރުވެގެންކަންވެސް ޔަގީންކުރެވުނެވެ. ރޫބީ ކައިރިއަށް ދާން ފިޔަވަޅެއް އަޅައިލުމާއެކު އެތަނަށް މީހެއް އައިސް ހުއްޓުމުން ސައިފް މަޑުޖެހުނެވެ. ހަމަ އެވަގުތު ޓެރަސް މަތީގައި ރޫބީ ހަރަކާތްތަކަށް ބަލަހައްޓައިގެން ހުރި އާކިން ފެނި އެއްވެސް މީހަކަށް ނުފެންނާނެހެން ނިވައިވެލިއެވެ. ރޫބީ އެދިމާލަށް ބަލައިލި ވަގުތު ރޫބީ އަށް ފެނިލަން ސައިފް ބޭނުންވިއެވެ. ރޫބީ ގޮސް ގޭތެރެއަށް ވަންނަންދެންވެސް ސައިފް އެތަނުގައި ހުއްޓެވެ.

*****************

އެންމެފަހުން ހަތިޔާރު ބަހައްޓަން ޖެހުނީ އާކިންއަށެވެ. ދެރެއަކު ލައިބްރަރީ ގައި ނިދިއެވެ. އެކަމުން އޭނާއަށް ލިބުނީ އިތުރު ވޭނެކެވެ. ކަނދުރާ އާއި ގައިގައި ރިއްސަން ފެށުމުން އޭނާއަށް މަޖުބޫރުވީ އެނބުރި ކޮޓަރިއަށް ނިދަން ދިއުމަށެވެ. ރޫބީ އާ އެއް އެނދެއްގައި ނިދިނަމަވެސް އޭނާގެ ބައި ވަކި ކުރުމުގެ ގޮތުން އެދެމެދުގައި ކަންނެޔޮ ބާއްވާފައި އޮވެއެވެ. އާކިން އެންމެ ރުޅި އަންނަނީ ކޮންމެ ދުވަހަކު ހޭލެވޭއިރު އޭގައި ރޫބީ ބައްދައިގެން އޮންނާތީއެވެ. އެކަމާ ހުރެ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ދެމީހުން ކޫސަނި ޒުވާބުތަކެއް ކުރެއެވެ.

ވޭތުވެދިޔަ ދުވަސްތަކުގައި އެކި ގޮތްގޮތުން އޮފީހަށް ނިކުމެވޭތޯ އާކިން މަސައްކަތް ކޮށްފިއެވެ. އައްބާސް އަށް ގުޅައިގެންވެސް އެދެވޭ ކަހަލަ ޖަވާބެއް ނުލިބުނެވެ. އަރީކްވެސް އެކަމަށް އެއްގޮތަކަށްވެސް އެއްބަހެއް ނުވެއެވެ. އަމްރާ އާ ވާހަކަ ދެއްކުމުން އޭނާވެސް ވާހަކަ ދެއްކީ އަރީކާއި އައްބާސްގެ ކޮޅަށެވެ. ގޭގައި އިނދެ އިނދެ މިހާރު އާކިން މޮޔަވާން ގާތްވެއްޖެއެވެ. ކައިވެންޏަށް މިވީ އެއްމަސް ދުވަސް ތެރޭގައި އެގޭތެރެއިން އޭނާއަށް ކުޑަވެސް ހިތްހަމަޖެހުމެއް ނުލިބެއެވެ. އެންމެ ގާތް ރަހުމަތްތެރިންވީ މިވަގުތު ޗުއްޓީ ހޭދަކޮށްލަން އެހެން ގައުމަކަށް ގޮސްފައިކަމަށްވުމުން ބޭރަށް ނިކުމެވޭކަށްވެސް ނެތެވެ. އެމީހުން އަންނާނީ އަދި ދެހަފްތާއެއްހާ ފަހުންނެވެ. އައްބާސްގެ އެދުމުގެ މަތިން ރަށަށް ނުދެވުނު ނަމަ މިހާރު އޭނާވެސް ހުންނާނީ ރަޙުމަތްތެރިންނާއެކު ބޭރު ގައުމެއްގައެވެ. ރަށައް ދިޔުން ކެންސަލް ކޮށްލާފައި އެމީހުންނާއެކު ދެވުނު ނަމައޭ މިހާރު ހިތަށް އަރައެވެ. އޭރުން ފަހަރެއްގައި މިއަދު ނަޖުވާ ހުންނާނީ އޭނާގެ މީހެއްގެ ގޮތުގައެވެ.

މިއަދުވެސް ރޫބީ މާގަސް ތަކުގެ ތެރެއަށް ނިކުތެވެ. މިހާރު އެއީ ރޫބީގެ ކޮންމެ ދުވަހެއްގެ އާދައެއް ކަހަލައެވެ. ކޮންމެ ދުވަހަކުވެސް އޭނާ އެނބުރި ގޭތެރެއަށް ވަންނަނީ ސައިމަލެއް ހިފައިގެންނެވެ. އެކަން އެގޮތަށް ކުރެވޭތީ ރޫބީ އިންތިހާއަށް ދެރަވެއެވެ. ކައިވެނީގެ ފަހުން ސައިފް މަތިން ހަނދާން ނައްތާލުމަކީ އޭނާ ކަނޑައެޅި އެންމެ ބޮޑު އަޒުމެވެ. އެހެންނަމަވެސް މިހާރު ދުވަހަކަށް ވުރެ ދުވަހެއް އޭނާގެ އަޒުމު ގުޑަން ފަށައިފިއެވެ. އެތަނަށް އައިސް ސައިފްގެ ހަނދާންތައް ކޮށްލެވުމުން ރޫބީގެ ހިތަށް ހަމަޖެހުން ލިބެއެވެ. ދެރަވަނީ ފާފައެއް ކަން އެނގޭއިރުވެސް އެކަން އެގޮތަށް ކުރެވޭތީއެވެ.

ރޫބީ ނިކުންނަ ގަޑިއަށް ކޮންމެ ދުވަހަކު އެތަނަށް ދިއުމަކީ ސައިފްގެވެސް އާދައަކަށް ވެއްޖެއެވެ. ދުރުންވެސް ރޫބީއަށް ބަލައިލެވުމުން ސައިފްއަށް ހިތްހަމަޖެހުން ލިބެއެވެ. އެތައް ދުވަހަކު ރޫބީ ކައިރިއަށް ގޮސް ވާހަކަ ދައްކަންވެސް ހިތަށް އެރިއެވެ. އެކަމަކު އެކަމަށް އަދި ހިތްވަރެއް ނުލިބެއެވެ. މިވަގުތު ސައިފަށް އެންމެ އުނދަގޫ ކަމަކަށްވެފައިވަނީ ނަޖުވާ ބެލެހެއްޓުމެވެ. އެގޮތަކަށް ކިހާ ދުވަހަކު ނަޖުވާ ބެލެހެއްޓޭނެބާއޭ ސައިފްގެ ހިތަށް އަރައެވެ. ކާއެއްޗެއްވެސް ނަޖުވާ ކަނީ ހިތަށް އަރައިފިއްޔާއެވެ. ސައިފް ދެތިން ހެދުން ގަނެގެން ގެނެސްދިނުމުންވެސް އޭގެ ބޭނުން ކުރާ ހިޔާލެއް ނުކުރެއެވެ. ފެންވަރައިގެންވެސް ލަނީ އަބަދު އެއް ހެދުމެކެވެ.

**************

ބްރޭކަށް ފަހު އަމްރާ އެނބުރި ކްލިނިކަށް އައެވެ. ރިސެޕްޝަން ގައި އެއްޗެއް ބުނެލުމަށްފަހު ގޮސް ކޮންސަލްޓޭޝަން ރޫމަށް ވަނެވެ. ގޮނޑީގައި ހަމަޖެހިލުމަށްފަހު އެއްޗެހި ތައް ތަރުތީބު ކޮށްލިއެވެ. ސްޓެތަސްކޯޕް ކަރުގައި އަޅުވައިލުމަށްފަހު ދެން ޖެހިގެން އިން ޕޭޝަންޓްގެ ނަމަށް ފިއްތައިލިއެވެ.

" އިބްރާއިކް ޒައިން..." ސްކްރީނަށް އަރައި ނަން ކިޔައިލުމާއެކު އަމްރާއަށް ހެވުނެވެ. އެނަމަކީ އޭނާ އާ ޒިވަން ކައިވެނިކޮށްގެން އުޅުނު އިރު ފިރިހެން ކުއްޖަކު ލިބިއްޖެނަމަ ކިޔަން ހަމަޖެއްސި ނަމެވެ. އެއީ ޒިވަންއަށް އެންމެ ކަމުދިޔަ ނަމެވެ. މާޒީގެ ފޮނި ހިޔާލަށް ގެއްލިފައި އިންދައި ރޫމްގެ ދޮރު ހުޅުވާލާފައި ޕޭޝަންޓާއި އޭނާގެ އެހީތެރިޔާ އެތެރެއަށް ވަނެވެ. ކޮމްޕިއުޓަރުގެ ސްކްރީނުން ނަޒަރު ވަކިކޮށްލުމަށްފަހު އަމްރާ ބަލައިލިއެވެ. ޒިވަންގެ މޫނަށް އަމްރާގެ ނަޒަރު ހުއްޓުނު ހިނދު އަމްރާއަށް ސިހުމެއް ލިބުނެވެ. ލައި ލައި ހުރި ނޭވާވެސް އެތެރޭގައި ތާށިވި ކަހަލައެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި މުޅި މީހާ ފިނިވެއްޖެއެވެ. އަމްރާ ކައިރީގައި ހުރި ގޮނޑީގައި ޒައިން ބޭންދުމަށްފަހު ކުރިމަތީގައި ހުރި ގޮނޑީގައި ޒިވަން އިށީނެވެ. އޭރުވެސް އަމްރާގެ ނަޒަރު ޒިވަންގެ މޫނުން ވަކި ނުވެއެވެ. އެތަކެއް ސުވާލެއް އަމްރާގެ ހިތަށް އަރައި ފައިބަމުން ދިޔައެވެ. ދަރިފުޅު ގޮވައިގެން ޒިވަން އޭނާގެ ކްލިނިކަށް އަންނަންވީ ކީއްވެ ހެއްޔެވެ؟ ކްލިނިކްގައި ބޮޑު އަކުރުން އޭނާގެ ނަން ލިޔެފައި އިންނާނެއެވެ. ޒިވަން އެތަނަށް އެއައީ ގަސްދުގައި ހެއްޔެވެ؟

***************

" ޑޮކްޓަރ އަމްރާ އާ ޔޫ އޯކޭ؟ "  ޒިވަން ބުނެލި އަޑު އިވުނެވެ. އަމްރާ ޒިވަންގެ މޫނުން ނަޒަރު ވަކިކޮށްލިއެވެ. ދަރިފުޅަށް ކިހިނެއްވީތޯ ސުވާލުކޮށްލިއެވެ. ޒިވަން ކިޔައިދޭ ވަރަކަށް އަމްރާ ނޯޓު ކުރަމުން ދިޔައެވެ. ޒައިން ބަލާ ނިންމާލުމަށްފަހު ބޭސްސިޓީއަކާ އެކު ޓެސްޓު ތަކެއް ހަދަން ދިނެވެ. އެއަށްފަހު ނަތީޖާއާއެކު ދައްކަން ބުންޏެވެ. ޓެސްޓް ތައް ދިނުމުންވެސް ޒިވަން ދާން ނޫޅޭތީ އަމްރާ ބަލައިލިއެވެ. ޒިވަންގެ ނަޒަރު ހުއްޓިފައި ހުރީ ސީދާ އަމްރާގެ މޫނަށެވެ.

" ޒެން ދޭބަލަ އެތަނަށް ކުޅެލަން...." އެތަނުގައި ހުރި ޕްލޭއިން ކޯނަރއަށް ޒައިން ފޮނުވައިލަމުން ޒިވަން ބުންޏެވެ.

" ހައު އާރ ޔޫ އެމީ..." ޒިވަން އަހައިލިއެވެ. އެވަގުތު އަމްރާއަށް ކުރެވުނީ ފޮނި އިހުސާސެކެވެ. އެނަމަކީ ޒިވަން އޭނާއަށް ލޯބިން ގޮވައިލާ ނަމެވެ. ހިނިތުންވާން އުޅެފައިވެސް އަމްރާ އަމިއްލަ ނަފްސު ކޮންޓްރޯލް ކުރިއެވެ.

" ރަނގަޅު.. ޒިވަން ކިހިނެއް..." އަތުގައި އޮތް ގަލަމާ ކުޅެން އިނދެ އަމްރާ އަހައިލިއެވެ.

" ރަނގަޅު ހަމަ..." ޒިވަން ބުންޏެވެ.

" ދަރިފުޅު ވަރަށް ލޯބި.. " ކުޅެން އިން ޒައިން އަށް ބަލައިލަމުން އަމްރާ ބުންޏެވެ. ޒިވަން ހިނިތުންވުމަކުން ފުއްދައިލިއެވެ.

" އަސްލު ކީއްވެ މި ކްލިނިކަށް އައީ.. އަހަރެން ހިޔެއް ނުކުރަން ޒިވަން މި ކްލިނިކަށް އައިސްދާނެ ކަމަކަށް.." އަމްރާ އޭނާގެ ހިތުގައި އޮތް ސުވާލުކޮށްލިއެވެ.

" ދަރިފުޅަށް ފަރުވާދޭން އަހަރެން ބަލަނީ އެންމެ ރަނގަޅު ޑޮކްޓަރުން.. ތީ މިހާރު މާލޭގައި ހުރި ކުޑަކުދިންގެ އެންމެ މޮޅު ޑޮކްޓަރޭ ބުންޏަސް ދޮގަކަށް ނުވާނެ.. " ޒިވަން އަމްރާއަށް ތައުރީފުކޮށްލިއެވެ. އަމްރާ ހިނިތުންވެލިއެވެ.

" އިފް ޔޫ ޑޯންޓް މައިންޑް.. އަދަރ ޕޭޝަންޓްސް އާރ ވެއިޓިންގް..." އަމްރާ ބުނެލިއެވެ. ޒިވަން ބޯޖަހައިލުމަށްފަހު ޒައިން އަށް ގޮވައި ގެނައެވެ. އެއަށްފަހު ޒައިންގެ އަތުގައި ހިފައިގެން ދާން ހިނގައިގަތެވެ. ދޮރު ހުޅުވަން އުޅެފައި ހުއްޓުނެވެ.

" ވުޑް ޔޫ ލައިކް ޓު ގޯ އައުޓް ވިތް މީ..." އެނބުރިލާފައި ޒިވަން ބުނި އެއްޗަކުން އަމްރާއަށް ކިޔާނެ ބަހެއް ނޭނގުނެވެ. އަނތްބެއް ހުރެ އަމްރާ ކައިރީގައި އެފަދަ އެއްޗެއް ބުނެދާނެ ކަމަކަށް އޭނާ ހިޔެއް ނުކުރެއެވެ.

" ގޯމޭ... މާދަން ރޭ.. ނުވައެއް ޖަހާއިރު..." އަމްރާއަށް ވަކި ޖަވާބެއް ނުދެވިގެން އުޅެނިކޮށް ޒިވަން ބުންޏެވެ. އެއަށްފަހު އަމްރާއަށް ވާހަކަ ދައްކާނެ އިތުރު ފުރުސަތެއް ނުދީ އެތަނުން ނިކުތެވެ. އަމްރާ ފުންނޭވައެއް ދޫކޮށްލިއެވެ. ދެންމެ ހިނގައި ދިޔަ ކަންތައް އަދިވެސް އޭނާއަށް ޤަބޫލުކުރަން ދައްޗެވެ. ޒިވަން ތަނާއި ގަޑި ބުނެފައި އެދިޔައީ އެކަމަށް އޭނާ އިންކާރު ކުރަން އުޅެނިކޮށެވެ. ދެމަފިރިއެއްގެ ދިރިއުޅުމުގެ ތެރެއަށް ވަންނަ މިހަކަށް އޭނާ ވާން ބޭނުމެއް ނުވެއެވެ.

************************

ސޯފާގައި ނިދިފައި އޮތް ސައިފަށް ހޭލެވުނީ ނަޖުވާގެ ރުއިމުގެ އަޑަށެވެ. ބޯހިއްލާލާފައި ބަލާލިއިރު ފެނުނު މަންޒަރުން ސައިފް ފުންމައިގެން ތެދުވިއެވެ. ނަޖުވާގެ މުޅި ހަށިގަނޑުގައި ތުރުތުރު އަޅަމުން ދިޔައިރު ރޮއެރޮއެފައި ކޮންމެވެސް އެއްޗެއް ކިޔަނީއެވެ. ކޮޓަރީގެ ލައިޓް ދިއްލުމަށްފަހު ސައިފް އައިސް ނަޖުވާ ކައިރީ އިށީނެވެ. ނަޖުވާއަށް އެވަނީ ކީއްކަން އޭނާ ދެނެގަންނަން މާގިނައިރެއް ނުނެގިއެވެ. ޑްރަގްސް ނަގާ މީހުންނަށް އެނުލިބި ގިނަ ދުވަސްވުމުން މިފަދަ ގޮތްތައް މެދުވެރިވެއެވެ. ބައެއް މީހުންނަށް އެކަމުގެ ސަބަބުން ބޮޑުވަރުވެ ހޮސްޕިޓަލަށް ގެންދާވަރުވެސް ވެއެވެ. ވިސްނުން ތެރިކަމާއެކު ސައިފް އެވަގުތު ކަންތައް ކުރީ އޭނާއަށް ފެނުނު އެންމެ ރަނގަޅު ގޮތަށެވެ. މަޑުމަޑުން ނަޖުވާ ނަގައި އޭނާގެ އަތުތެރެއަށް ލިއެވެ.

" އިޓްސް އޯކޭ ނަޖޫ.. ފައިޓް ކުރޭ.. އައި ނޯ ޔޫ ކޭން ޑޫ އިޓް.. " ނަޖުވާ އޭނާގެ މޭގައި ލައްކޮށްލައިގެން އިނދެ ބުރަކަށީގައި ފިރުމަމުން ސައިފް ކިޔަމުން ދިޔައެވެ.

" ނަޖޫ ތީ އެކަނިވެރިއެއް ނޫން.. އެންމެންވެސް ވަރަށް ލޯބިވޭ ނަޖޫ ދެކެ.. އަހަރެންވެސް މިހުރީނު.. އަހަރެން ނަޖޫ އެކަނިވިޔަ ނުދޭނަން...." ނަޖުވާ ހިތްހަމަޖެހޭ ފަދަ ވާހަކަތައް ސައިފް ދައްކަމުން ދިޔައެވެ. ނަޖުވާ އެއްކޮށް ހަމައަކަށް އެޅުނީ ވަރަށް ވަރުންނެވެ. އޭނާއަށް ނިދުނީވެސް ސައިފްގެ މޭގައި ލައްވަގެން އިނދެއެވެ. ނަޖުވާ ނިދީކަން ޔަގީންވުމުން ސައިފް މަޑުމަޑުން ނަޖުވާ އެނދުމަތީގައި ބާއްވައިލިއެވެ. ފަތިސް ނަމާދަށް ބަންގި ގޮވީ އެވަގުތުއެވެ. ފާހާނައަށް ވަދެ ވުލޫކޮށްގެން ކޮޓަރީގައި ތަޅުލުމަށްފަހު މިސްކިތަށް ދިއުމަށް ސައިފް މިސްރާބުޖެހިއެވެ.

******************

ދެހިޔާލެއްގައި ހުރެފައި މިއަދުވެސް ރޫބީ މާގަސްތަކުގެ ތެރެއަށް ނިކުތެވެ. ފެނުނު މަންޒަރުން ރޫބީ ހިތުގައި ޖެހުނެވެ. ގަސްތައް ބަލަހައްޓާ މީހާއާ ދިމާލަށް ހަޅޭއްލަވައި ގަނެވުނީ ބޭއީހްތިޔާރުގައެވެ. ސައިމާ ކަނޑައިލުމަށްފަހު ކޮތަޅަކަށް އަޅާ މަންޒަރު ފެނުމުން ރޫބީގެ ލޮލުން ކަރުނަ ނީރައިލިއެވެ.

" މާފުކުރައްވާ.. އެކަމަކު އަޅުގަނޑަށް އަންގާފައި އޮތް ގޮތަށް މިކަންތައް ކުރީ..." އެމީހާ ބުނެލިއެވެ.

" އަހަރެން މިގެއަށް އައި ފަހުން ދުވަހަކުވެސް ނުދެކެން މިތަނުން އެއްވެސް ގަހެއް އުނިކުރި ތަނެއް.. ދެން ކީއްވެ މިއަދު މިގަސް ކަނޑައިލީ.. ކާކު ބުނެގެން..." ރޫބީ ހިތްހަމަނުޖެހިފައި އަހައިލިއެވެ.

" އާކިން ކޮއްކޮ ބުނީ.. އަހަރެން ބުނިން ހުރާޝާ މެޑަމް ރުޅިއަންނާނެ.. އެކަމަކު ބުނީ މިގަސް ނުކަނޑައިފިއްޔާ ވަޒީފާއިން ވަކި ކުރާނޭ..." އެމީހާ ޖެހިލުންވެ ހުރެ ބުންޏެވެ. ވީގޮތް ރޫބީއަށް ރޭކާލި ދެނެވެ. އާކިން އެގަސް ކަނޑާ އެލީ އޭނާއަށް ޖެއްސުމަށެވެ. ރޫބީ އެތާ ހުންނައިރު އާކިން ޓެރޭސްގައި ބަލަހައްޓައިގެން ކިތަންމެ ދުވަހަކު ހުރެއެވެ. އައި ރުޅީގައި ރޫބީ ގެއަށް ވަންނަން ދިޔައެވެ. ޓެރޭސްއަށް ބަލައިލިއިރު އާކިން ނުލަފާ ގޮތަކަށް ހީނލައިގެން ހުއްޓެވެ. ރޫބީ ދެބުމަ ގޮށް ޖަހައިލުމާއެކު އާކިން މަލާމާތުގެ ހީނލަމުން އެނބުރި ދާން ހިނގައިގަތެވެ. ދަތްކުނޑިވިކައިލަމުން ރޫބީ އެތެރެއަށް ވަންނަން ހިނގައިގަތެވެ.

" ރޫބީ....." ފަހަތުން އިވުނު އަޑާއެކު ރޫބީގެ ދެފައިގައި ކަސްތަޅު އެޅުވުނު ފަދައެވެ. އެއިވުނީ އެއީ ކޮންއަޑެއްކަން އޭނާއަށް ދުވަހަކުވެސް ނޯޅޭނޭ އަޑެކެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، އިންޝާﷲ 16 ޑިސެމްބަރ ވާ ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް